ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި 11 އަހަރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމު ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން މިއަދުކުރި ހުކުމް ތަންފީޒު ކުރެއްވުމަށް އެ މަނިކުފާނު ކ. މާފުށި ޖަލަށް ގެންގޮސްފިއެވެ.

ކުރިމިނަލް ކޯޓުން ޔާމީނަށް އިއްވި ހުކުމް ތަންފީޒު ކުރެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެ މަނިކުފާނު މާފުށި ޖަލަށް ގެންގޮސްފައިވަނީ މިރޭ 7:40 އެހާކަން ހާއިރުއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ވ. އާރަށު މައްސަލައިގައި، ޔާމީންގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން ކުރިއެވެ. އެއީ ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީ ލޯންޑާ ކުރުމުގެ ދައުވާއެވެ.

ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީންގެ މައްޗަށް އިއްވީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ. މަނީ ލޯންޑަރިންގެ ކުށުގެ އަދަބެއްގެ ގޮތުގައި ޔާމީންއަށް އިއްވީ ހަތް އަހަރުގެ އަދަބަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ އަދަބެކެވެ. އަދި ވަނީ ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ހުކުމްކޮށްފައެވެ.

ކުރިމިނަލް ކޯޓުގެ ބޭރުގައި ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީންގެ އިސްވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ޔާމީނަށް ކުރި ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޔާމީންގެ މައްސަލަ ނިންމެވުމުގައި މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ބޮޑެތި ގާނޫނީ ގޯސްތަކެއް ހައްދަވާފައިވާ ކަމަށެވެ. އިސްތިއުނާފީ ކޯޓަކުން އެ ގޯސްތަކަށް ނަޒަރު ހިންގާލައިފިނަމަ، ޔާމީން މައުސޫމް މީހެއްގެ ގޮތުގައި އެނބުރި ރައްޔިތުން ކައިރިއަށް ވަޑައިގަންނަވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޔާމީނަށް ކުރި ދައުވާތަކުގައި ގާނޫނީ ގޮތުން ބުރަދަނެއް ނެތް ކަމަށާއި ޔާމީންގެ މައްޗަށް ކުށް ސާބިތުކުރާނެ ހެއްކެއް ދައުލަތުގައި ނެތް ކަމަށެވެ. އެ ދައުވާ ކުރާނެ އަސާސެއް ވެސް ދައުލަތަށް ނެތި ޔާމީނަށް ކުރީ ސިޔާސީ ދައުވާއެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.