ރ. އަލިފުށި އަލިފާން ނިއްވާ އިމާރާތުގެ ކޮންކުރީޓް މަސައްކަތް މިދިޔަ އާދިއްތަ ދުވަހު ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ އަލިފުށި އަލިފާން ނިއްވާ އިމާރާތުގެ މަސައްކަތް ކުރަމުންދަނީ އެ ރަށު ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކަމަށެވެ. އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލުމަށްފަހު ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން 5.50 ހެކްޓަރުގެ ބިން ހިއްކުމާއި 2،871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި ރަންވޭއަކާއި އޭޕްރަންއަކާއި ޓެކްސީވޭއަކާއި ފަޔާ ޕެޑަކާއި މަގުތައް ހެދުން ހިމެނެއެވެ.
އޭގެ އިތުރުން އެއާފީލްޑް ލައިޓިން ސިސްޓަމެއް ހަރުކުރުމާއި ނެރު ބައްތި ހަރުކުރުމާއި އަލިފާން ނިއްވާ އިކުއިޕްމަންޓް ހަރުކުރުމާއި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ހެދުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން އަލިފުށި ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 451.61 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 750 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު