Close
ރިޕޯޓް

މައުމޫންގެ ސިޔާސީ ދަތުރު: 30 އަހަރުގެ ވެރިކަމުން 3000 ހަމަނުވެ އޮއްސުމަކަށް!

އަލީ ޔާމިން

އެއް އިރެއްގައި އެއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ މަގުބޫލު ޝަޚުސިއްޔަތެވެ. މިހާރުވެސް އެއީ މީހުން ގަދަރުކުރާ ލީޑަރެކެވެ. ގައުމުގެ ހުންގާނުގައި 30 އަހަރު ހުންނެވިއެވެ. ރާއްޖެ މިއަދު ދެކެމުން މި އަންނަ ތަރައްގީއާއި ތަމައްދުންގައި އެ މަނިކުފާނުގެ ހިއްސާ ބޮޑެވެ. ނަމަވެސް މިއަދު އެމަނިކުފާނުގެ ސިޔާސީ މާ ބޮޑު ނުފޫޒެއް ނެތެވެ. މަޑުމަޑުން ފަނޑުވަމުން މައިދާނުންވެސް ގެއްލެނީއެވެ. މިއީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސިޔާސީ ދަތުރުގެ ކުރު ހުލާސާއެކެވެ.

މިހާރު އުމުރުފުޅުން 85 އަހަރުގެ މައުމޫނަކީ، 1978 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ރާއްޖޭގެ ވެރިކަން ކުރެއްވި ލީޑަރެވެ. ސިޔާސީ ގޮތުން ލައްކަ ގިނަ ތަޖުރިބާ ހުންނާނެއެވެ. ސިޔާސީ "ކަޅު" ދުވަސްތައްވެސް އެމަނިކުފާނު ދެކެވަޑައިގެންނެވިއެވެ. ތިރީސް އަހަރު އިއްޒަތާއި ގަދަރާއެކު އުޅުއްވުމަށް ފަހު، ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ހުރަގޭގައިވެސް އޮންނަވައިފިއެވެ. އެ ހިތި ތަޖުރިބާ އެމަނިކުފާނު ކުރެއްވީ ހުދު އެމަނިކުފާނުގެ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. "ކާންދޭ އަތުގައި ދަތް އެޅީ" އޭ ބުނާ މީހުން ވެސް މަދެއް ނޫނެވެ. ޔާމީން ސިޔާސީ މައިދާނަށް ނުކުންނެވީ މައުމޫންގެ ހިޔަނީގައެެވެ. ޔާމީނުގެ މަގުބޫލުކަމުގެ ފެށުމަކީ މައުމޫންގެ މަގޫބުލުކަމެވެ.

ރާއްޖޭގައި ގިނަ ޕާޓީތަކެއް އެކުލެވިގެން، 2008 ވަނަ އަހަރު ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ވާދަކުރައްވައި ލިބިވަޑައިގަތް ނާކާމިޔާބީއަށް ފަހު ބައެއް މީހުން ހީކުރީ މައުމޫންގެ ތަރި އޮއްސުނީ ކަމަށެވެ. ނަމަވެސް އެއިރުވެސް މައުމޫނު އަރިހުގައި ބަޔަކު ތިބުމުން، ސިޔާސީ އުންމީދުގެ ހުޅުކޮޅު މައުމޫން އަލުން ރޯކުރެއްވިއެވެ. ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި ސިޔާސީ ހަރަކާތްތައް ގަދަކޮށް ފެއްޓެވިއެވެ. އެއިރު އޮތް އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް އޮތް އެންމެ ބޮޑު އޮޕޯސިޝަން ޕާޓީއެއްގެ ގޮތުގައި ޑީއާރްޕީގެ ނޫކުލައިގެ ލަޝްކަރު ދިޔައީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ނަމަވެސް ޑީއާރްޕީގެ ތެރޭގައި މައްސަލަތައް އުފެދި، އެއިރު ހުންނެވި ލީޑަރު އަހުމަދު ތަސްމީން އަލީއާއި ހިޔާލުތަފާތުވުންތައް އުފެދި، ޑީއާރްޕީ ދޫކުރައްވައި މައުމޫން ނުކުމެވަޑައިގެން އާ ސިޔާސީ ޕާޓީއެއް ވުޖޫދުކުރިއެވެ. އެއީ، މިހާރު ރާއްޖޭގެ ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ.

ޕީޕީއެމްގެ ޒައީމަކީ ރައީސް މައުމޫނެވެ. ޕީޕީއެމް އުފެއްދުމާއެކު ޑީއާރްޕީގައި ތިބި އެމަނިކުފާނަށް ތާއީދުކުރައްވާ ގިނަ ބަޔަކު ޕީޕީއެމްއަށް ބަދަލުވިއެވެ. ޕީޕީއެމްގެ ސަފުތައް ވަރުގަދަވިއެވެ. ޕީޕީއެމް ފުޅާކޮށް ބޮޑުކުރުމަށް މައުމޫން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ނަމަވެސް އާޚިރުގައި ޕީޕީއެމްގެ މައުމޫންގެ އަތުން ބީވީއެވެ. ޕީޕީއެމުން މައުމޫން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތީ މަޖުބޫރީ ހާލަތުގައި އެނޫން ގޮތެއް ނެތުމުންނެވެ. ޕީޕީއެމްގެ މިހާރުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް، ރައީސް ޔާމީނާ ދެބޭންގެ މެދުގައި ޖެހުނު މައްސަލަގަނޑުގެ ސަބަބުންނެވެ. ކޯޓުންވެސް ޕީޕީއެމް ނުލިބޭނެކަން ކަށަވަރުވުމުން، މައުމޫން ޕީޕީއެމް ދޫކުރައްވައި، އަނެއްކާވެސް އާ ޕާޓީއެއް އުފެއްދެވިއެވެ. އެއީ "މޯލްޑިވިސް ރިފޯމް މޫވްމެންޓް"(އެމްއާރްއެމް) އެވެ.

މައުމޫންގެ އާއިލީ ގިނަ ބަޔަކު އިސް ސަފަށް ނެރެ، އެމްއާރްއެމް އުފެއްދީ 20 ނޮވެމްބަރު 2019 ގައެވެ. އެ ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްވެސް މެއެވެ. މި ސަރުކާރު ވެރިކަމަށް ގެނައުމުގައި މައުމޫންގެ ހިއްސާވެސް އޮތެވެ. ސަރުކާރުގެ ޕާޓްނަރެއްގެ ގޮތުގައި ގާތްގަނޑަކަށް ތިން އަހަރުވުމަށް ފަހު، އެމްއާރްއެމް ފެނިގެން ގޮސްފައިވަނީ ސަރުކާރާ ފެޔަށް ޖެހެމުންދާ މަންޒަރެވެ. ނުސީދާ ގޮތެއްގައި ސަރުކާރަށް ފާޑުކިޔާތަން ފެނިގެން ގޮސްފައިވެއެވެ. އެންމެ ބޮޑު ނުރުހުމެއް އެމްއާރްއެމްގެ އޮތީ ކޯލިޝަން އެގްރީމަންޓަށް އަމަލުނުކުރާ ކަމަށް ބުނެއެވެ. ވައުދާ ހިލާފުވި ކަމަށް ބުނެއެވެ. ސަރުކާރުގެ ތެރެއިން އެމްއާރްއެމްގެ ބާރު ކެނޑެން ފެށުމުން، ފާޅުގައި ސަރުކާރަށް ފާޑުކިޔަން ފެށިއެވެ. އެހާ ހިސާބުން އެމްއާރްއެމަށާއި ރައީސް މައުމޫނަށް އޮތް ތާއީދު އިހުނަށްވުރެވެސް ކުޑަވިއެވެ. އެންމެ ފަހުން ޕާޓީއަށް މެންބަރުން ހަމަނުވާ ހިސާބަށް ގޮސް، ޕާޓީ އުވާލަން ނިންމިކަން އިލެކްޝަން ކޮމިޝަނުން އިއްޔެ ވަނީ ބުނެފައެވެ.

އެމްއާރްއެމް އުވާލަން ނިންމީ ދެ ފަހަރެއްގެ މަތިން ނޯޓިސް ދިނުމަށް ފަހު، މެންބަރުން ހަމަނުކުރެވިގެންނެވެ. މެންބަރުން ހަމަކުރަން އެމްއާރްއެމަށް ހައެއްކަ މަސް ލިބުނުއިރު، މައުމޫނަށް ހާހެއްހާ ސައްހަ މެންބަރުންވެސް ނުހޯދުނީއެވެ. އެންމެ ފަހުން، މައުމޫންގެ ފަހުގެ ހުޅުކޮޅު އެމްއާރްއެމްވެސް ނިވުމާ ގާތްވީއެވެ.

އެމްއާރްއެމް އުވާލަން ނިންމުމުން އެ ޕާޓީގެ ރައީސްކަމުގައި މިހާރު ހުންނެވި މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނަށްވެސް އަދި ރައީސް މައުމޫނަށްވެސް ގޯސްވީ އިިލެކްޝަން ކޮމިޝަނެވެ. ސަރުކާރެވެ.

"އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ މި ނިންމެވުމަކީ، ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން، ގާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމުގައި ދެކެން. މިކަމުން އަންގައިދެނީ، ގައުމުގައި ފަސާދައާއި ކޮރަޕްޝަންގެ ވަކި ހިއްޕާލާފައިވާ މިންވަރެވެ. ހަމައެހެންމެ، ގައުމުގައި ގާނޫނު ހިންގުމަށް ނުކުޅެދިފައިވާ މިންވަރު" ފާރިސް ރޭ ކުރެއްވި ޓުވީޓުގައިވެއެވެ.

އެމްއާރްއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ވިދާޅުވެފައިވާ ގޮތުގައި އެމްއާރްއެމް އުވާލިއިރު 5،300 ފޯމު ހުށަހަޅާފައިވެއެވެ.

ރައީސް މައުމޫންވެސް ވަނީ އެމްއާރްއެެމް އުވާލުވުމުގައި ކޮރަޕްޝަން އެކުލެވޭކަމުގެ ތުހުމަތު އީސީއަށް ކުރައްވައިފައެވެ. އެގޮތުން މައުމޫން ވިދާޅުވި ގޮތުގައި އީސީގެ ގާނޫނާ ހިލާފު އެ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރައްވައި ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ގާނޫނާ ހިލާފު އަދި ކޮރަޕްޓް ނިންމުމާ ދެކޮޅަށް މަސައްކަތްކޮށް ކާމިޔާބު ހޯދާނަން،" މައުމޫން ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫންގެ، އެމްއާރްއެމް އުވާލި މައްސަލައިގައި އީސީ ގޮވައިގެން ކޯޓަށް ދިއުމަށް އެ ޕާޓީން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. ފާރިސްވެސް، މައުމޫންވެސް އެދިވަޑައިގެންފައިވަނީ މެންބަރުން ސާބިތުކަންމަތީ ތިއްބެވުމަށެވެ. އެމްއާރްއެމަށް ކޯޓުން ކާމިޔާބީ ލިބުނަސް ނުލިބުނަސް ގަބޫލު ކުރަން ޖެހޭ ހަގީގަތެއް މިއަދު އެބައޮތެވެ. ރައްޔިތުންގެ ތާއީދު އޮތް ވަރުގަދަ ސިޔާސީ ޝަޚުސިއްޔަތެއްގެ މިލައި މޯޅިވުމެވެ. އެ އަޑާއި އެ ނަން ރާއްޖޭގެ ސިޔާސީ މައިދާނުގައި ފަނޑުވެގެންގޮސްފައިވާ ކަމެވެ. އެ ފިކުރު ރާއްޖޭގެ އުދަރެހުން ފޮހެވިގެންދާ ކަމެވެ.

އެމްއާރްއެމް ވަރުގަދަ ކުރުމުގައި މައުމޫނަށް ކާމިޔާބު ހޯއްދެވިފައެއް ނުވެއެވެ. އިތުރު ހާހެއްހާ މެންބަރުން ހޯދައި ޕާޓީ ސަލާމަތް ކުރެއްވުމުގައި ޕާޓީގެ ރައީސް، ފާރިސް މައުމޫންވެސް ވަނީ ނާކާމިޔާބު ވެވަޑައިގެންފަ އެވެ. އަދި ޕާޓީގެ އެކްސްކޯ އަދި އެހެނިހެން ލީޑަރުންވެސް ވަނީ ޕާޓީގެ މެންބަރުންގެ އަދަދު 3000 އަށްވުރެ ދަށަށް ދިޔަ ނުދީ ހިފެހެއްޓުމުގައި ނުކުޅެދިފައެވެ. މިއީ މައުމޫން ފަދަ ލެގަސީއެއް މި ރާއްޖޭގައި އޮތް ސިޔާސީ ލީޑަރެއްގެ ތަރި އޮއްސެމުންދާ ގޮތުގެ ވަރުގަދަ ފިލާވަޅެކެވެ. ހުރިހާ ސިޔާސީންނަށް ވެސް ވަރުގަދަ އިބުރަތެކެވެ. އަރައިފި ތަރިއެއް އޮއްސޭނެ އެވެ. މައުމޫންގެ ސިޔާސީ ތަރިވެސް އޮއްސުނީ އެވެ.