ޔުކްރޭނުގެ ހަނގުރާމައަށް މިހަފުތާގައި ދިހަމަސް ފުރިއްޖެއެވެ. ހަނގުރާމައިގެ ކޮޅެއް، މެދެއް، މިސްރާބެއް އަދިވެސް ފެންނާކަށް ނެތެވެ. ސުލްހަ އަންނާނެ ކަމެއްވެސް، އަދި އަންނާނެ ގޮތެއްވެސް އެނގޭބަޔަކު ނެތެވެ. ހަނގުރާމަ ފިނިކުރަން، ސުލްހަޔަށް މަގުފަހިކުރަން ބައިނަލްއަގުވާމީ މުޖުތަމައުންކުރާ މާބޮޑުކަމެއް ނެތެވެ. ކުރާކަމެއްވިއްޔާ ކުރަނީ ހަނގުރާމަޔަށް ދަރުއަޅައި އިތުރަށް ވަރުގަދަކުރުމަށެވެ. ބައިނަލްއަގުވާމީ މުޖުތަމައު އޮތީ ދެބަޔަކަށް ބެހިފައެވެ. އެއްބަޔަކީ ރަޝިޔާ ބަލިވުމަށް އެދިގެން ޔުކްރޭނަށް ވާގިވެރިވާ ގައުމުތަކެވެ. އަނެއްބަޔަކީ ރަޝިޔާ މޮޅުވުމަށް އެދިގެން ރަޝިޔާއަށް މަދަދުކުރާ ގައުމުތަކެވެ. ހުޅަނގުގެ ގައުމުތައް ޔުކްރޭނާއެކީގައެވެ. އިރުމަތީގެ ބޮޑެތި ބާރުތައް މައިގަނޑު ގޮތެއްގައި ރަޝިޔާއާ އެކީގައެވެ. އެހެންވީމާ ހުއްޓުމެއްނެތި ހަނގުރާމަ އެހެރަގެންދަނީ ކުރިއަށެވެ.
ފިނިމޫސުން އަތުވެއްޖެއެވެ. ރަޝިޔާއިން މިހަނގުރާމަ ފެށީވެސް ފިނި މޫސުމެއްގައެވެ. ގިނަބަޔަކު ހީކޮށްގެންތިބީ އައު ފިނިމޫސުމެއް އައުމުގެ ކުރިން ހަނގުރާމަ ކޮޅެއްގައި ޖެހޭނޭ ކަމުގައެވެ. އެކަމަކު އެހެނެއް ނުވިއެވެ. މިހާރު ގަބޫލުކުރެވޭ ގޮތުން މި ފިނިމޫސުމުގެ ތެރޭގައި ހަނގުރާމައިގެ ބާވަތަށް ނުހަނު ބޮޑު ބަދަލެއް އަތުވެދާނެއެވެ. ރަޝިޔާއިން އައު އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވަނީ ގަބޫލުކުރެވިފައެވެ. ޔުކްރޭނުގެ ވެރިރަށް ހިފުމަށްޓަކައެވެ. އަނެއްކޮޅުން ޔުކްރޭނުން އެބަބުނެއެވެ. މި ފިނިމޫސުމުގެ ތެރޭގައި ހަނގުރާމައިގެ މަލަމަތި މުޅިން ބަދަލުކުރާނަމެވެ. ބަޔަކު ހީވެސްނުކުރާ ގޮތަށް މައިދާން ބަދަލުކޮށްލާނަމެވެ. މިއީ ޔުކްރޭނަށް ނަސްރު ލިބިގެން ހަނގުރާމަ ނިމުމުގެ މަރުހަލާއެވެ. ލޯތައް ހުޅުވައިގެން ބަލަން ތިބޭށެވެ.
ދުނިޔޭގެ އެންމެން މިތިބީ ވާނުވާ ދެނެގަތުމަށްޓަކައި ލޯހުޅުވައި ބަލައިގެންނެވެ. އިވޭ ކޮންމެ ވާހަކަޔަކާ ދޭތެރޭ ވިސްނައި ފިކުރުކުރުމުގައެވެ. ކިތަންމެ ވަރަކަށް ލޯ ހުޅުވިއަސް ޔުކްރޭނަށް ނަސްރުލިބޭނޭ ކޮޅެއް، މަގެއް އަދި ނުފެނެއެވެ. ހުސްވި ހަފުތާތެރޭގައި ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީ ވަނީ އެމެރިކާއަށް ދަތުރުފުޅެއް ކުރައްވައި ރައީސް ޖޯ ބައިޑެންއާ މަޝްވަރާ ކުރައްވައިފައެވެ. މިއީ ހުއްޓުމެއްނެތި އެމެރިކާގެ އަސްކަރީ، މާލީ އެހީ ލިބޭނޭކަން ކަށަވަރު ކުރުމުގެ ދަތުރުފުޅެކެވެ. އަައު ބާވަތްބާވަތުގެ ނުރައްކާތެރި ހަތިޔާރު ހޯދުމަށް ބާރުއެޅުމުގެ ދަތުރުފުޅެކެވެ. ޔުކްރޭނުން އެންމެ ބޮޑަށް ބޭނުންވެގެން އުޅޭ އެއްޗަކީ ޕެޓްރިއޮޓް މިސައިލޭ ކިޔުނު މިސައިލެކެވެ. އެތަކެތި ލިބެނިކޮށް ދެން ލަސްތަކެއްނުވެ ރަޝިޔާ ބަލިކުރެވިދާނޭކަމަށް ޒެލެންސްކީ ހީފުޅުކުރައްވައެވެ.
ޕެޓްރިއޮޓް މިސައިލަކީ ވައިގެތެރޭގައި ދުޝްމަނުންގެ މިސައިލްތަކާއި ޑްރޯންތަކާއި ދެންވެސް އެޒާތުގެ ތަކެތި ވައްޓައިލުމުގެ ގާބިލްކަން ލިބިގެންވާ ވަރަށް މުޖައްރިބު ހަތިޔާރެކެވެ. ވައިގެ ދިފާއީ ނިޒާމުގައި އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަށް ލިބިގެންވާ އެންމެ ޒަމާނީ އަދި އެންމެ އިތުބާރު އެއްޗަކީވެސް ޕެޓްރިއޮޓް މިސައިލެވެ. މި ހަތިޔާރު ލިބިއްޖެނަމަ ހަނގުރާމައިގެ މައިދާން ބަދަލުކޮށްލެވިދާނޭ ކަމަށް ވަރަށް ކުރީއްސުރެ ޔުކްރޭނު އައީ ބުނަމުންނެވެ. އެކަމަކު ތަޖުރިބާކާރުންގެ ރައުޔު ވަރަށް ތަފާތެވެ. ޕެޓްރިއޮޓް މިސައިލަކީ ވަރަށް އަގުބޮޑު އެއްޗެކެވެ. އެންމެ އެއްޗެއްގެ އަގުވެސް ތިން މިލިޔަން ޑޮލަރެވެ. ޔުކްރޭނުގެ ހަކަތަ އުފެއްދުމާބެހޭ ވިޔުގަތަކަށް ހަމަލާދިނުމަށް ރަޝިޔާއިން މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ އީރާނުގައި އުފައްދާފައިވާ ވަރަށް އަގުހެޔޮ ޑްރޯންތަކެކެވެ.
މިދެންނެވި ޒާތުގެ ޑްރޯނެއްގެ އަގަކީ ވިއްސަކަށް ހާސް ޑޮލަރެވެ. މިހާ އަގުހެޔޮ އެއްޗެއް ވައްޓައިލުމަށް އެހާ އަގުބޮޑު ހަތިޔާރެއް ބޭނުންކުރުމަކީ ކޮންކަހަލަ ކަމެއްތޯ އަދި އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަމެއްތޯ ވަރަށް ބޮޑަށް ސުވާލު އުފެދެއެވެ. މީގެކުރިންވެސް ހަނގުރާމައިގެ މައިދާން ބަދަލުވެދާނޭ ކަމަށް އިޝްތިހާރުކުރި މާވަރުގަދަ ދިފާއީ އައްޑަނައެއްގެ ވާހަކަ ދެއްކިއެވެ. ހައިމާރޭ ކިޔުނު ނިޒާމެކެވެ. އެތަކެތި ފޮނުވައިގެން ފުރަތަމަ ދުވަސްކޮޅު ލައްކަ ވަރަކަށް ފޮނުއަރުވަ އަރުވައިފައި އެވާހަކަ ދެއްކިއެވެ. މިހާރު އެކަމެއްނެތެވެ. ބިންމަތީގައި ތިބެފައި ސާޅަނގައަކުންވެސް އެތަކެތި ވައްޓައިލުމުގެ ކެރިކުޅަދާނަކަން ރޫސީ ސިފައިން ވަނީ ހޯދައިފައެވެ. އެހެންވީމާ ހައިމާރުގެ ބޭނުން ކެނޑުނީއެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި ޕެޓްރިއޮޓް މިސައިލަށްވެސް ޖެހޭނީ މިހާލެވެ.
ރަޝިޔާއަކީ އުތުރު ކޮރެޔާއެއް ނޫނެވެ. ހަނގުރާމަ ކިތަންމެ ޒަމާނަކަށް ދިގުދެމިގެން ދިޔަކަމަށްވިޔަސް އެ ހަނގުރާމައަށް ބޭނުންވާ ހަތިޔާރު އުފައްދައި ޚަރަދުކުރެވޭނޭ ހަކަތަ އެބަހުއްޓެވެ. ހުޅަނގުގެ ގައުމުތަކުން ޔުކްރޭނަށް މަދަދުކޮށް ރަޝިޔާ ބަލިކުރުމުގެ ނިޔަތުގައި ކުރާ ކޮންމެ ކަމަކުން ރަޝިޔާގެ ރައްޔިތުންގެ ހިތްތަކުގައި ވަރުގަދަވަމުންދަނީ ގައުމީ ޖޯޝާއި ފޯރިއެވެ. މިހަނގުރާމަޔަކީ ރައްޔިތުންގެ ރުހުމާ ދެކޮޅަށް ރައީސް ޕުޓިން ގިނިކަންޏާ ކުރައްވާ ހަނގުރާމައެއް ކަމަށް ހުޅަނގުގެ ގައުމުތަކުން ބުންޏަސް ރަޝިޔާގެ ތެރެއިން ފެންނަނީ އެހެން ރޫހެކެވެ. ހުޅަނގުގެ ނިޔަތަކީ އަބަދުވެސް ރަޝިޔާ ބައިބައިކޮށް ނިކަމެތިކުރުން ކަމަށް ރައްޔިތުން ގަބޫލުކުރެއެވެ. އެކަން ކާމިޔާބުވިޔަ ނުދިނުމަށްޓަކައި ވާންޖެހޭ ކޮންމެ ގުރުބާނީއަކަށް އެމީހުން ތައްޔާރެވެ.