އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވައި، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިފިނަމަ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ 20 ޕަސަންޓް ވޯޓް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭން ފެއްޓުމަށް ސަލްޓަން ޕާކުގައި މިރޭ ބޭއްވި "ފިކުރެއްގެ ދިރުން" ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ރިޔާސީ ޕްރައިމަރީއަށް ނުކުމެވަޑައިގެންނެވީ ގައިގައި ހުރި ލަކުނުތައް މަދުވެގެން ނޫން ކަމަށާއި އަދި ލިބިފައިވާ ގެއްލުންތައް ވެސް ކުޑަވެގެން ނޫން ކަމަށެވެ. ރިޔާސީ ޕްރައިމަރީއަށް ނުކުމެވަޑައިގެންނެވީ އަލުން އެމްޑީޕީ، އެ ޕާޓީގެ މެމްބަރުންނާ ހަވާލުކުރައްވަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ސޯލިހު ކަމަށްވެއްޖެނަމަ، އެމްޑީޕީއަށް ލިބޭނެ ވޯޓުގެ އަދަދު މަދުވާނެކަން ވަރަށް ސާފު ކަމަށެވެ.

"އަޅުގަނޑު ނުކުމެ މިހުރީ ރައީސް ސޯލިހަކީ އެމްޑީޕީގެ ކެންޑިޑޭޓުކަމަށް ވެއްޖެނަމަ، މި ޕާޓީގެ ވޯޓުގެ ނިސްބަތަކީ 20 ޕަސަންޓް މަދު އަދަދެއްކަމަށް ވެދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ،" ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުން އަދި ސަރުކާރު ކުންފުނިތަކުގެ ސިޔާސީ މުވައްޒަފުން ރައީސް ސޯލިހަށް ތާއިދުކުރައްވާކަން ހާމަކުރެއްވިޔަސް، ޕްރައިމަރީގައި އެބޭފުޅުންގެ ވޯޓް ރައީސް ސޯލިހަށް ނުދެއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ މަނިކުފާނު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ އެމްޑީޕީ އަލުން އެ ޕާޓީގެ މެމްބަރުންނާ ހަވާލުކުރަން ކަމަށެވެ. ރައީސް ސޯލިހާއި އެ މަނިކުފާނުގެ ޓީމުން މިދިޔަ ފަސް އަހަރު ދުވަހު މަސައްކަތް ކުރެއްވީ ޕާޓީގެ ޖޯޝު ބޭނުން ކޮށްގެން، އެ މަނިކުފާނާއި 39،000 މެމްބަރުން ޕާޓީން ވަކިކުރަން ކަމަށެވެ.