އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުން މަޑުޖައްސާލާފައި، އެމްޑީޕީން ވަކިކޮށްފައިވާ 39،000 މެމްބަރުންގެ ހައްގު ހޯދުމަށް އެމްޑީޕީން މަސައްކަތް ކުރަންޖެހޭ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަނީ އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމްޑީޕީގެ ދަފުތަރުން 39،000 މެމްބަރުން އުނިކޮށްފައިވާތީ ޕްރައިމަރީ އިންސާފުވެރި ނުވާނެކަމަށް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ނަޝީދުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭން ފެއްޓުމަށް ސަލްޓަން ޕާކުގައި ރޭ ބޭއްވި "ފިކުރެއްގެ ދިރުން" ޖަލްސާގައި ވާހަކަދައްކަވަމުން ވެސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު ޕްރައިމަރީގައި ވާދަކުރަން ނިންމެވީ 39،000 މެމްބަރުންގެ ހައްގު ހޯދައިދީ، އަލުން އެ ޕާޓީގެ މެމްބަރުންނާ އެމްޑީޕީ ހަވާލުކުރުމަށް ކަމަށެވެ. ނަޝީދު އަދި އެމަނިކުފާނުގެ ކެމްޕޭން ޓީމުން ވެސް ތުހުމަތުކުރަނީ 39،000 މެމްބަރުން އުނިކޮށްފައިވަނީ ރައީސް ސޯލިހަށް އެ މެމްބަރުން ވޯޓު ނުދޭނެ ކަމަށް ރައީސް ސޯލިހަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށެވެ.
ނަޝީދުގެ ކެމްޕޭން ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި 39،000 މެމްބަރުން ޕާޓީން ވަކިކޮށްގެން ބާއްވާ ޕްރައިމަރީގައި ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތަސް، އެ 39،000 މެމްބަރުން ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ވޯޓު ނުދެއްވާނެ ކަމަށެވެ. ޕާޓީން ވަކިކުރި އެ 39،000 މެމްބަރުންގެ ތެރެއިން ގިނާއީ ޕާޓީ އުފެއްދި މެމްބަރުން ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ، އެ މެމްބަރުން އެމްޑީޕީ އުފެއްދީ ހުރިހާކަމެއް ގުރުބާން ކުރެއްވުމަށްފަހު ކަމަށެވެ. އެހެންކަމުން ގައުމީ މަޖިލީހުގެ ޖަލްސާއަކުން އެ މެމްބަރުން ވަކިކުރީމަ ރައީސް ސޯލިހަށް އެ މެމްބަރުން ދެއްވާނެ ވޯޓެއް ނޯންނާނެ ކަމަށް ހަސަން ވިދާޅުވިއެވެ.
"މި ހުރިހާ ކަމެއް ބޮލާލައި ޖަހާފައި މި ޕްރައިމަރީ ބާއްވަން އުޅޭތީ އެކަމުގެ ކަންބޮޑުވުން ހަގީގަތުގައި މީޑިއާ މެދުވެރިކޮށް އަޅުގަނޑު މި އެމްޑީޕީގެ މެމްބަރުންނަށް މިއަދު މި ފާހަގަކޮށްދޭން ބޭނުންވެގެން އަޅުގަނޑު މި ބައްދަލުކޮށްލީ. އަޅުގަނޑު ތި ބޭފުޅުންގެ ސުވާލުތަކަށް ދިއުމުގެ ކުރިން ދަންނަވާލަން ބޭނުން ހަގީގަތުގައި އެމްޑީޕީން މިވަގުތު ކުރަންވީ މަސައްކަތަކީ ޕްރައިމަރީ ބޭއްވުމުގެ މަސައްކަތް މަޑުޖައްސާލާފައި، އެމްޑީޕީން ވަކިކޮށްފައި އެ އޮތް 39،000 މެމްބަރުންގެ ހައްގުތައް ހޯދައިދެވޭނެ ގޮތަކަށް މަސަައްކަތްކޮށް، އެ މަސައްކަތް ނިންމުމުގެ ކުރިން ޕްރައިމަރީ ބޭއްވުމުގެ މަސައްކަތް އިހަށް ނުކޮށް، މަޑުޖައްސަން. އެކަން ކުރަން އޮންނަ ހަމަތަކަކީ ގައުމީ މަޖިލީހެއް ބާއްވައިގެން އެކަން ކުރެވިދާނެ. އެއީ ވެސް ރައީސް ސޯލިހުގެ އަގުލަބިއްޔަތު އޮންނަތަނެއް ކަމަށް ވިދާޅުވަމުން މިގެންދެވީ،" އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ބަލިވާ ގޮތަކަށް ކަންކަން ކޮށްގެން ނުވާނެކަމަށް ހަސަން ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޕާޓީތަކުގެ މެމްބަރުންގެ ޕާޓީއަށް ވަންނަ ފޯމުގައި ފިންގާ ޕްރިންޓް ޖަހަން ގާނޫނަކުން މަޖުބޫރު ކުރުމުން އެކަމާ ދެކޮޅަށް އޭރު އެމްޑީޕީން 2015 ވަނަ އަހަރު ކޯޓަށް ދިޔަ ކަމަށް ހަސަން ވިދާޅުވިއެވެ. ކޯޓަށް ދިޔައީ އެ ގާނޫނު ފާސްވުމުގެ ކުރިން ޕާޓީއަށް ވަދެ ތިބި މެމްބަރުން ފިންގާ ޕްރިންޓް ޖަހަން ޖެހޭގޮތަށް އޮތުން އެއީ ގަބޫލުކުރެވޭ ކަމަކަށް ނުވުމުން ކަމަށް ހަސަން ވިދާޅުވިއެވެ.
"މި ފަހުން އަޅުގަނޑުމެން މި ވާހަކަ ދެއްކީމާ ޕާޓީގެ އިދާރީ ހިންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުން އެބަހުރި މީޑިއާގައި ވިދާޅުވެފައި މިހާރު އަޅުގަނޑުމެން ކޮން ވާހަކައެއްހޭ ދައްކަނީ ފިންގާ ޕްރިންޓް ޖަހަން ޖެހިގެން އެއީ މައްސަލައަކަށް ވެގެން. 2016 ވަނަ އަހަރު މި ޕާޓީން ބޮޑު ކެމްޕޭނެއް ހިންގި ޕިންގާ ޕްރިންޓް ޖަހަން. ތެދުފުޅެއް، އަޅުގަނޑުމެންނަށް އެ ނޫން އެއްވެސް މަގެއް ނެތުނީމަ އަދި ޕާޓީގެ ދަފުތަރުގައި އޭރު ނުހިމެނޭ މެމްބަރުން ފިންގާ ޕްރިންޓް ޖަހައިގެން ނޫން ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލުނުކުރާނެ ކަމަށް ނިންމުން ނިންމައި އަދި މުހުލަތެއް 2016 ވަނަ އަހަރުގެ ޑިސެމްބަރަށް އެކަން ކުރުމަށް އެންގީމަ ޕާޓީން އެ ކެމްޕޭން ހިންގީ ފިންގާ ޕްރިންޓް ޖަހަން. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކޮށްގެން އަޅުގަނޑުމެން ކުރި ކަމެއް ނޫން. އެހެނަސް ޕާޓީގެ މެމްބަރުންގެ އަދަދު މަދުވެގެންދާނެތީ އެކަން ވިޔަ ނުދިނުމަށްޓަކައި އޭރު އަޅުގަނޑުމެން ހިންގި ކެމްޕޭނެއް،" ހަސަން ވިދާޅުވިއެވެ.
އެމްޑީޕީން އޭރު ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް ނުގެނެވުނީ ޔާމީނަށް މެޖޯރިޓީ އޮތުމުން ކަމަށާއި ނަމަވެސް މިހާރު އެމްޑީޕީގެ އައުލަބިއްޔަތެއް ނުވަތަ ރައީސް ސޯލިހު ވިދާޅުވާ ގޮތުންނަމަ ރައީސް ސޯލިހުގެ އައުލަބިއްޔަތެއް އޮވެ، އެހާ ގިނަ އަދަދެއްގެ މެމްބަރުން ޕާޓީން ވަކިވެގެންދާ އިރު، އެމްޑީޕީން ގަބޫލުކުރި ވިސްނުން ދޫކޮށްލާފައި، އެހެން ވިސްނުމެއްގައި އެ މެމްބަރުން ޕާޓީން ވަކިވާ ގޮތަކަށް އަމަލުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ފިންގާ ޕްރިންޓް ޖަހަން ޖެހޭތީ އެމްޑީޕީން 2016 ވަނަ އަހަރު ހުށަހެޅި މައްސަލަ މިހާރު ބަދަލު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. އެކަން ނުކޮށް، އަވަސް އަރުވާލައިގެން ޕްރައިމަރީ ބޭއްވުމަކީ މައްސަލައެއް ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު