ފްރާންސް ލީގުގައި މިރޭ ޕީއެސްޖީން ކުޅުނު މެޗުގައި ލޮރިއެންޓް އެފްސީ ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ޕީއެސްޖީން ލޮރިއެންޓް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ނޭމާގެ ގޯލެއްގެ އިތުރުން ދެން ޕީއެސްޖީގެ ފަރާތުން ފެނިގެން ދިޔައީ ޑެނީލޯ ޕެރޭރާގެ ގޯލެކެވެ. މެޗުގައި ލޮރިއެންޓްގެ ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ ތެރެމް މޯފީއެވެ.

މިރޭގެ މެޗަށް ޕީއެސްޖީން ނުކުތީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ނުލައެވެ. މެސީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރުމުން އޭނާ މެޗަށް ނެރެފައި ނުވަނީ ވޯލްޑް ކަޕާ ދިމާކޮށް ބޮޑު އަނިޔާއެއް ވެދާނެތީއެވެ. މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގަލްޓިއާ ބުނީ މެސީގެ އަނިޔާ ގޯސް ނޫން ކަމަށާއި މިހަފުތާގެ ތަމްރީނުތަކުގައި ބައިވެރިވާނެ ކަމަށެވެ.

މިރޭ ޕީއެސްޖީން ކުޅުނު މެޗުގެ 85 ވަނަ މިނެޓުގައި ފްރާންސްގެ ސުޕަ ސްޓާ، ކިލިއަން އެމްބާޕޭ ބާލަން ޖެހިފައިވާ އިރު، ބެލެވޭ ގޮތުގައި އޭނާ ސީދާ ޑްރެސިން ރޫމަށް ދިޔައީ އަނިޔާއެއްގެ ސަބަބުންނެވެ. ކޮންމެވެސް ވަރަކަށް ހާސްވެފައި ހުރި މަންޒަރު އެމްބާޕޭގެ މޫނުމަތިން ފެނިފައިވާ އިރު، ކޯޗު ގަލްޓިއާ ބުނީ އަނިޔާގެ މައްސަލައެއް ދިމާނުވާ ކަމަށެވެ.

"އެމްބާޕޭ ޑްރެސިން ރޫމަށް ދިޔައީ ސީރިއަސް އަނިޔާއެއް ވެގެން ނޫން. އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި. މެޗުގައި ވަރަށް ގިނަ ރަންތަކެއްވެސް ނަގަން ޖެހުމާއެކު. ދަނޑުމަތީގައި ކަމެއް ނުކޮށް ހުރުމަށްވުރެ މާ ރަނގަޅުވާނެ ރެސްޓް ކޮށްލީމަ، އެހެންވެ ބޭލީ،" ޕީއެސްޖީ ކޯޗު ގަލްޓީއާ ބުންޏެވެ.

ގަލްޓިއާ ބުނީ މެޗު ތެރެއިން ވަރަށް ގިނަ ފަހަރު މަތިން ކުޅުންތެރިން ފަސް ޖެހޭ މަންޒަރު ފެނުނު ކަމަށެވެ. އެކަން އެގޮތަށް ވަނީ ކުޅުންތެރިންގެ ސިކުނޑީގައި ވޯލްޑް ކަޕް އޮތުމުން ކަމަށްވެސް އޭނާ ބުންޏެވެ.

"އޮޓޮމެޓިކަލީ ހުރިހާ ކުޅުންތެރިންގެ ބޮލުގައި މިހާރު އޮތީ ވޯލްޑް ކަޕް. އަނިޔާއެއް ވެދާނެ ކަމަށް ވަރަށް ބޮޑަށް ސަމާލުވެގެން ކުޅުންތެރިން ކުޅުނީ. މިއަދުގެ މެޗުންވެސް ފެނުނީ ވަރަށް ގިނަ ކުޅުންތެރިން ފަސް ޖެހުނުތަން. ޑުއެލްތަކުގައި މާ ބޮޑަށް މަސައްކަތް ނުކުރާތަން،" ޕީއެސްޖީ ކޯޗު ބުންޏެވެ.

ވޯލްޑް ކަޕް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާ އިރު، ކްލަބު ފުޓުބޯޅަ މެދުކަނޑާލާނީ މިއަންނަ ހަފުތާގެ މެޗުތަކަށް ފަހުއެވެ. ޕީއެސްޖީން ވޯލްޑް ކަޕްގެ ކުރިން އަދި ލީގު މެޗެއް ކުޅޭނެއެވެ. ގަތަރު ވޯލްޑް ކަޕް މިމަހުގެ 20 ވަނަ ދުވަހު ފަށާ އިރު، މިއީ ކްލަބު ފުޓުބޯޅަ ސީޒަނުގެ ތެރެއިން ފިނި މޫސުމުގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ.