ކޯޓުތަކުގައި ގިނަ މައްސަލަތައް ސާބިތު ނުވަނީ ހެކިންގެ ހެކިބަސް ނުލިބިގެން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޝަމީމު މިހެން ވިދާޅުވީ، ހުސްވި އޮކްޓޫބަރު މަހު ކޯޓުތަކުން ނިންމި ޖިނާއީ މައްސަލަތަކުގެ ތެރޭގައި ވެސް ސާބިތު ނުވާ މައްސަލަތަކަކީ އެފަދަ މައްސަލަތައް
ކަން ހާމަކުރައްވައި އޭނާގެ ބްލޮގުގައި ލިޔުއްވަމުންނެވެ.
ޝަމީމު ވިދާޅުވީ ހުސްވި އޮކްޓޯބަރު މަހުގެ ތެރޭގައި ޑްރަގް ކޯޓު ފިޔަވައި، އެންމެ ގިނަ މައްސަލަތައް ނިންމީ ކްރިމިނަލް ކޯޓުންނާއި މާލެ އަތޮޅުގެ ކޯޓުތަކުން ކަމަށެވެ.
އެއީ 48 މީހެއްގެ މައްސަލަ ކަމަށާއި، އޭގެ ތެރެއިން 43 މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 90 ޕަސެންޓް ކާމިޔާބުގެ ރޭޓެއް ހިފެހެއްޓުނު ކަމަށްވެސް ވިދާޅުވިއެވެ. އަދި 3 މީހެއްގެ މައްޗަށް (ހަ ޕަސެންޓް) ކުށް ސާބިތު ނުވާކަމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ
މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ދެ މައްސަލައެއްގައި ނިންމި ކަމަށާއި، އެ ދެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.
ދެން އެންމެ ގިނަ މައްސަލަ ނިންމީ ހދ އަތޮޅުން ކަމަށާއި، އެއަތޮޅުން ނިންމި 15 މައްސަލައިގެ ތެރެއިން ނުވަ މީހެއްގެ މައްސަލަ ސާބިތުވި ކަމަށްވެސް ވިދާޅުވިއެވެ. ސާބިތުނުވީ ހަތް މީހެއްގެ މައްސަލަ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ސާބިތު ނުވި މައްސަލަތަކުގެ ދައުވާ ކޯޓަށް ހުށަހެޅިފައިވާ އަހަރުތަކަށް ބެލިއިރު އޭގެ ތެރޭގައި ހިމެނެނީ، 2009، 2012، 2018 އަދި 2019 ގެ އެއް މައްސަލަ އާއި، 2020 ގެ ދެ މައްސަލަ އާއި 2021 ގެ އެއް މައްސަލަ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"މިހުރިހާ މައްސަލައެއްވެސް ސާބިތުނުވެ އޮތީ ހެކިންގެ ހެކިބަސް ނުލިބިގެންނެވެ. ހެކިންގެ ހެކިބަސް ނުލިބުމާ، މައްސަލަ ނުނިމި ގިނަ ދުވަސްވުމާ ގުޅުމެއްވާކަން، ތަފާސް ހިސާބުތަކުން ސާފުކޮށް ދައްކައެވެ. އެންމެ ގިނަ މައްސަލަ ކޯޓުތަކުން ނިންމެވީ އޮކްޓޯބަރު މަހުގެ 3 ވަނަ ހަފުތާގައި 56 މައްސަލައެވެ.،" ޝަމީމު ވިދާޅުވިއެވެ.