ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޑީޕީގެ އިންތިހާބުތައް ފުލުހުން ހުއްޓުވީ ނޫން ކަމަށާއި ފުލުހުން ދިޔައީ ވޯޓު ގުނަން ކަމަށް ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒް ރައްދު ދެއްވައިފިއެވެ.
ރިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މީހުންނަށް ފުރައްސާރަ ކުރުމަށް ފުލުހުންގެ ނަން އެއްވެސް ގޮތެއްގައި ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ ޑިމޮކްރަސީއަށް މުހިންމު ބައެއް ކަމަށާއި އެ ހިދުމަތް ނިކަމެތިވާނެ މޭރުމަކުން ދައްކާ ވާހަކަތަކަކީ ޑިމޮކްރަސީ ކުރިމަތިވާ ނުރައްކަލެއް ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީޕީއެމް އެތެރޭގެ އިންތިހާބާ ގުޅިގެން ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ، ޕީޕީއެމްގެ އެތެރޭގެ އިންތިހާބަކީ ޑިމޮކްރަސީއަށް ނަމޫނާއެއް ކަމަށެވެ. އަދި ޕީޕީއެމް ވޯޓު ލާފައިވަނީ ސިމެންތި ގިރާ މެޝިނާއި ޓައްޕާއި ބާލިދީތަކަށް ނޫން ކަމަށެވެ.
ޔާމީން ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ވެރިކަމުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބު ހުއްޓުވަން ފުލުހުން ފޮނުވާފައި ނުވާނެ ކަމަށާއި ފުލުހުން ގޮސްފައިވަނީ ވޯޓު ގުނައިދޭން ކަމަށެވެ. ޔާމީން އެގޮތަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކުރެއްވި ޓުވީޓެއްގައި އެމްޑީޕީ އިންތިހާބު ހުއްޓުވަން ފުލުހުން ފޮނުވި ކަމަށް ވިދާޅުވެފައިވުމުންނެވެ.
އެމްޑީޕީއަށް ފާޑު ވިދާޅުވެ ޔާމީން ވާހަކަ ދައްކަވާފައިވުމުން އެމްޑީޕީ ގިނަ މެމްބަރުން ވަނީ ޔާމީންގެ ފަސް އަހަރަކީ އަނިޔާވެރިކަމާއި ޑިމޮކްރަސީގެ ހަމަތަކާ ހިލާފު ކަންތައް ކުރެއްވި ވެރިކަމެއް ކަމެއް ބުނެ ފާޑު ކިޔައިފައެވެ.