ށ. ބިލެތްފަހި އެއާޕޯޓުގެ މަސައްކަތް ލަސްތަކެއްނުވެ ފެށިގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ވަނީ ބިލެތްފަހި ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައިފައެވެ. ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ކައުންސިލް މެމްބަރުން ވަނީ ރަށަށް ދިމާވެފައިވާ ގިނަ ދަތިތަކެއް ރައީސްއާ ހިއްސާކުރައްވައިފައެވެ.
އެގޮތުން ބިލަތްފަހީގެ ބަނރުގެ މަޝްރޫއު ކުރިއަށް ގެންދާއިރު ބަނދަރުގެ ނެރު ބައްތީގެ މައްސަލަ އާއި ދޯނި އެހެލުމުގައި ދިމާވަމުންދާ ދަތިތައް ހިއްސާކުރައްވައި އެކަންތައްތައް ހައްލުކޮށްދެއްވުމަށް ކައުންސިލް މެމްބަރުން ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ބިލަތްފެހީގައި ޒުވާނުންގެ މަރުކަޒަކާއި ރަށް ގިރުމުގެ ސަަބަބުން ދިމާވާ ގެއްލުންތަކާއި ސަރުކާރުން ބިލަތްފެހީގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް އަވަސް ކޮށްދިނުމަށް ކައުންސިލް މެމްބަރުން އެދިވަޑައިގެންނެވިއެވެ.
ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވީ، އެކަންތަކުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ބަޖެޓުގައި ހިމަނާފައިވާ ކަންކަން ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށާއި ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށްގެންދެވެން ހުރި ކަންކަން އެކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައި ސާވޭކުރުމަށްފަހު ބައްލަވައިދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ބިލަތްފެހީގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
ބިލެތްފަހީގައި އެއާޕޯޓް އެޅުމަށް ނިންމާފައިވާކަން ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އޭރު އެ މިނިސްޓްރީން ބުނެފައިވަނީ 2021 ގެ ނިޔަލަށް ބިލަތްފެހީގެ އެއާޕޯޓުގެ މަސައްކަތް ނިމިގެންދާނެ ކަަމަށެވެ.
ބިލަށްފެހި އާއި އިތުރު ރަށްތަކެއްގައި އެއާޕޯޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ވަނީ ހަތަރު ފަހަރެއްގެ މަތިން އިއުލާންކޮށްފައެވެ.