ރާއްޖޭން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ޓަކައި، މއ. މަނާގެ، އަލީ ފާއިޒަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވައިފިއެވެ.
އަލީ ފާއިޒުގެ ނަން މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލސާގައި އިއްވެވީ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އެވެ. އޭގެ ފަހުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަލީ ފާއިޒުގެ ނަން އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާ ކަމަށެވެ.
އަލީ ފާއިޒަކީ ފުލުހުންގެ ހިދުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ ރައީސެވެ. ފާއިޒު ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގެ އިތުރުން މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވައިފައެވެ.
މީގެކުރިން ރާއްޖޭގެ ފަރާތުން ލަންކާގައި ސަފީރެއްގެ ގޮތުގައި ހުންނެވީ، އުމަރު އަބްދުއްރައްޒާގެވެ. މިހާރު އޭނާ ވަނީ ކިންގްޑަމް އޮފް ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު