ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ، އެންޒޯ ހޯދަން ޗެލްސީން ބޮޑު އަދަދެއް

ގަތަރު ވޯލްޑް ކަޕް 2022 ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ، އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް ހޯދަން ޗެލްސީން ބޮޑު އަގެއް ހުށަހަޅައިފިއެވެ.

އުމުރުން 21 އަހަރުގެ އެންޒޯ ހޯދަން ޗެލްސީން މަސައްކަތް ކުރަމުން އަންނަ އިރު، ހަބަރުތައް ބުނެފައި ވަނީ ބެންފިކާއާއި ޗެލްސީން މިވަގުތު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން ޗެލްސީން ބޭނުން ވަނީ އެންޒޯގެ ރިލީސް ފީއަށްވުރެ ބޮޑު އަދަދެއް ދީގެންވެސް އޭނާ ގެންދަން ކަމަށް ހަބަރުތައް ބުނެފައިވާ އިރު، އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައި ވަނީ ޗެލްސީން ފުރަތަމަވެސް ހުށަހެޅީ 120 މިލިއަން ޔޫރޯގެ ޓްރާންސްފާ އަގެއް ކަމަށެވެ.

ބެންފިކާއިން މި ސީޒަނަށް އެންޒޯ ގެންދިޔައީ ރިވާ ޕްލޭޓުންނެވެ. 2019 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް އެންޒޯ ރިވާ ޕްލޭޓުގައި ހޭދަކުރި ނަމަވެސް، އޭނާ މިދިޔަ ސީޒަންގައި ކުޅެފައި ވަނީ ޑެފެންސިޔާ ވައި ޖަސްޓިސިއާއަށެވެ. އެއީ ލޯން އެއްބަސްވުމެއްގައެވެ. އެންޒޯ ވޯލްޑް ކަޕާއެކު މިހާތަނަށް އާޖެންޓީނާއަށް 10 މެޗު ކުޅެފައިވާ އިރު، ވޯލްޑް ކަޕްގައި އޭނާ ފެނުނީ ތަފާތު މޮޅުކޮށެވެ. ހާއްސަކޮށް މެކްސިކޯ ކޮޅަށް ޖެހި ހިތްގައިމު ގޯލް ފާހަގަކޮށްލެވުނެވެ.

އެންޒޯގެ ޓްރާންސްފާއަށް ޗެލްސީއާއި ބެންފިކާ ރަސްމީ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އިތުބާރު ނޫސްތަކުން ބުނެފައިވީ ނަމަވެސް، ބެންފިކާގެ ރައީސް، ރުއި ކޯސްޓާ ވިދާޅުވީ އެ މަޝްވަރާތައް އަދި ކުރިއަށް ނުދާ ކަމަށެވެ.

ރުއި ކޮސްޓާ އެހެން ވިދާޅުވި ނަމަވެސް، ފަބްރީޒިއޯ ރިޕޯޓް ކޮށްފައިވާ ގޮތުގައި ކްލަބުގެ މެދުގައި މަޝްވަރާތައް ކޮށް، މިހާރު އެންޒޯގެ އެޖެންޓާވެސް ޗެލްސީން ވަނީ ވާހަކަ ދައްކައިފައެވެ. އެންޒޯގެ ފަރާތުން ޗެލްސީއަށް އާނބަސް ލިބިފައިވާ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.

ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާ ސީޒަނަށް ޗެލްސީން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނައިރު، ޕްރި އެގްރީމެންޓްގައި ގިނަ ކުޅުންތެރިންނެއްގެ ސޮއި އެޓީމުން ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ލެއިޕްޒިގަށް ކުޅެމުން އަންނަ ކްރިސްޓޮފާ އެންކުންކޫއާއި އައިވަރީ ކޯސްޓްގެ ފޯވަޑް، ޑަޓްރޯ ފޮފާނާވެސް ހިމެނެއެވެ.