ކުލި ދެއްކުން ދަތިވާ ފަރާތްތަކަށް ކުލި ދެއްކުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ހަވީރު ހިޔާ ފުލެޓު ސަރަހައްދަށް ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގާ ނަމަ، އެ މަޝްރޫއެއް ނިމި، އެތަނުގައި މީހުންނަށް ދިރިއުޅެން ފެށެނީ ދިހަ ވަރަކަށް އަހަރު ފަހުން ކަމަށެވެ. އަދި ހުޅުމާލޭ ފޭސް ދޭކުން އަމިއްލަ ފަރާތްތަކަށް ބިން ދޫކޮށްފައިވާ ކަމަށާއި އެ ފަރާތްތަކުން ހައުސިން މަޝްރޫއުތައް ދެ ތިން އަހަރެއްގެ ތެރޭގައި ފުރިހަމައަށް ނިންމާލާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ވިޔަފާރީގެ އުސޫލުން ދައްކާ މިންވަރަށް ކުލި ތިރި ކުރުމަށްވުރެ ކުލި ދެއްކުން ދަތިވާ ފަރާތްތަކަށް ކުލި ދެއްކުމުގައި އެހީތެރިކަމެއް ފޯރުކޮށްދިނުން އެއީ ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅެން ޖެހޭ. ތަންތަން އިމާރަތްކުރުން އެއީ އަމިއްލަ ފަރާތްތަކުން ކުރަންޖެހޭ ކަންކަން އަދި އަމިއްލަ ފަރާތްތަކުން ކުރަން ތައްޔާރަށް ތިބި ކަންކަން. ތިބޭފުޅުން ބައްލަވާ ސަރުކާރުން އިމާރާތެއް އަޅަން ޖެހުނީމާ މަދުވެގެން ދިހަ އަހަރު އެބަނަގާ، އެތަނެއްގައި އިމާރާތް ކުރެވި އެތަން މީހުންނަށް ދެވެން. އެހެންނަމަވެސް އަމިއްލަ ފަރާތްތަކަށް ދޫކުރާ އެ ބިން އެބަ އަހަރެއް ދެއަހަރެއް ތެރޭ ހަދައި ނިންމާ. އަދި އެތަންތަނަށް މީހުންނަށް ވަދެވޭނެ ގޮތް ފަސޭހަކަމާއެކީގައި އެބަވޭ. ސަރުކާރުގެ ދައުރަކަށްވާންވީ މި ތަންތަނަށް ލިބޭ ކުލި ދެއްކުން ދަތިވާ، އާމްދަނީ މަދު މީހުންނަށް ކުލި ދެއްކުމުގައި އެހީތެރިވެދިނުން. އަޅުގަނޑުމެންގެ ސަރުކާރުގެ އިނާޔަތްތައް އަމާޒުކުރަން ޖެހެނީ އެ ނިކަމެތީންނަށް އެ އިނާޔަތްތައް ދެވޭނެ ގޮތް ހޯދައިދޭން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފުލެޓު ލިބޭ ފަރާތްތަކުން، އާމްދަނީ ހޯދުމުގެ ގޮތުން އެ ފުލެޓު ބޮޑު އަގުގައި ކުއްޔަށް ދޫކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.
އެމްޑީޕީގެ އަމާޒަކަށްވާންވީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުން ކަމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަންވާނީ ހަމައެކަނި މާލޭ ސަރަހައްދުގައި ނޫން ކަމަށެވެ. އަދި މާލޭ ކައިރީ ރަށްރަށުގެ އާބަދީ ބޮޑުކޮށް، ރަށަށް އިގުތިސޯދީ ނަފާ އިތުރުކުރަންޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި އެމްޑީޕީގެ ދެން އުފެދޭ ސަރުކާރެއްގެ އަމާޒަކަށްވާން ޖެހޭ އަވަސް މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބޯހިޔާވަހިކަން، ގިނަ އަދަދެއްގެ ފުލެޓު އިމާރަތްކުރެވި، ރައްޔިތުންނަށް އެތާނގައި ދިރިއުޅެވޭ ގޮތް ހޯދުން. އަޅުގަނޑު މިތަނަށް އައުމުން ނުހަނު ހިތްހަމަޖެހުން ލިބި، މިއީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތްތައް ހޯދައިދެވިދާނެކަމުގެ ރަނގަޅު ރަމްޒެއް. އަޅުގަނޑުމެންގެ އަމާޒަކަށްވާންވީ މިތަންތަން އެއީ ވިޔަފާރީގެ ހަމައިގައި ބިނާކުރެވި ދައުލަތުގެ މާލިއްޔަތަށް ބުރަނުވެ، ދައުލަތް ނުދަރައި، އަޅުގަނޑުމެންނަށް މިކަންކަން ކުރެވެން އޮންނާނެ އުސޫލުން ކުރުން،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން އަބަދުވެސް މަސައްކަތްކުރަމުން ދާން ޖެހޭނީ "މިއަދު ރައްޔިތުންނަށް ލިބޭ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް، މާދަމާ އެމީހުންނަށް ހޯދައިދިނުމަށް" ކަމަށް ނަޝީދު ވިދާޅުވިއެވެ. ތަރައްގީއަށް ދިމާވި އެންމެ ބޮޑު ހުރަހަކީ ކޮރަޕްޝަން ކަމަށާއި ހިޔާ ފުލެޓެއް ގަތުމަށް އަކަފޫޓަކަށް 2،000 ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އަދި މާލޭގައި އެންމެ ތަނަވަސްކޮށް އިމާރާތްކުރުމަށްފަހު ހަވާލުކުރަނީ އަކަފޫޓަކަށް 1،200 ރުފިޔާގެ ރޭޓުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"ރައްޔިތުން ނުދެކޭ ގެއަށް ގެންނަ ފައިސާ އެއީ ހަލާލު ނޫން ގޮތުގައި ގެންނަ ފައިސާއަށް ވާންޖެހޭ ކަމަކަށް. ކޮންމެ ލާރި ފޮއްޗަކީވެސް ތިމާގެ އަމިއްލަ މަސައްކަތުން މަސައްކަތްކޮށްގެން ހޯދާ ލާރި ފޮއްޗަކަށް ވާންޖެހޭ. ހޮޔޮ ގޮތުގައި ލިބޭ ރިޒްގު އެއީ އަޅުގަނޑުމެން ބޭނުންކުރަން ޖެހޭނެ އެއްޗަކީ. އަދި އެއީ އަޅުގަނޑުމެންނަށް ކުރިއެރުން ލިބޭ މަގަކީ،" ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު