އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲ އަށް 1.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް ހައިކޯޓުން ކުރި އަމުރު ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ ޕާމަނަންޓް ސެކްރެޓަރީކަމުގެ މަގާމުގައި މުސްއަބު ހުއްޓައި، މުސާރަ ނުލިބޭ ގޮތަށް ދުވަސްތަކަކަށް ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށްފަހު އޭނާ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ހިނގައިދިޔަ މައްސަލައެކެވެ.

މުސްހަބު ޕީއެސްގެ މަގާމުގައި ހުންނަވަނިކޮށް، އިސްލާމިކް މިނިސްޓްރީންނާއި އާންމު ބައެއް ފަރާތްތަކުން، އޭނާގެ މައްޗަށް ހުށަހެޅި، އެސްއޭޕީ ސޮފްޓްވެއާގައި ރަޖިސްޓްރީކޮށް މިނިސްޓްރީގައި ނެތް މުވައްޒަފަކަށް ގަވާއިދާ ހިލާފަށް މުސާރަ ދިނުމާއި ވަޒީފާއާ ގުޅުން ހުރި ކަންކަމުގައި އިހުމާލުވުމާއި ނުފޫޒު ބޭނުންކުރުމާއި 17 މެއި 2019 ގައި ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް ޓުވީޓާގައި އާއްމުކުރި މައްސަލަތަކެއް ތަހުގީގު ކުރުމަށް އޭނާ އެ މަގާމުން، ފުރަތަމަ ސަސްޕެންޑް ކުރީ 29 މެއި 2019 އިން ފެށިގެން 30 ދުވަހަށެވެ. އެއީ މުސާރަ ލިބޭ ގޮތަށެވެ. ނަަމަވެސް އޭނާގެ މައްޗަށް ބަަލަމުންދިޔަ މައްސަލައިގެ ތަހުގީގު ނުނިމޭތީ، ފުރަތަމަ ސަަސްޕެންޑް ކުރި މުއްދަތު ހަމަވި ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑް ކުރި އެވެ.

އެ މުއްދަތު ފާއިތުވެ ދިޔައިރު ވެސް އޭނާގެ މައްޗަށް ތުހުމަތުކުރި މައްސަލަތަކުގެ ތަހުގީގު ނިމިފައި ނުވާތީ، ތިން ފަހަރެއްގެ މަތިން އޭނާގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކުރި އެވެ. އަދި އޭނާގެ މައްޗަށް މައްސަލަ ސާބިތުވުމުން، 10 ސެޕްޓެމްބަރު 2019 ގައި އޭނާ ވަޒީފާއިން ވަކިކުރިއެވެ.

އެކަމާ ގުޅިގެން މުސްއަބުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. ކޯޓުގައި އޭނާ އެދުނީ ވަޒީފާއިން ވަކިކުރީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އެ ނިންމުން ބާތިލުކޮށްދިނުމުގެ އިތުރުން، އޭނާ ސަސްޕެންޑް ކުރީ ގާނޫނާ ހިލާފަށް ކަމަށާއި ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމަށާއި މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އިޔާދަކުރުމާ ހަމައަށް ވަޒީފާގައި ދެމިހުރި ނަމަ ލިބޭނެ މުސާރައާއި އިނާޔަތްތައް ހޯދުމަށާއި ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު މައްސަލައިގައި ކުރިއަށްދާން ޖެހުމުން ހަރަދު ކުރަން ޖެހުނު އެންމެހާ ފައިސާ ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ނަގައިދިނުމަށް އަމުރު ކޮށްދިނުމަށެވެ.

އޮކްޓޯބަރު 2019 ގައި ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ އެ ކޯޓުން ބަލައި، ޑިސެމްބަރު 2020 ގައި ހުކުމް ކުރީ މުސްއަބު އެދުނު ގޮތަށް ސިވިލް ސާވިސް ކޮމިޝަނަށް އަންގަން އަމުރުކުރާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް މުސްއަބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި ހައިކޯޓުން މިއަހަރުގެ އޯގަސްޓް މަހުގެ 28 ގައި ސިވިލްކޯޓުގެ ހުކުމް ބާތިލުކޮށް، މުސާރަ ނުލިބޭ ގޮތަށް މުސްއަބް ވަޒީފާއިން ސަސްޕެންޑް ކޮށްފައި ހުރި މުއްދަތުގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި 86333 ރުފިޔާ އަދި އޭނާ ވަޒީފާއިން ވަކިކުރި ތާރީހު ކަމަށްވާ 10 ސެޕްޓެމްބަރު 2019 އިން ފެށިގެން މުސްއަބާއި ސިވިލް ސާވިސް ކޮމިޝަނާ ދެމެދު ހަދާފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީހު ކަމަށްވާ 24 ޖުލައި 2022 އާ ހަމައަށް މުސާރައިގެ ގޮތުގައި ލިބެންޖެހޭ 1,101,333 އާއެކު ޖުމުލަ 1,187,666 ރުފިޔާ 14 ދުވަހުގެ ތެރޭގައި މުސްއަބަށް ދެއްކުމަށް ހައިކޯޓުން ސީއެސްސީގެ މައްޗަށް އަމުރު ކުރިއެވެ.

ސުޕްރީމް ކޯޓުން އެހުކުމް ތަންފީޒު ކުރުން ފަސް ކުރަން އަމުރުކުރީ، ހައިކޯޓުގެ އެ ހުކުމް ސީއެސްސީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފީ މައްސަލަ ނިމެންދެން ހައިކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށް އެދި ހުށަހެޅުމާ ގުޅިގެންނެވެ.

އެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ، ސީއެސްސީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި އެ ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ހައިކޯޓުގެ ހުކުމް ތަންފީޒު ކޮށްފިނަމަ ސުޕްރީމް ކޯޓުން ބަަލަމުން އަންނަ މި މައްސަލައިގައި އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ ސުޕްރީމް ކޯޓުން ވަކި ގޮތެއް އަންގަންދެން ހައިކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އަމުރު ކުރާ ކަމަށެވެ.

ހައިކޯޓުން ކުރި އަމުރު ސީއެސްސީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ހައިކޯޓުގެ އެ ހުކުމާ އެއްގޮތަށް ސީއެސްސީން ފައިސާ ދައްކާފައި ނުވާތީ، ހައިކޯޓުގެ ހުކުން ތަންފީޒު ކޮށްދިނުމަށް މުސްއަބުގެ ފަރާތުން ސިވިލްކޯޓަށް ވެސް މައްސަލަ ހުށަހެޅިއެވެ.

އެ މައްސަލައާ ގުޅިގެން ހުސްވި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ސިވިލްކޯޓުން ވަނީ މުސްއަބަށް އެފައިސާ ދެއްކުމަށްޓަކައި ފަސް ދުވަހުގެ ތެރޭގައި އެ ފައިސާ އެ ކޯޓަށް ދެއްކުމަށް އަމުރު ކޮށްފައެވެ.

ސީއެސްސީގެ ފަރާތުން އެ ހުކުމްވެސް ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެންމެ ފަހުން ހައިކޯޓުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ސީއެސްސީން ބުނެފައިވަނީ، އެކޮމިޝަނުން މިހާރު ބޭނުން ވަނީ، މުސްއަބް އަބްދުﷲ އަށް 1.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭން ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ކަމަށެވެ.