ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން މިއަދުކުރި ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށް ޔާމީންގެ ގަނޫނީ ވަކީލުންގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންވާނެ ކަމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

ކުރިމިނަލް ކޯޓުގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަމީލް ވިދާޅުވީ، ޔާމީނަށް ކުރި ދައުވާތަކަކީ އަސާސެއް ނެތް ދައުވާތަކެއްކަން ސާބިތުކޮށް ދިނުމަށް ވަރުގަދަ ހެކިތަކެއް ހުށަހެޅި ކަމަށެވެ.

އެހެންކަމުން ކުރިމިނަލް ކޯޓުން ޔާމީނަށް އިއްވި ހުކުމް ގަބޫލުނުކުރައްވާ ކަމަށާއި ޔާމީނަށް އިއްވި ހުކުމަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކުރި ހުކުމެއް ކަމަށެވެ. އަދި އެ ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައޮތް މާތްﷲ ގެ ރަހުމަތަކާއެކު އިސްތިއުނާފީ ކޯޓުން އިރާދަކުރެއްވިއްޔާމު މި މައްސަލަ އަޅުގަނޑުމެން ވަރަށް ފުރިހަމަކަމާއެކު ކާމިޔާބުކުރެވޭނެ. އެއަކީ އަޅުގަނޑުމެން ޝައްކު ކުރާ ކަމެއް ނޫން. އަޅުގަނޑުމެން މިހާރު މި އެނބުރި ގަންނަނީ ހަމަ މިއަދުން ފެށިގެން މި ވަގުތުން ފެށިގެން އެނބުރި ގަންނަނީ ލަސްކުރުމެއް ނެތި ދިވެހިރާއްޖޭގެ އެތަކެއްހާސް ރައްޔިތުން އަޅުގަނޑުމެންނަށް އެނގޭ އެބަ ބޭނުންވާކަން ރައީސް ޔާމީން އެނބުރި ވަޑައިގެން ގޭގަ ހުންނަވައި ތި ބޭފުޅުންނާ ރައީސް ޔާމީން ހަވާލުކުރައްވާފައިވާ މަތިވެރި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެބޭފުޅާ ގޭގަ ހުންނަވަން. އެހެންވީ އަޅުގަނޑުމެން ވަގުތު ނަގާނުލާނަން، ވީ އެންމެ އަވަހަކަށް ކުރިއަށް އޮތް ގާތްގަނޑަކަށް އަޅުގަނޑުމެން އަތުގައި މި ރިޕޯޓް ޖެހުމާއެކު އެ ރިޕޯޓު އިސްތިއުނާފުގެ މަސައްކަތް ފަށާނަން. ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ އިސްތިއުނާފީ ކޯޓަށް އެ މައްސަލަ ވައްދާނަން،" ޖަމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔާމީންގެ މައްސަލަ ނިންމެވުމުގައި މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ބޮޑެތި ގާނޫނީ ގޯސްތަކެއް ހައްދަވާފައިވާ ކަމަށެވެ. އިސްތިއުނާފީ ކޯޓަކުން އެ ގޯސްތަކަށް ނަޒަރު ހިންގާލައިފިނަމަ، ޔާމީން މައުސޫމް މީހެއްގެ ގޮތުގައި އެނބުރި ރައްޔިތުން ކައިރިއަށް ވަޑައިގަންނަވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ޔާމީންގެ ދިފާއުގައި ހުށަހަޅި ހެކިތަކާއި އެ މަނިކުފާނުގެ ދިފާއުގައި ގާނޫނީ ޓީމުން ކުރެއްވި މަސައްކަތް ހުރިހާ ރައްޔިތުން ދިޔައީ ބަލަމުން ކަމަށެވެ. އަދި ވިދާޅުވީ ކުށެއް ސާބިތުނުވާނަމަ، ކޮންމެ މީހަކީ ވެސް މައުސޫމް މީހެއް ކަމުގައި ދެކުމަކީ ޝަރީއަތް ކުރުމުގެ އަސާސެއް ކަމަށާއި ދައުވާ ލިބޭ ފަރާތުގެ އެ މައުސޫކަން ނަގާލުމަކީ ނުވަތަ ކުށް ސާބިތު ކުރުމުގެ ބުރަ އޮންނަނީ ދައުވާ ކުރާ ފަރާތަށް ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނިގެންދިޔަ މިކުރެވުނު ތުހުމަތު. އެއީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިން. މި ދެ ކުށަށް ބެލި ކަމުގައި ވިޔަސް ދައުލަތަކަށް ހަމަ ހެއްކެއްވެސް، ހަމަ އެންމެ ހެއްކެއް ހުށަހެޅިފަކައެއް ނުވޭ. ކަބާތޯ މަގާމުގެ ބޭނުން ހިއްޕަވައިގެން ރައީސް ޔާމީން ހިންގެވި އަމަލަކީ، އަދި އެ އަމަލަށް ޔަމީނު ނުފޫޒު ފޯރުވި ގޮތަކީ ކޮބައިތޯ. އެންމެ ހެއްކެއްވެސް ދައުލަތަކަށް ހުށަހެޅިފައެއް ނުވާކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނިގެން ގޮސްފަ މިވަނީ،" އޭނާ ވިދާޅުވިއެވެ.

ޔާމީނަށް ކުރި ދައުވާތަކުގައި ގާނޫނީ ގޮތުން ބުރަދަނެއް ނެތް ކަމަށާއި ޔާމީންގެ މައްޗަށް ކުށް ސާބިތުކުރާނެ ހެއްކެއް ދައުލަތުގައި ނެތް ކަމަށެވެ. އެ ދައުވާ ކުރާނެ އަސާސެއް ވެސް ދައުލަތަށް ނެތި ޔާމީނަށް ކުރީ ސިޔާސީ ދައުވާއެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.