ރޭ އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހި ގޭގައި ހިންގާ ގަރާޖަކީ ހުއްދަނެތި ހިންގާ ތަނެއްކަން އެނގިއްޖެއެވެ.
މާލޭގައި ގަރާޖުތަކާއި ވޯކްޝޮޕްތައް ހިންގުމުގެ ހުއްދަ ދޭ ފަރާތަކީ ސިޓީ ކައުންސިލެވެ. ސިޓީ ކައުންސިލްގެ މީޑިއާ އެގްޒެކެޓިވް މަރިޔަމް ޝިއުނާ "ވަން" އަށް މިރޭ ވިދާޅުވީ ރޯވި ގަރާޖަށް ހުއްދަ ދޫކޮށްފައިވާކަމަށް ސިސްޓަމުން ނުދައްކާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ސިސްޓަމަކުން ނުދައްކާ އެތަނަށް ހުއްދަ ދޫކޮށްފައިވާކަމަށް، ޑިޕާޓްމެންޓް ހެޑަށް ގުޅައިގެން ވެސް އިތުރަށް މިދަނީ އެ ގަރާޖުގެ ކަންތައް ގޮސްފައިވާ ގޮތް ބަލަމުން" ޝިއުނާ ވިދާޅުވިއެވެ.
ހުއްދަނެތި ގަރާޖު ހިންގާކަން ސިޓީ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވޭތޯ ސުވާލުކުރުމުން ޝިއުނާ ވިދާޅުވީ ރަސްމީ ގަޑި ނޫންވީމާ އެކަމުގެ މައުލޫމާތު އަދި ފޯރުކޮށްދެވެން ނެތް ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ގަރާޖުގެ ހިންގުމުގެ ހުއްދައަށް ސިޓީ ކައުންސިލުގައި ވަނީ އެދިފައެވެ. ނަމަވެސް ސިޓީ ކައުންސިލުން އެތަން ހިންގަން ހުއްދަ ދީފައި ނުވަނީ އެތަނުގެ ވަށައިގެންވާ ސަރަހައްދުގައި އާންމުން ދިރިއުޅެމުންދާތީއެވެ.
ގަރާޖު ހިމެނޭ އިމާރާތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ވަނީ 10 މިހާކު މަރުވެފައެވެ. އެ ގަރާޖަކީ ކާރު ޕެއިންޓުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ކެމިކަލް ހުރި ތަނެކެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު އެ ގަރާޖުގައި ސާވިސްކުރުމަށް ގެންގޮސްފައި އޮތް ދެ ކާރުވެސް އޮތެވެ. މީގެ އިތުރުން އެ ގަރާޖުގައި ވަޑާންކުރާ ބޭނުންކުރާ ސަމާނު ވެސް ހުއްޓެވެ.
އެ ގަރާޖުގެ މަތީގައި އިތުރު ދެ ބުރި ހުންނައިރު އެއީ އެކޮމެޑޭޝަން ބްލޮކްތަކެވެ. އަލިފާނުގެ ހާދިސާގައި މަރުވެފައިވަނީ އެތަނުގައި ތިބި މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު