އެމްޑީޕީން މިރޭ ބޭއްވި ގައުމީ ޖަލްސާގައި ވޯޓަށް އަހަނިކޮށް، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރާ މެމްބަރުން ޖަލްސާ ބޮއިކޮޓްކޮށްފިއެވެ.
އެމްޑީޕީން މިރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަކީ ރިޔާސަތުން ދޭ މައުލޫމާތު އާންމު ކުރުމާއި ރިޔާސީ ޕްރައިމަރީއަށް ގައުމީ މަޖިލީހުން ފަސް މެމްބަރުންގެ ކޮމިޓީއެއް ނެގުމަށް ބޭއްވި ޖަލްސާއެކެވެ.
ޕްރައިމަރީގެ ކޮމިޓީއަށް ފަސް މެމްބަރުން ނަގަން ނިންމާފައިވާ އިރު، ރައީސް ނަޝީދުގެ ފެކްޝަނުން ހުށަހެޅީ އެ ފެކްޝަނުން ދެ މެމްބަރެއްގެ ނަން ހުށަހެޅުމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ދެ މެމްބަރެއްގެ ނަން ހުށަހެޅުމަށެވެ. އޭގެ އިތުރުން ދެ ފެކްޝަނުން ވެސް އެއްބަސްވާ އެއް މެމްބަރެއްގެ ނަން ހުށަހެޅުމަށެވެ.
ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ. އެއަށްފަހު ނަޝީދުގެ ފެކްޝަނުން ދިޔައީ ފައްޔާޒަށް ބަހުގެ ހަމަލާތައް އަމާޒު ކުރަމުންނެވެ. އެގޮތުން ހުދު މުހުތާރުކޮށް ގައުމީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރިޔާސަތުގައި އިންވަނައިގެން މަލާމާތުގެ ރާގަކަށް ވާހަކަދައްވަމުންދާ ކަމަށް މެމްބަރުން ދިޔައީ ތުހުމަތުކުރައްވަމުންނެވެ. އަދި ނަން ހުށަހެޅުމަށް އެ ފެކްޝަނަށް މަޝްވަރާކުރުމަށް އެކަށީގެންވާ ވަރަށް ވަގުތު ނުދެއްވާ ކަމަށް ވެސް ބުނަމުންދިޔައެވެ.
ނަޝީދު ފެކްޝަނުން ހުށަހެޅި ނަންތަކަށް ވޯޓަށް އެހުމުން އެ ނަންތައް ގައުމީ މަޖިލީހުން ފާސްވެފައެއް ނުވެއެވެ. އެ ނަންތަކަށް ތާއިދު ނުކުރަން ނިންމީ ރައީސް ސޯލިހުގެ ފެކްޝަނުންނެވެ. ވަކިވަކި ނަންތައް ވޯޓަށް އަހަން ފެނޭތޯ ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ވޯޓެއް ނެގުމުން ވެސް އެގޮތަށް ފާސްވެފައެއް ނުވެއެވެ.
އެގޮތަށް ފާސް ނުވުމުން ނަޝީދަށް ތާއިދުކުރައްވާ މެމްބަރުން ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާ ބޮއިކޮޓްކޮށްފައެވެ. ނަޝީދަށް ތާއިދުކުރާ ހުރިހާ މެމްބަރުން އެ ޖަލްސާ ދޫކޮށް ނުކުތެވެ.
ޖަލްސާ ބޮއިކޮޓްކޮށް ނަޝީދު ފެކްޝަންގެ މެމްބަރުން ދިއުމުން ވެސް ފައްޔާޒް ވަނީ ވޯޓަށް އެހުން ކުރިއަށް ގެންދަވައިފައެވެ. އެގޮތުން ޕްރައިމަރީ ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ރައީސް ސޯލިހުގެ ފެކްޝަނުން ހުށަހެޅި ނަންތަކަށް ވޯޓަށް އަހައި ވަނީ ފާސްކޮށްފައެވެ.
ޕްރައިމަރީ ކޮމިޓީ މެމްބަރުންގެ ގޮތުގައި ފާސްވި ނަންތަކަކީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ)، އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މިހާރު އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު، އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން، އަހުމަދު އަބްދުﷲ އަފީފް އަދި މުހައްމަދު އީމާނެވެ.
އެ ވޯޓަށް ފަހު އެޖެންޑާގައި އިތުރު ކަމެއް ނެތުމުން ފައްޔާޒު ވަނީ ގައުމީ ޖަލްސާ ނިންމަވާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު