ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އުރީދޫ ގްރޫޕުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އުރީދޫގެ އިސްވެރިންނާ ބައްދަލުކުރެއްވީ ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްސާނީގެ ދައުވަތަކަށް ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗުތައް ބައްލަވައިލެއްވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އުރީދުގެ ގްރޫޕުގެ އިސްވެރިންނާއެކު ކުރިއަށްދިޔަ އެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލްއުސްމާން ފަހްރޫއާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެ އާއި ގަތަރާ ދެމެދު އޮތް ބަދަހިގުޅުމާއި އިތުބާރާއި އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަ ވާހަކަފުޅުދައްކަވައިފައެވެ. އަދި އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަން ކުންފުނިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގައި އުރީދޫއަކީ މުހިއްމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށާއި އުރީދޫއަކީ ރާއްޖެ އާއި ގަތަރުގެ އާއްމު ތަރައްގީގެ ބައިވެރިއެއް ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ އަދި އަންހެނުން ބާރުވެރި ކުރުމަށާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އުރީދޫ މޯލްޑިވްސްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތްތައް ވެސް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
ރައީސް ވަނީ އުރީދޫ ގްރޫޕުގެ އިސްވެރިންނާއެކު ޖިޓަލް ލިޓަރެސީ ޕްރޮގްރާމާއި ޒުވާނުންގެ އުފެއްދުންތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމުގެ ގޮތުން ހިންގާ އެކްސެލެރޭޓާ ޕްރޮގްރާމާއި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގައި ހުރި ހުރަސްތައް ނައްތާލުމާއި ހުޅުމާލެ "ސްމާޓް ސިޓީ" އިނީޝިއޭޓިވްއާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލްއުސްމާން ފަހްރޫ ވަނީ އުރީދޫއިން އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ހިދުމަތްތައް ފުޅާކޮށް، އެކުންފުނީގެ ފަރާތުން ދިވެހި މުޖުތަމައަށް ފޯރުކޮށްދޭ އެހީތައް އިތުރުވެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު