ރާއްޖޭގެ ގާނޫނުގެ ދަށުން ފުޓުބޯޅައާ މަތިކޮށްފައިވާ އިދާރާ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ދަރަނީގެ ވާހަކަތަކަކީ މިއަދު އާ ވާހަކަތަކެއް ނޫނެވެ. ކޮންމެ ދުވަހެއްގައި ކަހަލަ ގޮތަކަށް ހެޑްލައިންތަކުން ޖާގަ ހޯދަނީ އެ "ދަރަނީ"ގެ ވާހަކަތަކެވެ. ލައްކައިންނާއި މިލިއަނުން ތަންތަނަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި ހުރި މައްސަލަތަކުގެ ވާހަކަތަކެވެ. ރާއްޖޭގެ ކޯޓުތަކާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި މަރުކަޒު، ފީފާގެ ޑިސްޕިއުޓް ރިސޮލިއުޝަން ޗެމްބާގައިވެސް އެފްއޭއެމްގެ ފައިސާގެ މައްސަލަތައް އޮތީ ގިނަވެފައެވެ.
އެފްއޭއެމުން ކްލަބްތަކާއި އެކި ފަރާތްތަކަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އެބަހުއްޓެވެ. އެގޮތުން އެފްއޭއެމުގެ އެދުމުގެމަތިން އޭޑީކޭއިން ފޯރުކޮށްދިން ހިދުމަތްތަކަށް އެފްއޭއެމުން ފައިސާ ދައްކާފައި ނުވާތީ، އެއްމަސްދުވަހުގެ ތެރޭގައި 1.7 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ވަނީ ދާދި ފަހުން ހުކުމްކޮށްފައެވެ. އޭޑީކޭ ޓްރޭޑިން އެންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑުން އެފްއޭއެމަށް ވިއްކި މުދާތަކެއްގެ ފައިސާ ނުދައްކައިިގެން 150،000 ރުފިޔާ ދައްކަންވެސް ސިވިލް ކޯޓުން ހުކުމްކޮށްފައިވެއެވެ. އޭގެ އިތުރުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ތިން އަހަރުގެ ކަރަންޓު ބިލުތަކަށްވާ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމް ހައުސްއިން ކަރަންޓު ވެސް ވަނީ ކަނޑާލައިފައެވެ.
މި ހުރިހާ މައްސަލަތަކުގެ ތެރެއިންވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ މިދިޔަ ބުދަ ދުވަހު ސިވިލް ކޯޓުން ހުކުމްކުރި އެފްއޭއެމްގެ މައްސަލައަކަށެވެ. އެމައްސަލައަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެފްއޭއެމް އާއި އެޕޯލާއާ ދެމެދު ސޮއިކޮށްފައިވާ ސްޓެލްމެންޓް އެއްބަސްވުމެއްގެ ދަށުން ދައްކަން ޖެހޭ ފައިސާ އާއި އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ޖޫރިމާނާގެ ގޮތުގައި އަރާފައިވާ ފައިސާ އެފްއޭއެމުން ދައްކަމުން ނުދާތީ، ޖުމުލަ އަދަދު ކަމަށްވާ 45 މިލިއަން ރުފިޔާ އެކީ އެއްފަހަރާ ނަގައިދިނުމަށް އެދި އެޕޯލޯ ކުންފުނިން އެފްއޭއެމްއާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ.
އެ ދައުވާއަށް އެފްއޭއެމުން ޖަވާބުދާރީވެފައި ވަނިކޮށް، އެޕޯލޯ އާއި އެފްއޭއެމުން ވަނީ ސެޓުލްމެންޓް އެގްރީމަންޓަކަށް ގޮސްފައެވެ. ސެޓުލްމެންޓް އެގްރީމެންޓަކީ ކޯޓުން ބޭރުން ދެފަރާތުން އެއްބަސްވާ ގޮތަކަށް މައްސަލަ ނިންމައި، ސޮއިކުރާ އެއްބަސްވުމެކެވެ. އެގޮތުން އެޕޯލޯ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ވަހީދު (ދިގަލި) ޖާމިނުވެ މިދިޔަ ޖޫން 14 ގައި، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
އެގޮތުން އެޕޯލޯ އާއި އެފްއޭއެމާ ދެމެދު ވެވުނު ސެޓްލްމެންޓް އެގްރީމަންގައި، ދައްކަން ޖެހޭ ފައިސާއަކީ 13 މިލިއަން ރުފިޔާ ކަމަށް ކަނޑައެޅިއެވެ. ނަމަވެސް އެޕޯލޯ ކުންފުންޏަށް ދައްކަންޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި ހުޅުމާލޭއިން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާ ނުލައި 25 އަހަރަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ. އެފްއޭއެމުންވެސް އެގޮތަށް އެއްބަސްވެފައިވާތީ، ސިވިލް ކޯޓުންވެސް ހުކުމް ކުރީ އެގޮތަށެވެ.
ހުޅުމާލޭގެ އާންމު ރޭޓަށް ކުލި ކަނޑައަޅައިގެން ބަލާނަމަ، ހާހެއްހާ އަކަފޫޓުވެސް ލިބެނީ ސާޅީހަކަށް ހާސް ރުފިޔާއަށެވެ. މާނައަކީ 5000 އަކަފޫޓުގެ އެވަރެޖު އަގަކީ މަހަކަށް 200،000 ރުފިޔާއެވެ. މި ރޭޓުން ބެލުމުން އަހަރަކަށް 2.4 މިލިއަން ޖެހެ އެވެ. 25 އަހަރަށް ބަލައިފި ނަމަ އެއީ 60 މިލިއަން ރުފިޔާ އެވެ. މާނައަކީ އެއްބަސްވެފައިވާ ގޮތަށް 13 މިލިއަން ކެނޑިޔަސް އެޕޯލޯއަށް 47 މިލިއަންގެ ބޮޑު ފައިދާއެއް ވީއެވެ. ޖޫރިމަނާއާއި އެކު ދައްކަން އޮތް 45 މިލިއަނުގައި ހިފައިގެން ދޫ ނުކޮށް ކޯޓު ހުކުމަށް މަޑުކުރި ނަމަ ފައިދާ ނުވީސް ބާވައެވެ؟ ދައްކަން ޖެހޭ އަސްލު އަގުގެ ގޮތުގައި އޮތް 13 މިލިއަނަށްވުރެ ތިން ގުނަ ބޮޑުކޮށް 32 މިލިއަން ކޯޓުން ނަގައިދީފާނެތޯ މިއީ ސުވާލު އުފެދޭ ކަމެކެވެ. ޖޫރިމަނާ ނަގައިދިނުމުގައި ވެސް ހަމައެއް ގެންގުޅޭތީ އެވެ.
އެފްއޭއެމުން ދަރަނި ދެއްކުމަށް އެޕޯލޯއަށް ދޭން އެއްބަސްވެފައިވާ ބިމަކީ ހައި ޕާފޯމަންސް ފުޓުބޯޅަ ސްކޫލް ހިންގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން، އެފްއޭއެމަށް ދީފައިވާ ބިމެކެވެ. 23،000 އަކަފޫޓުގެ އެ ބިމަކީ 2018 ވަނަ އަހަރު އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމެކެވެ. އޭގެ ތެރެއިން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާ ނުލައި 25 އަހަރަށް ދިނުމަށް ނިންމުމަކީ ކުރެވޭނެ ކަމެއް ހެއްޔެވެ؟ ކުއްޔަށް ދީފައިވާ ބިމެއް، ވެރިފަރާތަށް އެންގުމަކާ ނުލައި، އެހެން ބަޔަކަށް ކުއްޔަށް ދިނުމުގެ ބާރު އެފްއޭއެމަށް އޮންނާނެ ހެއްޔެވެ؟
އެކަމާ ގުޅިގެން އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރް "ވަން" އަށް މިރޭ ވިދާޅުވި ގޮތުގައި، ޓްރޭނިން ފެސިލިޓީއެއް ހެދުމަށް އެފްއޭއެމްއަށް ދޫކޮށްފައިވާ ބިމުން އެޕޯލޯ ކުންފުންޏަށް 5،000 އަކަފުޓޫގެ ބިމެއް އެފްއޭއެމުން ދީފައިވަނީ އެއްބަސްވުމާ މުޅީން ހިލާފަށް ކަމަށެވެ.
އެޗްޑީސީން އެފްއޭއެމަށް ދީފައިވާ ބިމަކީ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ހިންގަން ޖެހޭ ފެސިލިޓީއަކަށް ދީފައިވާ ބިމެކެވެ. ނަމަވެސް ކޯޓުން ބޭރުން އެޕޯލޯއާ އެކު އެއްބަސްވެ، ކޮމާޝައަލް ބޭނުމަށް، އެބިން މިވަނީ އެފްއޭއެމުން ދީފައެވެ. އެކަމަކީ އެޗްޑީސީއަށްވެސް އެނގިގެން ކޮށްފައިވާ ކަމެއް ނޫނެވެ. އެހެންކަމުން ބިމުގެ މިލްކުވެރި ފަރާތަށް ނޭނގި، އެހެން ބަޔަކަށް ދިގު މުއްދަތަކަށް ބިމުގެ ބޮޑުބައެއް ދިނުމަކީ އުސޫލުތަކާ މުޅީން ހިލާފަށް އެފްއޭއެމުން ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުކުރުމުގެ ޖާގަ އެބައޮތެވެ.
"އެ ބިން ދޫކޮށްފައިވަނީ އެޗްޑީސީ އާއި އެފްއޭއެމްއާ ދެމެދު ވެވުނު އެއްބަސްވުމާ ހިލާފަށް. އެފްއޭއެމުން ބިން ދީފައިވަނީ އެޗްޑީސީއަށް އެނގިގެނެއްވެސް ނޫން،" މަޝާރު ވިދާޅުވިއެވެ.
މަޝާރު ވިދާޅުވި ގޮތުގައި، އެއްބަސްވުމަށް ބަދަލު ގެނައުމަށްވެސް އެފްއޭއެމުން މިހާރު ވަނީ ހުށަހަޅައިފައެވެ. އެއީ ކޮން ބަދަލުތަކެއް ކަން އޭނާ ހާމަ ނުކުރެއްވި ނަމަވެސް އެ ހުށަހެޅުންތަކާމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެއްބަސްވުމަށް ބަދަލު ގެނައުމަށް ހުށަހަޅާފައި މިވަނީ އެޕޯލޯއަށް ބިމުން ބައެއް ދިނުމަށް އެއްބަސްވެފައިވާތީއެވެ. ނަމަވެސް ބިމުގެ ވެރިފަރާތަށް ނޭނގި، އެހެން ބަޔަކާއެކު އެއްބަސްވުމަކަށް އައުމަށްފަހު، ވެރިފަރާތާއެކު ވެފައިވާ އެއްބަސްވުމަށް ބަދަލު ގެންނަން ހުށަހެޅުމަކީ މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލާ ހިލާފަށް އެފްއޭއެމުން ކޮށްފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެކަން އެގޮތަށް ނުކުރެވޭނެ ކަމަށްބުނެ، ފަންނީ ބައެއް ބޭފުޅުން ވަނީ އެފްއޭއަށް ފާޑުވެސް ކިޔައިފައެވެ.
އެޗްޑީސީން އެފްއޭއެމަށް ދިން 23،000 އަކަފޫޓުގެ އެ ބިމަކީ ހައިޕާފޯމަންސް، އެލީޓް ފުޓްބޯޅަ ސްކޫލެއް ހަދަން ދިން ބިމެކެވެ. އެ ބިމަކީ ރާއްޖޭގެ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަށާއި ފުޓުބޯޅައިގެ ޒުވާން ޖީލެއް ބިނާ ކުރުމުގެ މަގުސަދުގައި ފުޓްބޯލް ސްކޫލެއް ގާއިމުކުރުމަށް ދީފައިވާ ބިމެކެވެ. އެތަނުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާއިރު، އެތަން ބޭނުން ކުރަން އަދި ފަށައިފައެއް ނުވެއެވެ. އެކިއެކި މަޑުޖެހުންތަކާއި ފެއިލިއާތަކުގެ ސަބަބުންނެވެ. އެލީޓް ސްކޫލަށް ބޭނުންވާ ކުޅުންތެރިން "ސްކައުޓް" ކުރުމުގެ ނިޒާމެއް އަތޮޅު ތެރޭގައި އަދިވެސް ގާއިމުކުރެވިފައި ނެތުމަކީ ބޮޑު އެއް ސަބަބެވެ.
ފުޓްބޯޅަ ސްކޫލުގެ ޕްލޭނުގައިވާ ގޮތުން އެ ސްކޫލުގައި 10 އާއި 15 އާ ދެމެދުގެ އަދަދަކަށް ބިދޭސީ ކޯޗުން ތިބޭނެއެވެ. އެ ސްކޫލުގައި 12 އަހަރާއި 15 އަހަރާ ދެމެދުގެ 40 ކުޅުންތެރިން ތަމްރީނު ފުރިހަމަ ކުރާނެއެވެ. ހައި ޕާފޯމަންސް ސެންޓަރެއްގެ ގޮތުގައި ފުޓްބޯޅަ ސްކޫލް ހިންގާ އިރު، އެތަނަށް ހޮވޭ ކުދިން ނަގަން 18 އެކެޑަމީއެއް ހުޅުވަން ނިންމައިފައި އޮތަސް، އެކަމުގެ ކޮޅުމައްޗެއްވެސް އަދި ފެންނާކަށް ނެތެވެ. އެ 18 އެކެޑެމީ ވެސް ހިންގަން ހަވާލުކޮށްފައިވަނީ ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯއާއެވެ. އޭގެ ތެރެއިން ރާއްޖޭގައި ހިންގާނެ ހައި ޕާފޮމަންސް ފުޓުބޯޅަ ސްކޫލާއެކު މުޅި ޔޫތު ޕްރޮޖެކްޓްވެސް ހިންގަން ހަވާލުކޮށްފައިވަނީ ސަލްގާޑޯއެވެ. އެ މަސައްކަތް ފެށުމަށް މިދިޔަ ސީޒަނުގެ ބަޔަކަށް ސަލްގާޑޯގެ ބެލުމުގެ ދަށުން ކޯޗުންތަކެއް ފުޓުބޯޅައިގެ ކަންކަން ބެލި ނަމަވެސް، ފަންޑިންގެ މައްސަލަތަކާ ހުރެ އެ ކޯޗުންގެ މަސައްކަތްވެސް ކުރިއަށް ގެންގޮސް ނިންމާލާފައެއް ނުވެއެވެ.
އެލީޓް ކުޅުންތެރިން އުފައްދާ، ފުޓްބޯޅަ ސްކޫލުގައި، އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކިޔެވުމުގެ ކަންތައްތައް ވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އެގޮތުން ފުޓްބޯޅަ ސްކޫލުގައި ކިޔަވައިދޭނެ ހާއްސަ ކަރިކިއުލަމެއް ހެދުމުގެ މަޝްވަރާތައް މިދިޔަ ނޮވެމްބަރު މަހު އެފްއޭއެމާއި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަށައިފައެވެ.
މީގެ އިތުރުން ހުޅުމާލޭގައި ހުރި ފުޓުބޯޅަ ސްކޫލުގައި އިތުރު ދެ ދަނޑެއް ހަދައި، އެ ސްކޫލުގައި އެކޮމެޑޭޝަން ބްލޮކަކާއި އޮފީހެއް ވެސް ގާއިމުކުރުމަށް ނިންމާފައިވެއެވެ. އޭގެ ތެރެއިން ބައެއް މަސައްކަތްތައް މިހާރު ނިމިފާއިރު، ދެ ދަނޑުގެ މަސައްކަތް މިހާތަނަށްވެސް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެކަންކަން ނިމިފައި ނުވަނީ ކޮވިޑާ ގުޅިގެން ދިމާވި މާލީ ދަތިތަކުގެ ސަބަބުން ކަމަށް އެފްއޭއެމުން ބުނެއެވެ.
އެފަދަ ގައުމީ ބޮޑު މަޝްރޫއަކަށް ދޫކޮށްފައިވާ ބިމެއް، އޭގެ މަގުސަދު އޮޅޭ ގޮތަށް، އެހެން ބައެއްގެ ކޮމާޝަލް ބޭނުމަށް ދިނުމަކީ އުސޫލުން ބޭރުން އަދި "އެތިކްސް" އާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. އެކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެ ސްކޫލުގެ މަގުސަދު ގެއްލުމަށް އެކިއެކި ކަންކަން ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެބިމުން ބޮޑު ބައެއް އެހެން ބަޔަކަށް ދިގު މުއްދަތަކަށް ދިނުމުން ކުރިއަށް އޮތް ތަނުގައި ބިމުގެ ދަތިކަން ދިމާވެ، އިތުރު ފެސިލިޓީތައް ގާއިމުކުރުމަށް ހުރަހަކަށް ވެގެން ދިއުން އެކަށީގެންވާ ކަމަށް ވެސް ބެލެވެއެވެ.
"މިހާރު އެތަނުގައި ދެ ދަނޑެއް ހަދަންވެސް ނިންމާފަ އެބަވޭ. ނަމަވެސް އެތަންތަން އަދި ހަދާފައެއް ނުވޭ. އެހެންކަމަށްވާ ނަމަ އެތަނުން ބައެއް އެހެން ބަޔަކަށް ދިނީމަ ކުރިއަށް އޮތްތަނުގައި އެފަދަ ތަންތަން ހެދުމަށް ހުރަހަކަށް ވެގެންދާނެދޯ. މުޅިން އުސޫލާ ހިލާފަށް، އެތިކްސްއާ ހިލާފަށް އެފްއޭއެމުން ވެފައިވާ އެއްބަސްވުމެއް އެއީ. އެކަމުގެ ސަބަބުން ހިޔަނި އެޅިގެންދާނީ ގައުމީ ޕްރޮޖެކްޓަށް. ދަރަނިވެރިވެގެން ގޮސް، ފުޓުބޯޅައިގެ ކަންކަމަށް ސީދާ އަސަރުކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން. ޖީލެއް ބިނާކުރަން ވަރަށް ބޮޑަށް ހުރަސްއެޅޭނެ ކަންކަން އެފްއޭއެމްގެ ފަރާތުން ފެނިގެންދޭ،" ފުޓްބޯޅައިގެ ތަޖުރިބާކާރަކު "ވަން" އަށް ބުންޏެވެ.
ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން ވަކި އަދަދެއް އެފްއޭއެމަށް ދޭއިރު، ބޮޑު ބައެއް ލިބެނީ ސްޕޮންސަރުންގެ އަތުންނެވެ. އޭގެ އިތުރުން ފީފާއިން ވެސް އާމްދަނީގެ ގޮތުގައި ވަކި އަދަދެއް ލިބެއެވެ. މިއަހަރުގެ ބަޖެޓަށް ބަލާއިރު، އެފްއޭއެމަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 80.4 މިލިއަން ރުފިޔާއެވެ. ސްޕޮންސަރުންގެ އަތުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 43.7 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ފީފާއިން ލިބޭނެ އާމްދަނީގެ ގޮތުގައި ބަޖެޓުގައި ހިމަނާފައި ވަނީ 24.3 މިލިއަން ރުފިޔާއެވެ. އޭއެފްސީން 6.2 މިލިއަން ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވާ އިރު، ސަރުކާރުން އެފްއޭއެމަށް ދޭނެކަމަށް ބެލެވެނީ 3.7 މިލިއަން ރުފިޔާއެވެ.
ކޮންމެ އަހަރަކުވެސް އެފްއޭއެމަށް ބޮޑު ބަޖެޓެއް ލިބިގެންދާއިރު، ދަރަނި އަދާ ނުކުރެވި، އެ އެސޯސިއޭޝަން ދަރަނިވެރިވާންވީ ކީއްވެ ހެއްޔެވެ؟ ލިބޭ ބަޖެޓް މެނޭޖް ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ ލިބޭ ފައިސާއަށް ވަނީ ކިހިނެއް ހެއްޔެވެ؟
އެފްއޭއެމުން ބުނާ ގޮތުގައި އެ އެސޯސިއޭޝަންގެ ހާލަތު ގޯސްވެފައިވަނީ ލިބެން ޖެހޭ ޕޭމަންޓްތަކުގެ ފައިސާ ނުލިބިގެންނެވެ. ސަރުކާރުން އެހީ ނުވުމަކީވެސް އެ އެސޯސިއޭޝަން މެނޭޖްކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައިގެ އަސްލު ކަމަށް އެފްއޭއެމުން ބުނެއެވެ.
"އެފްއޭއެމަށް ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވާތީ ހާލަތު ގޯސްވެފަ އޮތީ. ޔޫތު މިނިސްޓްރީން ދޭން ޖެހޭ ފައިސާތަކެއްވެސް ނުލިބި އެބަހުރި. މިނިސްޓްރީން އެހެން އަހަރުތަކުގަ ޓީމުތަކުގެ ދަތުރުތަކަށްވެސް އެހީވޭ. ސާފް 17 އަހަރުން ދަށުގެ މުބާރާތަށް ދިޔަ ޓީމާއި، އޭއެފްސީ 17 އަހަރުން ދަށް ދިޔަ ޓީމާ، ސާފް 19 އަހަރުން ދަށުގެ މުބާރާތަށް ދިޔަ ޓީމާ، އަންހެން ޓީމުގެ އިތުރުން ފްރެންޑްލީ ކުޅެން ދިޔަ ފިރިހެން ސީނިއާ ޓީމުގެ ހުރިހާ ހަރަދެއްވެސް މިފަހަރު މި ކުރީ އެފްއޭއެމުން. އެއާ ޓްރެވެލްއަށްވެސް މިނިސްޓްރީން ސަޕޯޓެއް ނުލިބޭ،" އެފްއޭއެމް ގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒު "ވަން" އަށް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ޖަވާގެ ނަޒަރުގައި މިނިސްޓްރީގެ ސަޕޯޓު ނެތުން އެއީ ފައިސާގެ ހާލަތު ގޯސްވި މައިގަނޑު އެއް ސަބަބެވެ.
"ކޮންމެ ޓީމެއްގެ ޓިކެޓަކީވެސް ހަތް ލައްކައެއްހާ ރުފިޔާ. އެފްއޭއެމުން ޓީމުތައް މުބާރާތްތަކަށް ފޮނުވައިގެން މެނޭޖު މިކުރަނީ. އެހެންވީމަ ހަމަޖެހިލަން ވަގުތު ނަގާނެ. ދެމަހެއްހާ ދުވަސްތެރޭގައި ފައިސާގެ ކަންކަން ރަނގަޅުވާނެ،" ޖަވާޒު ވިދާޅުވެފައިވެއެވެ.
ކުޅިވަރުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ކޯޗު، މުހައްމަދު މައުރޫފް (މާއްޓޭ) މީގެކުރިން "ވަން" އަށް ބުނީ އެފްއޭއެމްގެ ފައިސާގެ ހާލަތު ރަނގަޅު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، އެފްއޭއެމުން ފައިސާގެ މެނޭޖުމަންޓަށް ފޯކަސް ކުރަން ޖެހޭ ކަމަށެވެ.
"ކުޅިވަރަކަށް ކުރިއެރުން އަންނާނީ އެކަމަކަށް ވަގުތު ދީގެން. ޕްރޮފެޝަނަލީ އެކަން ކުރެވޭނީ އެކަށީގެންވާ ވަރަށް ފައިސާވެސް ހުރެގެން. އެކްސްޕެންޑިޗާ ޕްލޭނެއް ހަދައިގެން ފައިސާ ވަންނާނެ ގޮތެއް ހޯދަން ޖެހޭ. ފަންޑިން ހޯދާނެ ގޮތެއް ބަލަން ޖެހޭ. ލެވަރޭޖެއް ގެންނާނެ ގޮތެއްވެސް ހޯދަން ޖެހޭ. ލިބޭ އެއްޗަކަށް ބަލައިގެން ހަރަދު ކުރެވެން އެނގެން ޖެހޭނެ،" ކުރިން ރާއްޖޭގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ މާއްޓޭ ބުންޏެވެ.
އެފްއޭއެމްގެ މައްސަލަ ގައުމީ ބޮޑު މައްސަލައަކަށް ވެއްޖެއެވެ. ސަރުކާރުން ދޭ އެތައް މިލިއަން ރުފިޔާއަކާއި ބޭރުން ލިބޭ އެހީތަކާއެކުވެސް އެތަން މިވަނީ ދަރައި ހުލިވެފައެވެ. ރާއްޖޭގެ ޓީމެއް ބޭރަށް ފުރަން ބޭނުންވާ ޓިކެޓް ހޯދުމަށް ނުކުޅެދިފައެވެ. ކޯޗުންނާއި ކުޅުންތެރިންނަށްވެސް ދޭން ޖެހޭ ފައިސާ ނުދެވި، ބޮޑު ލަދެއްގައި ބެދިފައެވެ. އެންމެފަހުން ފެނިގެން މިދިޔައީ ޒުވާން ޖީލުގެ މުސްތަގުބަލަށްޓަކައި ހިންގާ ބޮޑު ޕްރޮޖެކްޓަށް އެފްއޭއެމަށް ދީފައިވާ ބިމެއްގެ ބައެއް ހިލޭ ސާބަހަށް ދިން މަންޒަރެވެ. އެފްއޭއެމް މިހާލަތަށް ދާން ޖެހުނު ސަބަބެއް ހޯދަން ޖެހެއެވެ. ޖަވާބުދާރީވެސް ކުރަން ޖެހެއެވެ. އެފްއޭއެމަކީ ބައިނަލްއަގުވާމީ ކުޅިވަރު އިދާރާއެއްގެ ހިމާޔާތުގައި އޮތް ތަނެއްކަމަށް ވުމުން ސަރުކާރަށް އުނދަގޫތަކެއް ހުރި ނަމަވެސް، އެ ޗެލެންޖް ގިރާކޮށްގެންވެސް ހައްލެއް މަޖުބޫރެވެ. އެއީ ގައުމުން ބޭރު ތަނެއް ނޫނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް