ޚަބަރު

ނަޝީދު، ރައީސް ސޯލިހަށް: "ސްލޯ" ވުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫން

މުހައްމަދު އިޝާން

ސަރުކާރުގެ މަޝްރޫއުތަކާއި މަސައްކަތްތައް "ސްލޯ" ވުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެ ސިޓީގެ ދޫނޑިގަން އަވަށުގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ، ފުވައްމުލަކީ 1،000 ޓޫރިސްޓް އެނދު ގާއިމުވެފައިވާ ރަށަކަށް ހެދުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތައް ފޯރުކޮށް ދިނުމަށް ސަރުކާރަށް އުނދަގޫވެގެން ނުވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ މާމެލާމެއްޔާއި މޭވާއަކީ ފުވައްމުލަކުގައި ފަސޭހައިން ހެދޭ އެއްޗެހި ކަމަށާއި އިމްޕޯޓް ކޮށްގެން ގެންނަން ނުޖެހޭ ކަމަށެވެ. ނަމަވެސް މިހާރު އެ ތަކެތި ފުވައްމުލަކުގައި ނުހެދެނީ ސަރުކާރުން އަޅާނުލުމުގެ ސަބަބުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ލެބޯޓަރީއެއް ގާއިމްކުރަން ސަރުކާރުން ނިންމި ކަމަށާއި ނަމަވެސް ހަތަރު އަހަރު ފަހުން އެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބެލިއިރު އުންމީދު ކުރީ "ކޮންމެވެސް މީހަކު ޓެސްޓް ޓިޔުބަކަށް އެއްޗެއް ލައިގެން ބަލަހައްޓައިގެން ހުންނާނެ މަންޒަރު" ފެންނާނެ ކަމަށެވެ. ނަމަވެސް ސަރުކާރަށް އަދި ކުރެވިފައިވަނީ އެ މަސައްކަތަށް ބޭނުންވާ ބިން ކަނޑައަޅައި އެގްރިކަލްޗާ މިނިސްޓްރީއާ ހަވާލުކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދެން އަޅުގަނޑުމެން ލަހޭ، ސްލޯއޭ، މާމަޑުންނޭ، ފިނިހަކު ދުވެއްޔޭ އެއީ މިޕާޓީ ދަންނަ ގޮތެއް ނޫނޭ. މި ވާހަކަތައް އަޑުއުފުލަމުން މިގެންދަނީ ކެތް މަދުވާތީވެ. އަޅުގަނޑުވެސް މުސްކުޅި، އެންމެންގެވެސް ދުވަސްތައް މިއޮތް ދަނީ، ޒުވާން އުމުރު މިއޮތް ނިމެނީ، އާޖީލެއް ޒުވާންކަމާއެކީގަ އެބައާދޭ. އެއާޖީލަށް އަޅުގަނޑުމެން ގޮތެއް އަވަހަށް ދައްކައިދޭން ބޭނުން. ދަރިން ވަންނާނެތަން އަވަހަށް ހޯދައިދޭން ބޭނުން. އެ މީހުން އަދާކުރާނެ ވަޒީފާ، އެ މީހުންނަށްވާނެ ގޮތެއް، އެ މީހުންގެ ދުނިޔެ ހެޔޮކޮށްދިނުމަށް އަޅުގަނޑުމެން އެންމެންވެސް އެދޭ. އެހެންވީމާ އަޅުގަނޑުމެންނަށް ވަގުތު މަދީ. އެހެންވީމާ މި ދެންނެވެނީ ރައީސް އަރީހުގަ ރިއެކްޓްނުކޮށް ނޯންނަވާށޭ. ހެނދުނާ ތެދުވެވަޑައިގަންނަވާށޭ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައީސްޖުމްހޫރިއްޔާއަކީ ސަރުދާރެއް ކަމަށާއި އެއީ ރަދުންނެއް ނޫން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ ރަދުނެއްގެ ގޮތަށް ދެކުމަކީ ތަރައްގީއަށް އެޅޭ އެންމެ ބޮޑު ހުރަސް ކަމަށެވެ. ރައީސްޖުމްހޫރިއްޔާގެ ޝެހެންޝާ ކަމަށާއި އެ ގަދަރާއި އިއްޒަތާ ދުރުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިއަހަރު ގައުމު ކުރިމަތިލާން ޖެހިފައިވަނީ ބޮޑު ގޮންޖެހުންތަކަކާ ކަމަށާއި އެއީ އިގުތިސޯދީ އަލި މާލީ ހީނަރުކަން ކަމަށް ނަޝީދު ވިދާޅުވިއެވެ. ޓެކްސް އިތުރު ކުރަން ފެށުމާއެކު ތަކެތީގެ އަގު އުފުލިފައިވާ ކަމަށާއި މިހާރު މި މަހު ދައްކަން ޖެހޭ ބޭރުގެ ދަރަނީގެ އަދަދު 97 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އަދި މިއަހަރު ކޮންމެ މަހެއްގައި ވެސް 45 މިލިއަން ޑޮލަރާއި 50 މިލިއަން ޑޮލަރުން ދަރަނި ދައްކަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީން އެކުލަވާލި ޑެބިޓް ރީސްޓްރަކްޗާ ސިޔާސަތު ދޫކޮށްލައި ސަރުކާރުން ނިންމީ ދަރަނި ދައްކަން، ދަރަނި ނަގަން ކަމަށެވެ. އަދި މިހާރު ސަރުކާރުން ނިންމީ ޓެކްސްގެ ގޮތުގައި ރައްޔިތުންގެ އަތުން ފައިސާ އަތުލަން ކަމަށެވެ.

"އެއީ އަޅުގަނޑު ދެކޭ ގޮތުގާ އެއްގޮތަކަށްވެސް އެއްގޮތަކަށްވެސް ހަގީގަތުގާ އެމްޑީޕީ އާއި ރައީސްޖުމްހޫރިއްޔާއާ ދެވަނަ ފުރުސަތެއް ދެވެން ނެތް އެންމެ ބޮޑު ސަބަބު. ކީއްވެގެންތޯ އެހެން ހެއްދެވީ. ކީއްވެގެންތޯ މިހެން ހެއްދެވީ މީ އަޅުގަނޑުމެންގެ އިންތިހާބީ އަހަރޭ. އެމްޑީޕީގެ އިންތިހާބީ އަހަރު. މިއަހަރު ދަތީގެ ތެރެއަށް ފައިސާ ހަރަދުކުޑަ ކުރަން ޖެހިއްޖެ. އެލެވަންސްތައް މަދުކުރާން ޖެހި، ވަޒީފާތައް މަދުކުރާން ޖެހި، މިހުރިހާ ކަމެއް އަޅުގަނޑުމެން ކުރާން މިޖެހުނީ ރޭވުންތެރިކަމެއް ނެތީމަ،" ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންނަށް ދަތި ހާލެއް ޖައްސާފައިވަނީ އެމްޑީޕީން ނޫން ކަމަށާއި ސަރުކާރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.