Close
ޚަބަރު

މަރުވީ ހަމައެކަނި ރިލްވާންތޯ ސުވާލުކުރައްވަމުން ރައީސް ޔާމީންގެ ރުޅިގަނޑު ފުލުހުންނަށް

މުހައްމަދު އިޝާން

މަރުވީ ހަމައެކަނި ނޫސްވެރިޔާ އަހުމަދު ރިލްވާންތޯ ސުވާލުކުރައްވަމުން ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މަރު ކޮމިޝަނުން މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް ވަނީ، ރައީސް ޔާމީނަށް ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން ރިލްވާންގެ މަރުގެ ތުހުމަތުކުރެވޭ މުހައްމަދު މުނާޒް 2016 ވަނަ އަހަރު ސީރިއާއަށް ފުރައިގެން ދިޔައީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއެކު ކަމަށް ވިދާޅުވިއެވެ.

އިދިކޮޅުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައީވެސް އަދި ވެރިކަން ނިމެން ކައިރިވުމުންވެސް ބޭނުންކުރަނީ "ރިލްވާން ކާޑު" ކަމަށެވެ. އަދި އެ މަނިކުފާނުގެ ސަރުކާރުގައި މަރުވީ ހަމައެކަނި ރިލްވާން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ރިލްވާން އެކަނިތަ މަރުވެގެން މިއުޅެނީ؟. މަރުވާ ކޮންމެ މީހަކު، ގުދުރަތީ މަރަކުން ނޫން. އަދި ބައެއްގެ އިހުމާލުން ނޫނީ ބައެއްގެ ބައިވެރިވެގެން އޮވެގެން މަރުވާ ކަމަކީ އަޅުގަނޑުމެންގެ ޕާޓީން ކުށްވެރިކުރާނެ ކަމެއް" ރައީސް ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރިލުވާން މަރާލި މީހުން މި ސަރުކާރަށާއި ފުލުހުންނަށްވެސް އެނގޭނެ ކަމަށާއި ހުޅުމާލެ ފެރީ ޓާމިނަލާ ހަމައިން ރިލްވާން ކާރަކަށް އަރުވައިގެން ދުއްވި ކަމަށް ބުނާއިރު، ކާރު ދުއްވީ ކާކުކަންވެސް އެނގޭނެ ކަމަށެވެ.

"ކީއްވެގެންތޯ އެ މީހުން ވީއްލިގެން މި އުޅެނީ. ކޮންތާކުތޯ މިއަދު އެ މީހުން ތިބީ... ދެން އޭރު އެކަމުގެ (ރިލްވާން މަރާލުމުގައި) ތުހުމަތުވާ ކަމަށް ބުނާ ބައެއް މީހުންނަށް ޕާސްޕޯޓް ހަދައިގެން ރާއްޖެއިން ބޭރަށް ދިޔަ ވާހަކަ ދެއްކީ. ކާކު ޕާސްޕޯޓް ހަދައިދިނީ އެ މީހުންނަށް" ރައީސް ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ހުރިހާ ތަހުގީގަކީ ކޮށްނިމިފައިވާ ތަހުގީގުތަކެއް ކަމަށާއި އެކަމުގައި އަދަބު ދޭންޖެހޭ ފަރާތްތަކަށް އަދަބު ލިބެމުންދާ ކަމަށެވެ. އަދި ރިލްވާންގެ މަރުގެ މައްސަލައަކީ ތަހުގީގޮށް ނިންމާފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ފުލުހުންނަކީ "ގަމާރުންތޯ، މަންމަނުންތޯ" ސުވާލު ކުރައްވައިފައެވެ.