އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް އެޕްލިކޭޝަން ދޫކޮށް ނުގޮސް ދަތުރުފަތުރުގެ އީ-ސިމް ޑޭޓާ ޕްލޭންތައް ސީދާ ގަނެވޭނެ އާ ހިދުމަތެއް ވަޓްސްއެޕުން ތައާރަފުކޮށްފިއެވެ.

މެޓާގެ ދަށުން ހިންގާ ވަޓްސްއެޕުން ނެރުނު ބަޔާނެއްގައި ބުނީ، މި ހިދުމަތުގެ ސަބަބުން އެހެން ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް ރޯމިން އަގުބޮޑު ހަރަދުތަކާ ނުލައި ފަސޭހަކަމާއެކު އިންޓަނެޓްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. މިއީ ވަންގްލޯބަލް ކުންފުންޏާ ގުޅިގެން ވަޓްސްއެޕުން ފޯރުކޮށްދޭން ފެށި ހިދުމަތެކެވެ.

މި ހިދުމަތުގެ ދަށުން ބޭނުންކުރާ ފަރާތްތަކަށް ދަތުރުކުރާ ގައުމާއި ދުވަސްތަކަށް ބަލައި ވަކި މިންވަރެއް ކަނޑައެޅިފައިވާ ޑޭޓާ ޕެކޭޖްތަކާއި އަންލިމިޓެޑް ޑޭޓާ ޕެކޭޖްތައް ހިޔާރުކުރެވޭނެއެވެ. ޑޭޓާ ޕެކޭޖެއް ގަތުމާއެކު، އެ ފޯނަކަށް އީ-ސިމް އޮޓޯއިން އިންސްޓޯލްވެ، އެ ގައުމަކަށް ފޯރާ ހިސާބުން އަމިއްލައަށް އެކްޓިވޭޓް ވާނެއެވެ.

މި އީ-ސިމް ހިދުމަތަކީ ހަމައެކަނި މޯބައިލް ޑޭޓާއަށް ހާއްސަ ހިދުމަތަކަށްވާތީ، ބޭނުންކުރާ ފަރާތްތަކުގެ އަސްލު ފޯނު ނަންބަރު ބަދަލުކުރާކަށް ނުޖެހޭނެ އެވެ. އެހެންކަމުން ދަތުރުމަތީގައިވެސް ކުރީގެ ނަންބަރު މެދުވެރިކޮށް ފޯނުކޯލްތަކާއި މެސެޖުތައް ލިބެމުންދާނެއެވެ.

ވަޓްސްއެޕުން މައުލޫމާތު ދޭ ގޮތުގައި، މި ހިދުމަތް މިހާރު ވަކި ގައުމުތަކަކަށް ދޫކުރަން ފަށާފައިވާއިރު، ކުރިއަށް އޮތް ތަނުގައި އިތުރު ގައުމުތަކަށް މި ހިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. ބޭނުންކުރާ ފަރާތްތަކަށް އެޕްލިކޭޝަންގެ ސެޓިންގްސްގެ ތެރެއިން މި ހިދުމަތް ލިބެން ހުރިތޯ ބަލައިލެވޭނެއެވެ.