މާލޭއަށް ދިމާވެފައިވާ ވެހިކަލް ޕާކިންގެ މައްސަލަތަކަށް ހައްލު ލިބޭނީ، ސަރުކާރުން ގޯތި ގަނެގެން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް "ޓޭސްޓްމީ" ރެސްޓޯރެންޓުގައި ޓެކްސީ ޑްރައިވަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، ޕާކިން މައްސަލައަށް އެ މަނިކުފާނު ހުށަހަޅުއްވާނެ ހައްލަކީ، އެ މަނިކުފާގެ ވެރިކަމުގައި ހުންނެވި އިރު، ކުރިއަށް ގެންދިޔަ ވެށިފަހި މާލޭ ޕްރޮގްރާމްގެ އުސޫލުން ޕާކުރާނެ ތަނެއް ހެދުމަށް ބޭނުންވާ ބިން ދޫކޮށްލާ ފަރާތްތަކަށް ހުޅުމާލެއިން ބޯހިޔާވަހިޔާ ވަހިކަން ފޯރުކޮށް ދިނުމަށް ކަމަށެވެ.
"އަޅުގަނޑުގެ ހުށަހެޅުމަކީ ވެށިފަހި މާލޭ ޕްރޮގްރާމްގެ އުސޫލުން، މީހުން ކައިރީ ބުނާނީ އެކިއެކި ދިމަދިމާލުގަ ކޮންމެ ބްލޮކެއްގަ، ކޮންމެ ބްލޮކެއްގެ އެބަ ބޭނުންވޭ 5،000 އަކަފޫޓުގެ ޖާގައެއް މަދުވެގެން. މިޖާގަ ދޫކޮށްލީމާ ހުޅުމާލެއިން އެމީހުންނަށް ތަންދީފަ، އެހެން ނޫނީ އިމާރަތްކޮށްދީފަ. މީ ހައުސިން ޕްރޮގްރާމެއް ނޫން. އެކަމް އެ މީހުންގެ ގޯތި ދޭތޯ ސަރުކާރުން މި އަހަން ޖެހެނީ އެ މީހުން ކައިރީގަ. އަނެއްހެން ދަންނަވަންޏާ އެ މީހުންގެ ގޯތި ގަންނަނީ. ގަނެފަ އެތަނުން އެޖާގަ ހޯދާފަ ކޮންމެ ތަނަކަށް ވެސް މިޖާގަ އެބަ ހޯދަންޖެހޭ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ޕާކިންގެ މައްސަލަތައް ދެން އޮންނަ ހައްލަކީ ޕަބްލިކް ޓްރާންސްޕޮޓޭޝަން ކަމަށެވެ. ނަމަވެސް ޓެކްސީއަކީ ވެސް މުހިންމު ހިދުމަތެއް ކަމަށާއި އެ ހިދުމަތްވެސް ފަސޭހައިން ދެވެންވާނެ ކަމަށެވެ.
ޓެކްސީ ޔޫނިއަނާ ހަވާލާދެއްވައި ނަޝީދު ވިދާޅުވީ، މާލޭގައި 1،500 ޓެކްސީ ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. މާލޭގައި ދުއްވާ ޓެކްސީތަކުގެ އަދަދު ވަކި ވަރަކަށްވުރެ އިތުރުނުވާ ގޮތަށް އަދަދެއް ކަނޑައަޅަންޖެހޭ ކަމަށާއި މާލެއަށް 1،500 ޓެކްސީއަކީ މަދު އަދަދެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މިހާރު 1،500 ޓެކްސީ އެބަ ބޭނުންކުރާ، އެހެންވީމާ އެ އަދަދު ނިންމާފަ، ދެން މަދުވާ އަދަދު، ބާކީވާ އަދަދަށް ސަރުކާރުން ހުށަހެޅުމެއް ހުށަހަޅަން ޖެހޭނެ. މީގެ ތެރޭގައި ޓެކްސީ އަނބުރާ ގަތުމަށާއި ޓެކްސީ ޑްރައިވަރުން ދެ ގޮތެއް ހުށަހެޅޭ. އެއް ގޮތަކީ ބަސް ކުންފުނިން ޓެކްސީ ޑްރައިވަރަށް މަސައްކަތް ލިބުން، ވަޒީފާ ލިބުން. ދެވަނަ ގޮތަކީ ހަމަ ޓެކްސީ ޑްރައިވަރަށް ހުނަރު ޕްރޮގްރާމެއްގަ އެހެން މަސައްކަތްތަކެއް އޭނާއަށް ދިނުމަށް ސަރުކާރުން ޕްރޮގްރާމެއް ހިންގުން. ކޮންމެ ގޮތެއްވިޔަސް ޓެކްސީ ޑްރައިވަރުގެ ޓެކްސީ އޯނަރުކަން ކާރު ގަތުން މީގެ ތެރޭގައި ހިމެނެން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.
މާލޭގައި ދުއްވާ ޓެކްސީތަކުގެ އަދަދު ސަރުކާރުން ބަލާފައިނުވާ ކަމަށެވެ. އެ މަނިކުފާނު 1989 ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓްރީގައި ވަޒީފާ އަދާ ކުރެއްވި އިރު ޓެކްސީގެ ހިދުމަތްތަކާ ބެހޭ ގޮތުން ސާވާއެއް ކޮށްފައިވާނެ ކަމަށެވެ. އެކަމަކު މިހާރު ހުރިހާ ކަމެއް ހައްދު ފަހަނަ އަޅައި ގޮސްފައި ހުރުމުން ޓްރެފިކް ސާވޭ އާއި މަގުތަކުގައި ވާގޮތެއް އަލުން ދެނެގަންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު