ފަނޑިޔާރުންނަށް ވުރެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ)ގެ މެންބަރުން މާ ބާރުގަދަ ކަމަށާއި މި ސަރުކާރުން ވަނީ ފަނޑިޔާރުންނަށް ބިރު ދައްކައި ރަހީނުކޮށްފައިކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ސިޓީ ހިތަދޫގައި ރޭ ބޭއްވި "އަފިރިން ޔާމީން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، މި ސަރުކާރުން ޝަރުއީ ދާއިރާ ހިންގަނީ ހަތަރު ލޯފާމަކުން ކަމަށެވެ. ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ކުރިއަށް ދަނީ އެ ލޯ ފާމުތަކުން ހުށަހަޅާ މައްސަލަތައް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީން ވެރިކަމަށް އައީ މިނިވަން ފަނޑިޔާރުގެގެއަކަށް ވަކާލާތު ކުރަމުން ކަމަށާއި މިހާރު ހުރިހާ ބާރެއް ލިބިވަޑައިގެން ތިބެގެން ވެސް ފަނޑިޔާރުގެ މިނިވަންކުރުމަށް އެމްޑީޕީން މަސައްކަތް ނުކުރާކަމަށް ޔާމީން ވިދާޅުވިއެވެ.
"މިހާރު ޖޭއެސްސީ އެއަށްވުރެ ބާރުގަދަކޮށް އޮތީ އެމްޑީޕީގެ އަތުގަ. ހުރިހާ ފަނޑިޔާރުން އެ ތިބީ ރަހީނުކޮށްފަ، ބިރު ދައްކާފަ" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މިއިން ޒަމާނުކުވެސް ޝަރުއީ ދާއިރާތަކަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. ޔާމީން ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން މިހާރު ބަންދު ކުރަނީ ހެކީގެ ބަދަލުގައި ފުލުހުން ބުނެލާ ބަހެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ފުލުހުން ބުނެލާ ބަހެއްގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭ މީހުން ހެކި ނެތަސް ޝަރީއަތް ނިމެންދެން ބަންދުކުރާ ކަމަށާއި އެ މަނިކުފާނަށް 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިޖެނަމަ ކޯޓުތަކައް އެގޮތަށް މީހުން ބަންދު ކުރުމުގެ ފުރުސަތު ނުލިބޭނެކަމަށް ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނުގެ މައްޗަށް ކުރެވުނު ޝަރީއަތް ވެސް ކާމިޔާބު ކުރެވުނީ އެ ޝަރީއަތް ލައިވް ކުރުމުންކަމަށް ޔާމީން ވިދާޅުވިއެވެ. ޝަރީއަތް ލައިވް ނުކުރިނަމަ އެ މަނިކުފާނުގެ މައްސަލަ ނިންމާނީ ކޯޓުގެ ބަދަލުގައި ހަތަރު ލޯ ފާމެއް ހިންގާ މީހުންގެ ތެރެއިން އެކަކުގެ ގޭގެ ކޮޓަރިންކަމަށް ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީއަކީ ފެށުނީއްސުރެ ރާއްޖެއަށް ޑިމޮކްރަސީ އާއި ތަރައްގީ އާއި މިނިވަންކަން ގެނައި ޕާޓީކަމަށް ގޮވާލާ ޕާޓީ ކަމަށާއި ނަމަވެސް މިހާރު އިދިކޮޅު ކޯލިޝަނުން ހަރަކާތެއް ފަށާއިރަށް މުޅި ސަރުކާރުން އެކަން ހުއްޓުވަން މަސައްކަތް ކުރާކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު