ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފަހު އަހަރުގައި އެމަނިކުފާނުގެ ބޭބޭފުޅު މައުމޫނު އަބްދުލްގައްޔޫމް ހައްޔަރުކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް މައުމޫނު ދޮގުކުރައްވައިފި އެވެ.
މި މަހު 13 ވަނަ ދުވަހު އަދަދު ނޫހުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ މައުމޫނު ހައްޔަރުކުރެއްވީ 2018 ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފަނޑިޔާރުންނަށް ރިޝްވަތުދެއްވުމުން ކަމަށް ވިދާޅުވެފައެވެ.
އެވާހަކަތައް ދޮގުކުރައްވައި ރޭ މައުމޫނު އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުން ނެރުއްވި ކޯޓު އަމުރަކީ މައުމޫނާ އެއްވެސް ވަރަކަށް ގުޅުން ހުރި ކަމެއްނޫން ކަމަށާއި ރާއްޖޭގެ ސުޕްރީމް ކޯޓުން ކޯޓު އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެނޫންވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަށް ރިޝްވަރު ދިނުމުގެ ހަޑި މުޑުދާރު އެއްވެސް އަމަލެއް ދުވަހަކުވެސް ކުރައްވާފައި ނުވާނެ ކަމަށެވެ.
އެ ވާހަކަތަކަކީ މައުމޫނުގެ ނަން ކިލަނބުކުުރުމަށް ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް މައުމޫނު ތުހުމަތުކުރެއްވި އެވެ.
"ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ކަމުގައިވިޔަސް އަދި އޭގެ ކުރީންކަމުގައިވިޔަސް އަދި އޭގެ ފަހުން ކަމުގައިވިޔަސް، ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް އަދި އެނޫންވެސް ދައުލަތުގެ ކަމަކާއި ހަވާލުވެގެން ހުރި އެއްވެސް ފަރާތަކަށް ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ނުވަތަ އެހެން އެއްޗެއް ދުވަހަކުވެސް ދީފައެއް ނުވާނެއެވެ." މައުމޫނު އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސްގެ މަގާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ހަގީގަތެއް އެކުލެވިގެން ނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމައުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ކަމަށެވެ. އަދި އެހެންވެ އެކަމާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަމުންދާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް ޔާމީންގެ މި ވާހަކަތަކާ ގުޅިގެން ގާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާމެދު ރައީސް މައުމޫން ގެންދަވަނީ ވިސްނަވާވަޑައިގަންނަވަމުންނެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު އެއްވެސް އަމަލެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދުވަހަކުވެސް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އާއިޝަތު މާހާ
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި