އދ. ގެ މޫސުމާ ބެހޭ ކޮންފަރެންސް ނުވަތަ ކޮޕް 27 ގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެހެން ގައުމެއް ތަމްސީލުކުރެއްވުން ރަނގަޅު ނޫން ކަމަށް ކުރީގެ ރައީސް، އަދި ވެރިކަން ކުރާ ކޯލިޝަންގެ އެއް ޕާޓްނަރު ކަމަށްވާ އެމްއާރްއެމްގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކޮޕް 27 ގައި، ސްރީލަންކާގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިސްރަށް ފުރާވަޑައިގެންނެވީ މި މަހުގެ 4 ވީ ހުކުރު ދުވަހުއެވެ.
ރައީސް ނަޝީދަކީ ދިވެހި ދައުލަތުގެ އެއް ބާރު ކަމަށްވާތީ، ބައިނަލް އަގުވާމީ މި ފަދަ ކޮންފަރެންސެއްގައި އެ މަނިކުފާނު އެހެން ގައުމެއް ތަމްސީލު ކުރައްވާތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ކަންބޮޑުވުން ތަކާ ގުޅޭ ގޮތުން، ސުވާލު ދެންނެވުމުން މާބޮޑު ތަފުސީލަކަށް ވަޑައިނުގެން ރައީސް މައުމޫން ވިދާޅުވީ "ރަނގަޅު ކަމެއް ނޫން" ކަމަށެވެ.
އެމްޑީޕީގެ ކުރީގެ ރައީސް، އަދި ކުރީގެ ބަންޑާރަ ނައިބު، ޑރ. މުހައްމަދު މުނައްވަރު ވެސް ވަނީ މި ކަމުގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"ސުބުހާނަﷲ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް ވީ ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އެހެން ގައުމެއްގެ ވަފުދުގައި އެ ގައުމު ތަމްސީލުކުރަން ގޮހޯ. ކޮބައިތޯ ދިވެހި ގައުމު؟ ކޮބައިތޯ ދިވެހި ދައުލަތަށް ވަފާތެރިވުމަކީ؟" ޑރ. މުނައްވަރު އިއްޔެ އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.
ކުރީގެ ބަންޑާރަ ނައިބު، އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު، އާއިޝަތު އާޒިމާ ޝަކޫރުވެސް މި ކަމުގައި ކަންބޮޑުވުން ފާޅުކުރައްވައި ބަޔާނެއް އިއްޔެ އާންމުކުރައްވައިފައިވެއެވެ.
އަޅުގަނޑުމެންނަކީ ތިމާވެށީގެ ޗެމްޕިއަނުން ކަމަށް އަމިއްލައަށް ވަކާލާތު ކުރާއިރު، ތިމާވެށީގެ އެންމެ ބޮޑު ސަމިޓުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެހެން ގައުމެއް ތަމްސީލުކުރައްވާއިރު، ސަރުކާރުން ބުނާނެ އެއްވެސް އެއްޗެއް ނެތީތޯ އާޒިމާ ވަނީ ސުވާލު އުފައްދަވައިފައެވެ.
"މިކަމާ އެޓާނީ ޖެނެރަލް ވިދާޅުވާނެ އެއްޗެއް ނެތް؟ މިއީ މަސްލަހަތު ފުށު އަރާ ކަމެއް ނޫންތޯ؟ މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ކުރެއްވިދާނެ ކަމެއްތޯ؟ ގާނޫނު އަސާސީން ހުއްދަކުރާ ކަމެއްތޯ؟" އާޒިމާ ސުވާލު އުފައްދަވައިފައިވެއެވެ.
ގާނޫނީ ގޮތުން މި ކަމުގައި މައްސަލައެއް އެބަ އޮތްތޯ ސުވާލު ދެންނެވުމުން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، އަދި މަޝްހޫރު ގާނޫނީ ވަކީލު، އަލީ ހުސެއިން "ވަން" އަށް ވިދާޅުވީ ހުރިހާ ކަމަކީ ގާނޫނުގައި ލިޔާން ޖެހޭ ކަންކަން ނޫން ކަމަށާއި ރާއްޖޭގެ މަޖިލިސް ރައީސް އެހެން ގައުމެއް ތަމްސީލުކުރެއްވުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"ވިސްނަންވީ ގައުމީ ވިސްނުމަކުން. އަޅުގަނޑުމެންގެ މަޖިލިސް ރައީސް، އަޅުގަނޑުމެންގެ ރައީސް، އަޅުގަނޑުމެންގެ އެފަދަ މަގާމެއްގައި ހުންނަވާ އެހެން ބޭފުޅަކު ވަޑައިގެން އެހެން ގައުމުތައް ތަމްސީލުކުރެއްވުން އެއްވެސް ބޭފުޅަކަށް އޯކޭތޯއޭ! ހަމަ ގައިމުވެސް އަޅުގަނޑަކަށް އޯކޭއެއް ނޫން. އަމުދުން މި ފަދަ ކޮންފަރެންސްތަކުގަ އެހެން ގައުމުތައް ތަމްސީލުކުރައްވައިގެން ނުވާނެ. މިތަނުގައި ރާއްޖޭން ވަކި ޑެލިގޭޝަނެއް ވަޑައިގެން ރާއްޖެ އެބަ ތަމްސީލުވެސް ކުރައްވާ. މިއީ ހަމަ ވަރަށް ދަށު ދަރަޖައިގެ ކަމެއް. ފެނިގެން މިދަނީ ގައުމު އޮތް ހާލަތު!" އަލީ ހުސެއިން ވިދާޅުވި އެވެ.
ރައީސް ނަޝީދު މިސްރަށް ވަޑައިގެންފައިވަނީ އަވަށްޓެރި ސްރީ ލަންކާގެ ވަފުދުގެ މެންބަރުންނާ އެކުއެވެ. ކޮޕް27 ގައި އެމަނިކުފާނު ތަމްސީލުކުރައްވާނީ ސްރީ ލަންކާއެވެ.
ނަޝީދަކީ ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ކްލައިމެޓް އެޑްވައިޒަރެވެ. އެ މަގާމަށް ރައީސް ނަޝީދު އައްޔަން ކުރެއްވީ ނޯވޭގެ ކުރީގެ މިނިސްޓަރު އެރިކް ސޮލްހައިމްއާ އެކުގައެވެ.
ނަޝީދުގެ މި ދަތުރުފުޅުގައި މިސްރުގައި ބާއްވާ ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް އިވެންޓް، "ޕޭވިން ދަ ބްލަޑް ފްރޮމް ވަލްނަރެބިލިޓީ ޓު ޕްރޮސްޕެރިޓީގައި" ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާން ޖެހޭ ޕްލޭންތައް އެކުލަވާލުމުގައި ގައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ މި އިވެންޓަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން އިންތިޒާމްކުރާ އިވެންޓެކެވެ.
ނަޝީދު މިސްރަށް ކުރައްވާ ދަތުރުފުޅުގައި ސީވީއެފް، ވީ20 އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާނެއެވެ.
މި ސަމިޓުގައި ރާއްޖެ ތަމްސީލުު ކުރައްވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ނައިބު ރައީސް ފައިސަލްވެސް ވަނީ ހުކުރު ދުވަހު މިސްރަށް ފުރާވަޑައިގެންފައެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މި ކޮންފަރެންސްގައި ނައިބު ރައީސް ފައިސަލް ރާއްޖޭގެ ގައުމީ ބަޔާން އިއްވަވާނެ އެވެ. އަދި ކޮޕް27ގެ މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާތަކުގައި ވެސް ނައިބު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މިއަހަރު ބާއްވާ ކޮޕް 27 އިންތިޒާމު ކުރަނީ މިސްރުގެ ސަރުކާރުންނެވެ. މި ސަމިޓަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި އެކަށީގެންވާ ގޮތެއްގައި މާލީކަންކަން ފަހިކުރުން ފަދަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅާ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާގޫޅޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.
ރައީސް މައުމޫން އަބްދުލް ގައްޔޫމް
ރައީސް މައުމޫން އަބްދުލް ގައްޔޫމް
ރައީސް މައުމޫން އަބްދުލް ގައްޔޫމް
ރައީސް މައުމޫން އަބްދުލް ގައްޔޫމް