އެމްޑީޕީގެ ދަފުތަރު އޮތީ ސައްހަ ކޮށްފައި ކަމަށާއި ޕާޓީގެ ދަފުތަރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ހިތާމަކުރާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ނަޝީދު މިއަދު ވަނީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުވި ސިޓީއެއް ޓުވިޓާގައި އާންމު ކުރައްވައިފައެވެ. އެ ސިޓީގައި ނަޝީދު ވިދާޅުވީ، އެމްޑީޕީއާ ހިތުން ރުހުމުން ގުޅިފައިވާ މެމްބަރުންގެ ތެރެއިން 40 ޕަސަންޓް މެމްބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލައި ބާއްވާ އިންތިހާބެއްގެ ސަބަބުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕާޓީއަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. އަދި އެއީ ޕާޓީގެ މަސްލަހަތު ހިފެހެއްޓޭނެ ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އެމްޑީޕީގެ ވޯޓުލާ ދަފުތަރުން ސާޅީސްހާހާ ގާތަށް، އެ މެމްބަރުންނަށް އެންގުމަކާ ނުލައި ކުއްލިއަކަށް އުނިކުރުމުން ވަނީ ގަޑުބަޑުވެފަ. އެކަން އެހެން އޮއްވައި ޕްރައިމަރީ ކުރިއަށް ގެންދިޔުމުން، ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނޭ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އެ ސިޓީއާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބެން ޖެހޭނީ ހަމައެކަނި އެ ޕާޓީގެ މެމްބަރުންނަށް ކަމަށެވެ.
"އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ މި ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާ އިރު ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފަ. އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެމަތިން, ދަފްތަރު ސައްހަކޮށް, ބެލެހެއްޓެމުން ދަނިކޮށް އެ ދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ ހިތާމަކުރަން،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ، އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައި ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ 54,599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރު ކަމަށް ބަލައި, ދެން ތިބި 39,911 މީހުންނަށް އެމްޑީޕީގެ މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދިނުމަށް ކަމަށެވެ.
މީގެ ތެރެއިން އީސީގައި އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީ އިން ވަކިކުރުމަށާއި އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުރި މެމްބަރަކު ނަމަ، އެއް މަސް ދުވަހުގެ ތެރޭގައި މެމްބާޝިޕް ސައްހަ ކުރުމަށް ގައުމީ މަޖިލީހުން ފާސްކުރި ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ މެމްބަރުކަން ބާތިލު ވާނީ، ޕާޓީގެ މެމްބަރަކު އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން އަދި އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމުން ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން އެއްވެސް މީހަކަށް އެއްފަހަރާ އެއް ސިޔާސީ ޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީގެ މެމްބަރަކަށް ނުހުރެވޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
"ނަމަވެސް, ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓު ގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް. މިއީ ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް ހުރަހަކަށް ވާނެތީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ދަފްތަރު ސައްހަކުރަން ނިންމުމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމެއް،" އެމްޑީޕީން ބުންޏެވެ.
އެ ގަރާރާ އެއްގޮތަށް ޕާޓީގެ މެމްބަރުންގެ ދަފުތަރު ރަނގަޅުކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު