ޚަބަރު

އިދިކޮޅާ ގުޅިގެން ނަޝީދު، ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކަތައް ޕީޕީއެމުން ދޮގުކޮށްފި

މުހައްމަދު އިޝާން

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާލަން، ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދޮގުކޮށްފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި ނަޝީދަށް ތާއިދުކުރައްވާ ފެކްޝަނެއް މަޖިލިސް ތެރެއިން މިހާރު ވަނީ އުފެދިފައެވެ. ރައީސް ސޯލިހުއަށް ތާއިދުކުރައްވާ މެމްބަރުން ވިދާޅުވަމުންދަނީ ނަޝީދަށާއި އެ މަނިކުފާނަށް ތާއިދުކުރައްވާ މެމްބަރުން ގެންދަވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ގުޅިގެން މި ސަރުކާރު ވައްޓާލައި އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން އެމްޑީޕީ ފެއިލް ކޮށްލުމަށް މަސައްކަތް ކުރައްވަމުންނެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕީޖީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފު "ވަން" އަށް މިރޭ ވިދާޅުވީ ރައީސް ސޯލިހަށް ތާއިދުކުރައްވާ މަޖިލިސް މެމްބަރުން ދައްކަވަމުންދާ ވާހަކަތުގައި ހަގީގަތެއް ނުހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ އެ މެމްބަރުން އެގޮތަށް ވާހަކަ ދައްކަވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހަލާކުކޮށްލަން ވެގެން ކަމަށެވެ.

"އަސްލު މިވާ ގޮތަކީ އިދިކޮޅުން ސަރުކާރު ޖަވާބުދާރީ ކުރުވަން ބޭނުންވާ ކަންކަމަށް ރައީސް ނަޝީދުގެ ފަޅިން ވެސް ތާއިދުކުރޭ. ދެން އެގޮތަށް އެކަންކަމާ އެ މެމްބަރުން ވާހަކަ ދެއްކެވީމައި މިވިދާޅުވަނީ ޕީޕީއެމް ގުޅިގެންނޭ. އެގޮތަށް އަސްލު ވިދާޅުވަމުންދަނީ މި ކޯލިޝަނަށް ޑެމޭޖް ދޭން. އެމްއެންޕީން ވެސް ޓެކްސް ބޮޑުކުރާ ބިލަށް ވޯޓެއް ނުދޭ، އެކަމަކު މި ބުނަނީ ޕީޕީއެމްއާ ގުޅިގެންނޭ،" އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ، މި ވެރިކަމާ ދެކޮޅަށް އިދިކޮޅާ ގުޅިގެން މަސައްކަތް ކުރުމަށް ނަޝީދުގެ ފަރާތުން އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާ ކަމަށާއި އަދި ބައްދަލުވުމެއް ވެސް ބާއްވާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ނަޝީދާ ގުޅިގެން އެއްވެސް ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.