މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް ކަށަވަރުވެއްޖެއެވެ.
އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް މުއްދަތު ހަމަވާ ގޮތަށެވެ.
އެ މުއްދަތު ހަމަވި އިރު ޕްރައިމަރީގައި ވާދަކުރަން ހުށަހަޅުއްވާފައިވަނީ ހަމައެކަނި ނާޒިމެވެ. ޕްރައިމަރީގައި ވާދަކުރައްވަން ނާޒިމް ފޯމް ހުށަހެޅުއްވީ އިއްޔެގެ ވަގުތެއްގައެވެ.
އެމްއެންޕީގެ ސްޕޯކްސްޕާސަން، ޝިދާތާ ޝަރީފު "ވަން" އަށް މިއަދު ވިދާޅުވީ، އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ފޯމް ހުށަހަޅުއްވާފައިވަނީ ނާޒިމް އެކަނި ކަމަށެވެ. އެހެންކަމުން ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމް ކަމަށެވެ.
"ވާދަކުރާނެ އިތުރު ބޭފުޅެއް ނެތީމަ އަސާސީ ގަވާއިދުގެ ދަށުން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމް،" ޝިދާތީ ވިދާޅުވިއެވެ.
އެމްއެންޕީން ވަނީ މިއަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެކަން ހާމަކޮށް މެނިފެސްޓޯ ވެސް ލޯންޗުކޮށްފައެވެ.
އެމްއެންޕީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ގޮތުން ގިނަ ކާމިޔާބީތަކެއް ހޯދަފައިވާ ޕާޓީއެކެވެ. އެޕާޓީން ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެސް ވާދަކޮށްފައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކޮށް އެޕާޓީގެ ބައެއް ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.
އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުން އެމްއެންޕީއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ހަތަރު ވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 10،424 އެވެ.
ޚަބަރު
ޚަބަރު
ޚަބަރު