ހަރުކަށި ފިކުރުގެ މީހުން މިނިވަން ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު ރިލްވާން އަބްދުﷲ މަރާލަން އުޅޭކަން ފުލުހުންނަށް ޔަގީންވި ކަމަށާއި ނަމަވެސް ފުލުހުން އެކަން ހުއްޓުވަން މަސައްކަތް ކޮށްފައިނުވާ ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.
މަރު ކޮމިޝަނުން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ފަރިޝާ އަބްދުﷲ ވިދާޅުވީ، 2011 ވަނަ އަހަރު ހަރުކަށި ފިކުރާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ރިލްވާން ބައިވެރިވެފައިވާ ކަމަށެވެ. އެ އެއްވުމުގައި ބައިވެރިވި މީހުންނަށް ހަރުކަށި ފިކުރުގެ މީހުން އިންޒާރުދީ ހަދާފައިވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.
އެގޮތުން އެއްވުމުގެ ބައިވެރިންނަށް އިންޒާރު ދިނުމުގައި ހަރަކާތްތެރިވެފައި ވަނީ ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން މިހާރު ހައްޔަރުކޮށްފައިވާ އިސްމާއީލް އަބްދުއްރަހީމް (އިސޫ) އާއި ޖާދުﷲ އިބްރާހީމް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަރީޝާ ވިދާޅުވީ ރިލްވާންއަކީ ހަރުކަށި ފިކުރުގެ މީހުން ވަރަށް ބޮޑަށް މާކް ކޮށްފައިވާ ޓާގެޓެއް ކަމަށެވެ. ގަޓު މުއާ އާއި އަހްމަދު އިސްމާއީލް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރިލްވާން އާއި އެ ނޫންވެސް މީހުންނަށް އިންޒާރުދީފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ މީހުންނަށް ތަކުރާރުކޮށް އިންޒާރުދީ ބުނެފައި އެބަހުރި ހަތަރެސްފައި ބަނދެފައި ކަނޑުފައްތާފައި މަރާލާނެ ކަމަށް،" ފަރީޝާ ވިދާޅުވިއެވެ.
ރިލްވާންއަށް މަރުގެ އިންޒާރު ލިބެމުންދާކަން ފުލުހުންނަށް އެނގޭ ކަމަށާއި އެހެންވެ ފުލުހުން ގެންދިޔައީ ކޯޓު އަމުރެއްގެ ދަށުން ރިލްވާންގެ ފޯން ކޯލްތައް އަޑު އަހަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން، ރިލްވާންގެ ފޯން ކޯލްތައް 17 ދުވަސް ވަންދެން އަޑުއެހި ކަމަށާއި އޭރު ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން އޭނާއަށް ނުރައްކަލެއް އޮތްކަން ފުލުހުންނަށް ޔަގީންވި ކަމަށެވެ. ފުލުހުން އެ މައްސަލަ ތަހުގީގު ކުރި ނަމަވެސް ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައިނުވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.
"ފުލުހުންގެ ފަރާތުން މިކަމުގައި ފިޔަވަޅެއް އަޅާފައިވާކަން ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައެއް ނުވޭ. 2014 ވަނަ އަހަރު ފުލުހުން މި މައްސަލަ ތަހުގީގުކޮށްފައިވޭ،" ފަރީޝާ ވިދާޅުވިއެވެ.
މަރު ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އަހްމަދު އިސްމާއީލް އާއި ގަޓު މުއާގެ ޓާގެޓަކަށް ރިލްވާން ވެފައިވާކަން ފުލުހުންނަށް އެނގޭ ކަމަށެވެ. އަދި ވިދާޅުވީ ރިލްވާނަށް ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ނުރައްކަލެއް އޮތްކަން އެނގިގެން ފުލުހުން ގެންދިޔައީ އޭނާގެ ފޯން ކޯލްތައް ކޯޓު އަމުރެއްގެ ދަށުން އަޑުއަހަމުން ކަމަށެވެ.
"އޭގެ އިތުރުން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުންދިޔަ ފަރާތްތަކަށް އޭރު ކުރިމަތި ކުރަމުންދިޔަ ކަންތައްތަކުގެ މައްޗަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓަލިޖެންސް އިން ތައްޔާރުކޮށްފައި ރިޕޯޓްތައް ހުރި. އޭގެ ތެރެއިން އެއް ލިޔުމެއްގައި އޭރު ފުލުހުންގެ އިސްވެރިއަކަށް ހުންނެވި ހަބީބް މިއީ ސީރިއަސް މައްސަލައެއް ގޮތުގައި ބެލުމަށް ވަނީ ރިކޮމެންޑް ކޮށްފައި. ސީރިއަސް އެންޑް ކްރައިމް ޑިޕާޓްމެންޓަށް ފޮނުވާފައިވެސް ވޭ،" މިސްބާހް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފަރިޝާ ވިދާޅުވީ، ފަރީޝާ ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައިގައި ކޮމިޝަނުން ކުރި ތަހުގީގުގައި އެނގިފައިވަނީ ރިލްވާން ކަރުބުރިކޮށް ކަނޑު ފައްތާލުމުގައި ބައިވެރިވި މީހުން އެ އަމަލު ހިންގިތާ ދުވަސްކޮޅެއް ފަހުން ސީރިއާއަށް ހަނގުރާމަ ކުރަން ފުރާފައިވާ ކަމަށެވެ. އެ ހުރިހާ މީހުން މަރުވެފައިވާކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިފައި ވިޔަސް އެކަން އެއްވެސް ރަސްމީ އިދާރާއަކުން ޔަގީންކޮށްދީފައިނުވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.
ހަރުކަށި ފިކުރުގެ މީހުން ރިލްވާން މަރާލުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ކުއްލިއަކަށް ރާވައިގެން ނޫން ކަމަށާއި އެކަމަކީ ވަރަށް ބޮޑަށް ދުރާލާ ޕްލޭންކޮށްގެން ހިންގާފައިވާ ކަމެއް ކަމަށް ފަރިޝާ ވިދާޅުވިއެވެ.