އަބަދުވެސް އަމިއްލަ ނަފުސު ބޭނުންވާ ވަގުތަކު ބޭނުންވާ ވާހަކައެއް ދެއްކޭނެ ކަމަށް ގަބޫލުކުރާ ކުރާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ޕޯޗުގަލް ކެޕްޓަނެއްގެ ހައިސިއްޔަތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮނާލްޑޯ އެފަދަ ގޮތަކަށް ވާހަކަ ދައްކާފައި ވަނީ އޭނާ އާއި މެންޗެސްޓާ ޔުނައިޓެޑާ ޖެހުނު މައްސަލަތަކުގައި ދީފައިވާ އިންޓަވިއުއަށް އަމާޒުކޮށެވެ.
ވޯލްޑް ކަޕަށް ދެތިން ދުވަހަށް ވެފައިވަނިކޮށް ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ބަހުގެ ހަމަލާތައް އަމާޒުކޮށް، ވަރުގަދަ އިންޓަވިއުއެއް ދީފައެވެ. ރޮނާލްޑޯ އިންޓަވިއު ދީފައި ވަނީ މަޝްހޫރު ޖާނަލިސްޓް އަދި ޓީވީ ހޯސްޓް ޕިއާސް މޯގަންގެ ހާއްސަ ޕްރޮގްރާމަކަށެވެ.
އެ އިންޓަވިއުގައި ޔުނައިޓެޑްގެ ބޯޑަށާއި ކޯޗުންނަށްވެސް ރޮނާލްޑޯ ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. ރޮނާލްޑޯ ބުނީ ކްލަބުން އޭނާއަށް އޮޅުވާލި ކަމަށާއި ކޯޗުންނަށް އިހުތިރާމު ގެއްލުނު ކަމަށެވެ. ރޮނާލްޑޯ ވަނީ އޭނާގެ ދަރިފުޅު ބަލިވި ވާހަކައަށްވެސް ކްލަބުން އިހުތިރާމު ނުކުރާ ކަމަށް ބުނެ، ކްލަބުގެ ބޯޑަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
އެފަދަ ގޮތަކަށް ޔުނައިޓެޑާ ނުރުހުންވެފައި އޮތް ނަމަވެސް، ރޮނާލްޑޯ ބުނީ އެކަމުގެ އަސަރު ޕޯޗުގަލް ގައުމީ ޓީމަށް ނުކުރާނެ ކަމަށެވެ. އަދި ބުނީ ޕޯޗުގަލްގެ ކުޅުންތެރިންގެ ހިތްވަރު، އެފަދަ އިންޓަވިއުއަކުން ގުޑުވާނުލެވޭނެ ކަމަށެވެ.
"އަހަރެން ހަޔާތުގައި އަބަދުވެސް އެންމެ މުނާސަބު ވަގުތަށް ވާނީ އަހަންނަށް އެންމެ މުނާސަބު ވަގުތު. އެހެން މީހުންނަށް އެކަށޭނެ ވަގުތަކު ނޫން އަހަރެން ވާހަކަތައް ދައްކަން ޖެހޭނީ. އަހަންނަށް އަހަރެން ބޭނުން ގަޑިއަކު ބޭނުން ވާހަކައެއް ދެކެވޭނެ. އަހަރެން ވާހަކަ ދައްކާއިރު ނުވިސްނަން އެހެން މީހުންނަކަށް. ޕޯޗުގަލްގެ ކުޅުންތެރިންނަށްވެސް އެވަރު އެނގޭނެ،" ރޮނާލްޑޯ ބުންޏެވެ.
ޔުނައިޓެޑާ ދެކޮޅަށް ދިން އިންޓަވިއުއަށް ރައްދު ދިނުމަށްފަހު ޕޯޗުގަލްގެ ވޯލްޑް ކަޕް އުންމީދުތަކާ ގުޅިގެން އުމުރުން 37 އަހަރުގެ ރޮނާލްޑޯ ބުނީ، އޭނާގެ ނަޒަރުގައި ވޯލްޑް ކަޕްގައި އޮތް އެންމެ ވަރުގަދަ ޓީމަކީ ޕޯޗުގަލް ކަމަށެވެ.
"އަހަރެން މިހުރީ ރަނގަޅަށް ރިކަވާވެ، ރަނގަޅަށް ތަމްރީނުތައްވެސް ކޮށް ވޯލްޑް ކަޕަށް ތައްޔާރުވެގެން. މި ސްކޮޑަކީ ތަފާތު މޮޅު ސްކޮޑެއް. އަހަރެން ގަބޫލު ކުރަނީ ޕޯޗުގަލްއަށް ވޯލްޑް ކަޕް ނެގޭނެ ކަމަށް. ފުރަތަމަ ގާނާ މެޗުން ފަށަން ޖެހެނީ. އެ މެޗަށް ފޯކަސް މިހުރީ. އަހަރެން ގަބޫލު ކުރަނީ ޕޯޗުގަލްއަކީ ވޯލްޑް ކަޕްގައި އޮތް އެންމެ މޮޅު ޓީމު ކަމަށް. އެކަމަކު އެކަން ދަނޑުމަތިން ދައްކަން ޖެހޭ،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ޕިއާސް މޯގަންއަށް ދިން އިންޓަވިއުއާ ގުޅިގެން ޔުނައިޓެޑުން ބުނީ އެ މައްސަލަ ބަލައި، ފިޔަވަޅު އަޅަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ޔުނައިޓެޑުން އަޅާނެ ފިޔަވަޅުގެ ތަފުސީލު އަދި ހާމަކޮށްފައި ނުވާ އިރު، މީޑިއާތަކުން ބުނެފައި ވަނީ ޔުނައިޓެޑުން މަސައްކަތް ކުރަމުންދަނީ ރޮނާލްޑޯގެ އެއްބަސްވުން އުވާލުމަށް ކަމަށެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ