ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބައްދަން މެންޗެސްޓާ ޔުނައިޓެޑަށް ގެންދަން ޖެހޭނީ ފެންވަރު ރަނގަޅު ފޯވަޑެއް ކަމަށް ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.
ޔުނައިޓެޑުން މި ސީޒަން ފެށީ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯއާއެކުގައި ނަމަވެސް، ވޯލްޑް ކަޕްގެ ކުރިން ކްލަބާ މައްސަލަ ޖެހި ރޮނާލްޑޯއާއި ޔުނައިޓެޑުން ވަނީ އެއްބަސްވުން އުވާލައިފައެވެ. ރޮނާލްޑޯއާއެކު މެންޗެސްޓާ ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
ރޮނާލްޑޯ ޔުނައިޓެޑާއެކު މި ސީޒަނުގެ ފުރަތަމަ ބައި ހޭދަކުރި ނަމަވެސް، އެ ކްލަބާއެކު އެއްބަސްވުން ބާތިލުކުރީ މައްސަލަތަކެއް ދިމާވެގެންނެވެ. ވޯލްޑް ކަޕަށް ދެތިން ދުވަހަށް ވެފައިވަނިކޮށް ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ބަހުގެ ހަމަލާތައް އަމާޒުކޮށް، ވަރުގަދަ އިންޓަވިއުއެއް ދީފައެވެ. ރޮނާލްޑޯ އިންޓަވިއު ދީފައިވަނީ މަޝްހޫރު ޖާނަލިސްޓް އަދި ޓީވީ ހޯސްޓް ޕިއާސް މޯގަންގެ ހާއްސަ ޕްރޮގްރާމަކަށެވެ.
އެ އިންޓަވިއުގައި ޔުނައިޓެޑްގެ ބޯޑަށާއި ކޯޗުންނަށްވެސް ރޮނާލްޑޯ ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
ރޮނާލްޑޯ ނެތުމާއެކު ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާ ސީޒަނުގައި ފޯވަޑެއް ހޯދުމަށް ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގައި މިހާރުވެސް ވަނީ މާޔޫސްކަމާ ކުރިމަތިލާން ޖެހިފައެވެ. އެއީ އެ ޓީމުން އެންމެ ބޮޑަށް ބަލަމުންދިޔަ ފޯވަޑް، ނެދަލޭންޑްސްގެ ކޯޑީ ގަކްޕޯ ލިވަޕޫލަށް ސޮއިކުރުމާ ގުޅިގެންނެވެ.
"އަހަރެމެންނަށް ފޯވަޑެއް (ރޮނާލްޑޯ) ގެއްލިއްޖެ، އެހެންވީމަ ފޯވަޑެއް ގެންނަން އެބަޖެހޭ. ފޯވަޑެއް ގެންނަން ޖެހޭނީ ހަމައެކަނި ސްކޮޑަށް ކުޅުންތެރިޔަކު އިތުރުކޮށްލާކަށް ނޫން. ރަނގަޅު ފެންވަރުގެ ފޯވަޑެއް ގެންނަން ޖެހޭނީ. ރަނގަޅު ފެންވަރުގެ އެކަށޭނެ ފޯވަޑެއް ނޫނީ ނުގެނެވޭނެ. މިއީ ޔުނައިޓެޑް، މި ކްލަބުގެ ކްރައިޓީރިއާ ވަރަށް މަތިވާނެ،" ޓެން ހާގް ބުންޏެވެ.
ފޯވަޑެއް ހޯދުމަށް ޓެން ހާގާއި ޔުނައިޓެޑަށް ޗެލެންޖުތަކެއް ދިމާވެފައިވާ އިރު، އެ ކްލަބުގެ ހާލަތުވެސް މިވަގުތު އޮތީ އެންމެ އެކަށޭނެ ގޮތަކަށް ނޫނެވެ. ޔުނައިޓެޑްގެ ވެރިން، ގްލޭޒާސް އާއިލާއިން އެ ކްލަބު ވިއްކާލަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ހަރަދުތައް ކުރަން އުނދަގޫތަކާ ކުރިމަތިވެފައިވާ އިރު، ޔުނައިޓެޑުން ދަނީ ބައެއް ކުޅުންތެރިންނަށް ބަލަމުންނެވެ.
އޭގެ ތެރޭގައި ނެދަލޭންޑްސްގެ މެންފިސް ޑިޕާއީއާއި ނަޕޯލީއަށް ކުޅެމުންދާ ނައިޖީރިއާގެ ވިކްޓޯ އޮސިމްހެމްވެސް ހިމެނެއެވެ. ނަމަވެސް އަދި ރަސްމީ ސިފައެއްގައި ޔުނައިޓެޑުން ކުޅުންތެރިއަކަށް ބިޑްކޮށްފައެއް ނުވެއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް