މާލޭގައި ހުރި ވޯކްޝޮޕް ގަރާޖުފަދަ ތަންތަން އަވަސްގޮތެއްގައި އެހެން ތަނަކަށް ބަދަލުކުރެވޭނެ ޕްލޭނެއް ކަމާބެހޭ ފަރާތްތަކުން ތައްޔާރުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް އެގޮތަށް އެދިވަޑައިގެންނެވީ, މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު މާފަންނު ގަރާޖެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއެކު އެ މަނިކުފާނު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް އޮފީހުން ބުނީ, އެ ބައްދަލުކުރެއްވުމުގައި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު އެ އިދާރާތަކުގެ އިސްވެރިން, ރައީސްއާ ހިއްސާކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ހާދިސާއާ ގުޅޭ މައުލޫމާތު ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ފޯރުކޮށްދިނުމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަވަހަށް ތަހުގީގު ކުރެއްވުމަށާއި އެ ހާދިސާގައި ނިޔާވި ފަރާތްތައް ދެނެގަތުމާއި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން އަދި ހާދިސާއާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވައިފައެވެ.

ބިދޭސީން ދިރިއުޅޭ ތަންތަން ބެލުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮސް, ކުރިއަށް ގެންދިއުމަށްވެސް އެދިވަޑައިގެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ, މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގެ ޔަގީންކަންވެސް އެ ބައްދަލުވުމުގައި ރައީސް ދެއްވި ކަމަށެވެ.