ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރިއަށްގެންދެވުނު މަޝްވަރާތަކުގެ ތެރެއިން ޖޭއެސްސީ އެކުލަވާލުމަށް ސުޕްރީމް ކޯޓުން ދެ ލަފައެއް ސަރުކާރަށް ދީފިއެވެ.
އެކަން އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ހާމަކޮށްފައެވެ.
ޖޭއެސްސީ އިސްލާހު ކުރުމާބެހޭގޮތުން އެކި ފަރާތްތަކާ މަޝްވަރާކޮށް، ކުރި ދިރާސާގެ އަލީގައި "ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުން" މި ނަމުގައި އެކުލަވާލާފައިވާ ކަރުދާހެއް، އޭޖީ އޮފީހުން މިއަދު ވަނީ އާއްމު ކޮށްފައެވެ.
ޖޭއެސްސީ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓާއެކު ކުރި މަޝްވަރާ ތަކަށްފަހު ޖޭއެސްސީ އެކުލަވައިލަން އެ ކޯޓުން ދިން ދެ ލަފާ އެ ކަރުދާހުގައި ވަނީ ހިމަނައިފައެވެ.
އެ ކަރުދާހުގައި ސުޕްރީމް ކޯޓުން ލަފާދީފައިވާ ދެ މޮޑެލްގައިވެސް، މިހާރު ޖޭއެސްސީގައި ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރު ހިމަނާފައެއް ނުވެއެވެ. ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ވެސް ހިމަނާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެއް މޮޑެލްގައި އުއްތަމަ ފަނޑިޔާރު އަނެއް މޮޑެލްގައި އާންމުންގެ ފަރާރާތުން ހިމެނޭނެ މެންބަރުން އިތުރުކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ ލަފާގައި ވަނީ ޖޭއެސްސީގެ މެންބަރުންގެއަދަދު މަދު ކުރުމަށް ހުށަހަޅައިފައެވެ.
ޖޭއެސްސީގައި މިހާރު ތިއްބަވަނީ 10 މެންބަރުންނެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުންގެ ކަނޑައަޅާ މެންބަރަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑަައަޅުއްވާ މެންބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ވަކީލުންގެ ތެރެއިން މީހަކާއި އާންމުންގެ ތެރެއިން ނަގާ މީހެކެވެ.