ޚަބަރު

އަލިފާނުގެ ހާދިސާގައި އިންޑިއާގެ ހަތް މީހަކު މަރުވި!

މުހައްމަދު އިޝާން

ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ހަތް މީހަކު ހިމެނޭކަން ކަށަވަރުވެއްޖެއެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ. ނިރުފެހި ގޭގައެވެ. ތިން ބުރިއަށް ހަދާފައިވާ އެގޭގެ ގްރައުންޑް ފްލޯގައި ގަރާޖެއް ހިންގާ އިރު، މަތީ ދެ ފްލޯއަކީ އެކޮމެޑޭޝަން ބްލޮކްތަކެވެ. އަލިފާނުގެ ހާދިސާގައި މަރުވެފައިވަނީ އެކޮމެޑޭޝަން ބްލޮކްތަކުގައި ދިރިއުޅޭ މީހުންނެވެ. އެ ހާދިސާގައި ދިހަ ބިދޭސީއަކު ވަނީ މަރުވެފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން މިރޭ ކުރި ޓުވީޓެއްގައި ބުނީ، މަރުވި ދިހަ މީހުންގެ ތެރެއިން ހަތް މީހުންނަކީ އެ ގައުމުގެ ރައްޔިތުން ކަމަށެވެ. އެ ހަތް މީހުންގެ އާއިލާގެ މީހުންނާ އެމްބަސީގެ ފަރާތުން ވާހަކަދައްކަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

"އޭގެ ތެރެއިން އެކަކުގެ މައުލޫމާތު އަދި ސާފުވެފައެއް ނުވޭ،" އިންޑިއާ އެމްބަސީން ބުންޏެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވަނީ ވަގުތީ ހިޔާތަކުގައި ތިބި އިންޑިއާ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައިފައެވެ. އެ މީހުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ލިބިގެންދާނެކަމުގެ ޔަގީންކަން މުނޫ މަހާވަރު ދެއްވި ކަމަށް އިންޑިއާ އެމްބަސީން ބުންޏެވެ.

"ވަގުތީ ހިޔާތަކަށް ބަދަލުކުރި ފަރާތްތަކަށް ދިން އެހީތެރިކަމަށް އަޅުގަނޑުމެން ރާއްޖޭގެ އިދާރާތަކަށް އަދި ޖަމިއްޔާތަކަށް ޝުކުރު އަދާކުރަން،" އިންޑިއާ އެމްބަސީން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ، ރޭ 12:27 ހާއިރު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ގަރާޖުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލުވެފައިވަނީ ރޭ 2:00 ގެ ފަހުންނެވެ. ފުލުހުން އަންނަނީ މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.