ދުނިޔޭގެ ތާރީހުވެސް ދުށް އެންމެ މޮޅު ދެކުޅުންތެރިންނެވެ. މިދިޔަ 15 ވަރަކަށް އަހަރުވެސް ދުނިޔޭގެ ފުޓުބޯޅައިގައި ވާދަވެރިކަން އޮތީ އާޖެންޓީނާގެ ލިއޮނަލް މެސީއާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެމެދުއެވެ. އެ ލިސްޓްގައި އިތުރު ނަމެއް ނެތެވެ. އެ ފެންވަރުގެ ދެ ނަމެއްވެސް އަދި ނާދެއެވެ.
އެތަކެއް ރެކޯޑެއް މުގުރާފައިވާ މެސީއާއި ރޮނާލްޑޯއަށް މިއަދު ފަށާ ގަތަރު ވޯލްޑް ކަޕް 2022 އަކީ ކެރިއަރުގެ ފަސްވަނަ ވޯލްޑް ކަޕެވެ. ތާރީހީ އެހެން ހުރިހާ ކާމިޔާބެއް ކަހަލަ ގޮތަކަށް ދެކުޅުންތެރިންވެސް ހޯދާފައި އޮތް އިރު، ކެރިއަރު މުޅީން ފުރިހަމަ ކުރުމަށް ބޭނުންވަނީ ހަމަ އެންމެ ތަށްޓެކެވެ. އެއީ ދުނިޔޭގެ ތަށްޓެވެ. އެންމެ ޝަރަފުވެރި ވޯލްޑް ކަޕެވެ.
އެ ތަށްޓަށް ދެކުޅުންތެރިންނަށްވެސް މިއީ ލިބޭ ފަހު ފުރުސަތު ކަމަށް ބުނެވިދާނެއެވެ. ރޮނާލްޑޯގެ އުމުރުން 37 އެކެވެ. މެސީގެ އުމުރުން 35 އެކެވެ. މެސީ ވޯލްޑް ކަޕްގެ ކުރިން ބުނެފައިވަނީވެސް މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ދިޔަ އާޖެންޓީނާގެ ފޯވަޑް މެސީއަށް މިފަހަރު ނުވި ކަމެއް ދެން ވާން ނެތްކަން އޭނާ އަމިއްލައަށްވެސް ގަބޫލުކޮށްފިއެވެ.
ދެން ހުރި ރެކޯޑު ގޯލު ޖެހުންތެރިޔާ ރޮނާލްޑޯ ބުނީ ވޯލްޑް ކަޕަށްފަހުވެސް އަދި ހަތަރު ފަސް ވަރަކަށް އަހަރު ގައުމީ ޖާޒީގައި ކުޅޭނެ ކަމަށެވެ. އެހެން ނަމަވެސް ރޮނާލްޑޯގެ ކެރިއަރު މިހާރު ހުރި މިސްރާބު އޭނާވެސް ގައުމީ ޓީމުން ރިޓަޔާކުރް ވިސްނާތަން ފެންނަން ފަށައިފިއެވެ. ދާދިފަހުން ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ ޕޯޗުގަލްއަށް ވޯލްޑް ކަޕް ލިބޭ ހިސާބަކީ އޭނާ ފުޓުބޯޅައާ އަލްވަދާއު ކިޔާނެ ހިސާބު ކަމަށެވެ.
މިފަހަރުގެ ވޯލްޑް ކަޕްވެސް ހާއްސަވާ މެސީއާއި ރޮނާލްޑޯ ރޭ ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯއަކީ "ޕެއިޑް އެޑަވަޓައިސްމަންޓް"އެއް ނަމަވެސް، އެއީ އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު މާނަފުން ފޮޓޯއެކެވެ. ލުއީވުޓޯންގެ އިޝްތިހާރެއްގައި މެސީއާއި ރޮނާލްޑޯ ތިބީ ރާޒުވާ ކުޅިބައެއް ކައިރީގައެވެ. ކެޕްޝަންގައި ބުނަނީ "ވިކްޓަރީ އިސް އަ ސްޓޭޓް އޮފް މައިންޑް" ކަމަށެވެ. އޭގެ އިތުރުން ދެން ކެޕްޝަންގައި ބުނެފައިވާ ބައިން ދޭހަވަނީ ޒަމާންތަކެއް ވަންދެން ދެމީހުން ކުރަމުން އައި މަސައްކަތުގެ ވާހަކައެވެ.
އޭނީ ލޭބޮވިޓްސް ނެގި އެ ފޮޓޯ އެތައް ބަޔަކު ޝެއާކޮށްފިއެވެ. މެސީގެ ފޭސްބުކް ޕޯސްޓަށް އެއްގަޑިއިރުވެސް ނުވަނީސް މިލިއަނުން ލައިކް ލިބި، ލައްކައިން ޝެއާ ކޮށްފިއެވެ. ރޮނާލްޑޯ ޖެހި ޕޯސްޓަށް ގަޑިއިރެއް ތެރޭ ދެ މިލިއަން ލައިކް ލިބިފައިވާ އިރު، ދެލައްކައާ ގާތްކުރާ އަދަދަކަށް ޝެއާ ލިބުނެވެ. އިންޓަނެޓް ހިސޯރުކުރި ފޮޓޯއަކަށް ފޮޓޯ ވެއްޖެއެވެ.