ޕޯޗުގަލްގެ ތަރި ކްރިސްޓީއާނޯ ރޮނާލްޑޯ ހޯދުމަށް ސައުދީ އަރަބިއާގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށް އަލް ނަސްރުން ރެކޯޑު ބިޑެއް ކޮށްފިއެވެ.

އުމުރުން 37 އަހަރުގެ ފޯވަޑް ރޮނާލްޑޯއާ އެކު މެންޗެސްޓާ ޔުނައިޓެޑުން ހާދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އެކަމާ ގުޅިގެން ރޮނާލްޑޯ ނެރުނު ބަޔާނެއްގައި ބުނީ ދެފަރާތުން ވާހަކަ ދެކެވި އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށާއި އަބަދުވެސް ޔުނައިޓެޑާއި އެ ކްލަބުގެ ސަޕޯޓަރުން ދެކެ ވާ ލޯބި ހިތު ތެރޭގައި އޮންނާނެ ކަމަށެވެ.

ޕޯޗުގަލްއާއެކު ވޯލްޑް ކަޕްގެ މެޗުތައް ކުޅެމުން އަންނަ ރޮނާލްޑޯއަކީ މިހާރު ފްރީ އެޖެންޓެކެވެ. އޭނާއަށް ބޭނުން ކްލަބަކަށް ސޮއިކުރުމުގެ ފުރުސަތު މިހާރު އޮންނާނެއެވެ.

ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު ސީޒަނުގެ ކުރިންވެސް ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ޖެހިފައިވާ އިރު، ވޯލްޑް ކަޕަށް ދެތިން ދުވަހަށް ވެފައިވަނިކޮށް ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ބަހުގެ ހަމަލާތައް އަމާޒުކޮށް، ވަރުގަދަ އިންޓަވިއުއެއް ދީފައެވެ. ރޮނާލްޑޯ އިންޓަވިއު ދީފައި ވަނީ މަޝްހޫރު ޖާނަލިސްޓް އަދި ޓީވީ ހޯސްޓް ޕިއާސް މޯގަންގެ ހާއްސަ ޕްރޮގްރާމަކަށެވެ.

އެ އިންޓަވިއުގައި ޔުނައިޓެޑްގެ ބޯޑަށާއި ކޯޗުންނަށްވެސް ރޮނާލްޑޯ ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. އެއްބަސްވުން އުވާލީ އެ ސަބަބަށްޓަކައެވެ.

ރޮނާލްޑޯގެ ޓްރާންސްފާގެ ވާހަކަތައް މިހާރުވެސް ފެށިފައިވާ އިރު، އެންމެ ފުރަތަމަ އޭނާ ހޯދި ކްލަބަކަށް ވެފައި ވަނީ އަލް ނަސްރެވެ. އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓް ކޮށްފައިވާ ގޮތުން އަލް ނަސްރުން ރޮނާލްޑޯއަށް ހުށަހެޅީ އެންމެ މަދުވެގެން އަހަރަކު އޭނާއަށް 200 މިލިއަން ޔޫރޯ ޖެހޭނެ ބިޑެކެވެ. އެ ބިޑުގައި އެއްބަސްވާން އެދިފައި ވަނީ 2025 ވަނަ އަހަރާ ހަމައަށެވެ.

އެ ބިޑްގެ މުސާރައިގެ ބޮޑު ބައެއް ހިއްސާކުރާ ގޮތަށް އޮތީ ސްޕޮންސާޝިޕް އިތުރު ޑީލްތަކުގެ މައްޗަށެވެ. އެހެންކަމުން ރޮނާލްޑޯގެ މީޑިއާ ރައިޓްސްއަށް އެއްބަސްވެގެން ނޫނީ އެ ބިޑް ރޮނާލްޑޯ ބަލައިނުގަންނާނެ ކަމަށް ބެލެވެއެވެ.

މިހާތަނަށް އެއްވެސް އެގްރީމަންޓެއްގައި ރޮނާލްޑޯ ސޮއިކޮށްފައި ނުވާ ކަމަށް ފަބްރީޒިއޯ ބުނެފައިވާ އިރު، އޭނާ ބުނީ ރޮނާލްޑޯ ގޮތް ނިންމާނީ ވޯލްޑް ކަޕަށް ފަހުގައި ކަމަށެވެ.

ރޮނާލްޑޯ ޕޯޗުގަލްއާއެކު މިހާރުވެސް ގަދަ 16 ޔަގީން ކޮށްފައި އޮތް އިރު، ގްރޫޕްގެ ފަހު މެޗުގައި ނުކުންނާނީ މާދަމާ ރޭ ދެކުނު ކޮރެއާއާ ދެކޮޅަށެވެ.