ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ/ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) މަރާލި މައްސަލައިގެ ދައުވާ ލިބޭ ގ. ޝާރާޒް، މުހައްމަދު މަފާޒުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިއަދު ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މަފާޒުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ނަދީމުގެ މަރުގެ މައްސަލައިގައި އިތުރު ބައެއްގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފައެވެ. އެ މީހުންނަކީ ހުސެއިން ސަލީމް، ރ. އިންނަމާދޫ/ ސަމަންތާ, ހުސެއިން ޝާމިން، ގއ. ގެމަނަފުށި/ ހަވާސް, މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން/ ވިދާތަރި, އަލީ ނިފާޒުއެވެ. އެ މީހުންގެ ދައުލަތުން ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާއެވެ.
ދައުލަތުން ވަނީ މަފާޒުގެ މައްޗަށް ކުށް ސާބިތުކުރުމަށް ތިން ހެކިވެރިއަކު ހުށަހަޅައިފައެވެ. ނަމަވެސް އެ މީހުން ހެކިބަސް އަދާކޮށްފައިނުވާތީ ދައުލަތުން ވަނީ އެ މީހުން ތަހުގީގަށް ދިން ބަޔާންތަކަށް ރިއާޔަތް ކުރުމަށް އެދިފައެވެ.
ނަމަވެސް ޝަރީއަތުން ނިންމީ ތަހުގީގަށް ދީފައިވާ ބަޔާންތަކަށް ރިއާޔަތް ނުކުރުމަށެވެ. ދައުލަތުން ހުށަހެޅި އެހެން ދެ ހެކިވެރިއަކު ވަނީ ނަދީމަށް ހަމަލާދިނީ މަފާޒު ކަމަށް ބުނެފައެވެ. އެ ދެ ހެކިވެރިން ވަނީ ހެކިބަސް އަނބުރާ ގެންގޮސްފައެވެ.
މަފާޒާ ދެކޮޅަށް ދެން ހުށަހަޅާފައިވާ ހެކިވެރިން ހާޒިރުނުކުރުމަށް ދައުލަތުން ވަނީ ނިންމައިފައެވެ. އެއީ ހެކިންނަށް ބިރު ދައްކާތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ ސީނުން ނަދީމަށް ހަމަލާ ދިން ވަޅި ހޯދައިފައެވެ. ނަމަވެސް އެ ވަޅިން މަފާޒުގެ ޑީއެންއޭ އަދި އިނގިލީގެ ނިޝާނެއް ވެސް ފެނިފައެއް ނުވެއެވެ. މީގެ އިތުރުން ހަމަލާދިން މީހުން މޫނު ނިވާކުރަން އަޅައިގެން ތިބި މާސްކުން މަފާޒުގެ ޑީއެންއޭ ނުފެންނަށް ކަމަށް ވެސް ޝަރީއަތުން ވަނީ ނިންމައިފައެވެ.
ދައުލަތުން މަފާޒާ ދެކޮޅަށް ހުށަހެޅި ހެކިތަކުން ކުށް ސާބިތުނުވާތީ ކުރިމިނަލް ކޯޓުން ހުކުމްކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށަކީ ގިސޯސް ހިފޭނެ ކުށަކަށްވާއިރު، އެ ހެކިތަކުން މަފާޒުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު