އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓުން އިގުތިސޯދަށް ގެއްލުންވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފިއެވެ.
ޕީޕީއެމުން މިރޭ ނެރެނު ބަޔާނެއްގައި ބުނީ، އަންނަ އަހަރުގެ ބަޖެޓު ބިނާކޮށްފައި ވަނީ ރައްޔިތުން އަތުން ފައިސާ ހޯދައިގެން ސަރުކާރުން ސިޔާސީ ބޭނުންތަކަށް ހަރަދުކުރަން ކަމަށެވެ. އެހެންވެ، އެ ބަޖެޓުން އިގުތިސޯދަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އިދިކޮޅުން ބުންޏެވެ.
"2023 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓަކީ ދިވެހި އިގުތިސޯދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާނެ ބަޖެޓެއް ކަމަށް މި ޕާލިމެންޓްރީ ގްރޫޕުން ދެކެން،" ބަޔާނުގައިވެއެވެ.
ބަޔާނުގައި ބުނީ އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓް 36 ބިލިއަން ރުފިޔާއަށް ކުޑަކުރަން އެ ކޯލިޝަނުން ހުށަހަޅާފައިވާނެ ކަމަށެވެ. ބަޖެޓް ކުޑަކޮށް މަސްވެރިންނަށް މަންފާކުރާނެ ގޮތަށް 297،474.863 މިލިއަން ރުފިޔާގެ ސަބްސިޓީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކޯލިޝަންގެ ފަރާތުން ހުށަހެޅި އެ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ތާއިދުކުރައްވާނެ ކަމަށް އުއްމީދުކުރާ ކަމަށް އިދިކޮޅުން ބުންޏެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް ބަޖެޓް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާފައި ވަނީ 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދަނީ ކޮމެޓީން ހުށަހެޅި ބަޖެޓަށް މެމްބަރުން ބަހުސް ކުރުމުގެ މަރުހަލާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ވިދާޅުވެފައިވަނީ، މާދަމާ ބަޖެޓަށް ވޯޓަށް އެހުން އޮންނާނެ ކަމަށެވެ. އެހެންކަމުން ފުރަތަމަ ވޯޓަށް އަހާނީ ބަޖެޓަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަށެވެ.
ބަޖެޓަށް އިސްލާހު ހުށަހެޅުމަށް މިމަހު 20 އިން ފެށިގެން ތިން ދުވަހުގެ މުއްދަތެއް މެމްބަރުންނަށް ވަނީ ދީފައެވެ.
އެ މުއްދަތުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން 13 އިސްލާހެއް ވަނީ ހުށަހަޅައިފައެވެ.