ރ. އަތޮޅު ދެކުނު ބިތުގައި ތަރައްގީ ކުރަން ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް ލަސްވަނީ އެއާޕޯޓް ހަދާނެ ބިން ކަނޑައެޅުމުގައި ދިމާވެފައިވާ މައްސަލައިގެ ސަބަބުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް އަލިފުއްޓަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ މިއަދު ރ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފައެވެ.
ރައީސް، ރ. އަތޮޅު ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ރ. އަތޮޅުން ކައުންސިލް މެމްބަރުން ވަނީ އެ އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއާޕޯޓުގެ މަސައްކަތް އަވަސް ކުރުމަށް އެދިވަޑައިގެންފައެވެ. އަދި ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ފައިބަރު ކުނި ނައްތާލެވޭނެ ގޮތް ހެދުމަށާއި އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޕިކްނިކް ދިޔުމަށް ތިން ރަށެއް ކަނޑައަޅައި ދިނުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.
ކައުންސިލް މެމްބަރުން ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގާ މަޝްރޫއުތައް އަވަސް ކުރަސްކުރަން އެދިވަޑައިގެންފައެވެ. އަދި ވަނީ ތާރީހީ ރަށެއްގެ ގޮތުގައި ކަނދޮޅުދޫ ތަރައްގީކުރުމަށް، އަތޮޅު ކައުންސިލާ ހަވާލުކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.
ކައުންސިލުން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވީ ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓެއް ތަރައްގީކޮށް ދެއްވާނެ ކަމަށެވެ. އެ މަސައްކަތް ލަސްވެފައިވަނީ އެއާޕޯޓަށް ބޭނުންވާ ބިން ކަނޑައެޅުމުގައި ދިމާވާ މައްސަލަތަކެއްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ތައާރަފުކޮށްފައިވާ، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް އެންމެ އަވަހަށް ދެން ފަށާނީ ރ. އަތޮޅުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރ. އުފުލަންދޫއަކީ މީގެ ކުރިން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށެއް ކަމަށާއި ނަމަވެސް އެރަށް މިހާރު ސަރުކާރަށް ނަގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެރަށް އަލުން ރ. އަތޮޅުގެ ރައްޔިތުންގެ ބޭނުންތަކަށް ދޫކުރައްވާނެ ކަމަށެވެ.
ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ކުރެވެން ހުރި ކަންކަން ބައްލަވައި ކައުންސިލުން އިތުރަށް ފާހަގަކުރި ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރ. އަތޮޅުގެ ދެކުނުބިތުގައި އެއާޕޯޓެއް ހަދަން އިއުލާން ކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ރ. އަތޮޅު ދެކުނުބިތުގައި ހަދަން ނިންމާފައިވާ އެއާޕޯޓަށް 23,600,000 ރުފިޔާ ހަރަދުވާނެއެވެ.