އެމްޑީޕީ މެމްބަރުންގެ ދަފުތަރު ގަޑުބަޑުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކަޕްރައިމަރީގެ މިނިވަންކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް މިއަދު ފޮނުއްވި ސިޓީއެއް ނަޝީދު ވަނީ ޓުވީޓު ކުރައްވައިފައެވެ. އެ ސިޓީގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ފަރާތެއް ކަމަށެވެ.
"އެމްޑީޕީގެ ވޯޓުލާ ދަފުތަރުން ސާޅީސްހާހާ ގާތަށް، އެ މެމްބަރުންނަށް އެންގުމަކާ ނުލައި ކުއްލިއަކަށް އުނިކުރުމުން ވަނީ ގަޑުބަޑުވެފަ. އެކަން އެހެން އޮއްވައި ޕްރައިމަރީ ކުރިއަށް ގެންދިޔުމުން، ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނޭ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީއާ ހިތުން ރުހުމުން ގުޅިފައިވާ މެމްބަރުންގެ ތެރެއިން 40 ޕަސަންޓް މެމްބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލައި ބާއްވާ އިންތިހާބެއްގެ ސަބަބުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕާޓީއަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. އަދި އެއީ ޕާޓީގެ މަސްލަހަތު ހިފެހެއްޓޭނެ ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ ޕްރައިމަރީގައި ވޯޓުލާ އިރު، އެ ޕާޓީގެ ވޯޓުލާ ދަފުތަރު ގޮތުގައި މިހާތަނަށް ބަލަމުން އައި ދަފުތަރުގެ ހިމެނޭ މެމްބަރުންގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެކަން ކަށަވަރުކޮށްދިނުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައި، ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ވަނީ ހުޅުވާލާފައެވެ.
އެމްޑީޕީން ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލިފަހުން، ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ ނަޝީދު އެކަންޏެވެ. ރައީސް ސޯލިހްވެސް ވަނީ މީގެ ކުރިން ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު