ގަތަރު ވޯލްޑް ކަޕް 2022 ގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ކްލަބު ފުޓުބޯޅައަށް ނުކުންނާނީ މިމަހަށްފަހު ކަމަށް ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގަލްޓިއާ ބުނެފިއެވެ.
މިފަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބުކޮށްފައިވާ އިރު، އެޓީމުގެ ތަރިއަކީ މެސީއެވެ. މެސީ ވަނީ ވޯލްޑް ކަޕްގައި މޮޅަށް ކުޅެ، ހަތް ގޯލްވެސް ޖަހައިފައެވެ. މުބާރާތުގެ ރަން ބޯޅަވެސް މެސީ ހޯދާފައިވާ އިރު، މިފަހަރުގެ ވޯލްޑް ކަޕަކީ މެސީގެ ކެރިއަރުގައި ލިބުނު ފުރަތަމަ ވޯލްޑް ކަޕެވެ. އެ ވޯލްޑް ކަޕަކީ 36 އަހަރަށްފަހު އާޖެންޓީނާއަށް ކާމިޔާބުކުރެވުނު ފުރަތަމަ ވޯލްޑް ކަޕެވެ. ވޯލްޑް ކަޕްގެ ތަށްޓާއެކު އާޖެންޓީނާގައި އުފާފާޅުކުރުންތައް ވަރަށް ބޮޑަށް ކުރިއަށް ގެންގޮސްފައިވާ އިރު، މެސީ މިވަގުތު ހުރީ އާއިލާއާއެކު ވަގުތު ހޭދަކުރުމުގައެވެ.
ވޯލްޑް ކަޕަށްފަހު ޕީއެސްޖީން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ސްޓްރަސްބާގާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗުގައި މެސީ ނުފެންނާނެކަން ފާހަގަކޮށް ކޯޗު ގަލްޓިއާ ބުނީ، މެސީ ޕީއެސްޖީ ތަމްރީނުތަކަށް ނުކުންނާނީ އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުގައި ކަމަށެވެ.
"ފުރިހަމަ ވޯލްޑް ކަޕެއް މެސީ ނިންމާލީ. ހާއްސަކޮށް މެސީއަށް ވޯލްޑް ކަޕް ކާމިޔާބުކުރެވުމާއެކު އޭނާ މިވަގުތު ހުރީ އާޖެންޓީނާގައި އުފާފާޅުކުރުންތަކުގެ ތެރޭގައި. އަހަރެމެން ނިންމާފައި އޮންނާނީ މެސީއަށް މިމަހުގެ ނިޔަލަށް ބްރޭކެއް ދިނުމަށް. މެސީ ތަމްރީނުތަކާ ގުޅޭނީ އަންނަ މަހުގެ ދެވަނަ ދުވަހު. އެއީ 13 ނޫނީ 14 ދުވަހުގެ ޗުއްޓީއަކަށްފަހު،" ގަލްޓިއާ ބުންޏެވެ.
ވޯލްޑް ކަޕްގައި ކުޅުނު ޕީއެސްޖީގެ ބައެއް މުހިއްމު ކުޅުންތެރިން މިހާރު ދަނީ ކްލަބުގެ ތަމްރީނުތަކުގައި ވާދަކުރަމުންނެވެ. ވޯލްޑް ކަޕް ފައިނަލަށްފަހު ތިން ދުވަސްވެސް ނުވަނީސް، ކިލިއަން އެމްބާޕޭވެސް ތަމްރީނުތަކަށް ނުކުމެފައިވާ އިރު، ސެމީ ފައިނަލްގައި ކުޅުނު މޮރޮކޯގެ އަޝްރަފް ހަކީމީވެސް މިހާރު ދަނީ ޕީއެސްޖީއާއެކު ތަމްރީނުތަކުގައި ބައިވެރިވަމުންނެވެ.
މެސީ 2021 ވަނަ އަހަރު ޕީއެސްޖީއަށް ދިޔައީ ބާސެލޯނާގައި އެތައް އަހަރެއް ހޭދަކުރުމަށްފަހުއެވެ. ޕީއެސްޖީއަށް ގޮސް ފުރުތަމަ ސީޒަނުގައި މެސީއަށް އެންމެ އެކަށޭނެ ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، މި ސީޒަނުގައި ފެންނަނީ އާދަޔާ ހިލާފު ފޯމެއްގައެވެ. އެގޮތުން އާޖެންޓީނާއާއެކު ވޯލްޑް ކަޕަށް ދިޔުމުގެ ކުރިން ޕީއެސްޖީ ޖާޒީގައި މެސީ ކުޅުނު 13 ލީގު މެޗުގައި އޭނާ ހަތް ގޯލް ޖެހިއެވެ. އަދި ޗެމްޕިއަންސް ލީގުގައިވެސް ހަތަރު ގޯލް ޖަހާފައިވެއެވެ.
މެސީ ފުރަތަމަ ހެދި އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް، އެ އެއްބަސްވުން އިތުރު އެއް ސީޒަނަށް އާކުރުމަށް މިހާރު މެސީ ވަނީ ޕީއެސްޖީއާއެކު އެއްބަސްވުމަކަށް އައިސްފައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ސްކޮޑުގެ ތަމްރީނުތަކާ ގުޅުމަށްފަހު މެސީ ވަރަށް އަވަހަށް އެއްބަސްވުން އާކުރިކަން އިއުލާން ކުރާނެއެވެ.