އެކުވެރި ޝިމްރީއާ މި ދިމާވީ ލައްކަ ދުވަސް ކޮށްފައެވެ. މިއަދު އޭނާގެ އޮތީ މުޅީން ތަފާތު ވާހަކައެކެވެ.

ޝިމްރީ: ބްރޯ މަށަށް ހީވަނީ އެއްކަމެއް ނުކުރިޔަސް ދައުރަކު މަދުވެގެން ދެ ރައީސުންނަށް ތިބެވޭނެ ގޮތެއް ހަދަން އެބަ ޖެހޭހެން!

މަ: އެޔޯ؟ މިއަދު އަނެއްކާ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟

ޝިމްރީ: ދެން ބްރޯއަށްވެސް އެބަ ފެނޭނު، 2013 އިން ފެށިގެން ހަމަ މިހާލެއްގަ އުޅެން މި ޖެހެނީ! އަސްލެއް ނަގުލީއެއް ނޭނގެ.

ސަމާސާ މިސާޖުގައިވެސް ޝިމްރީއަކީ ސީރިއަސް މައްސަލަތައް ތިލަކުރާ އެކުވެރިޔެކެވެ. މިއަދު އެ ދައްކަނީ ރައީސް ޔާމީންގެ ވެރިކަމުގައި، ރައީސް މައުމޫނަށް މޭޒުކޮޅެއް ބަހައްޓައިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައީސް ނަޝީދަށް އުރައިން ޖާގަ ދެއްވައިގެން، އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ޔާމީނަށް ގޮނޑިއެއް ހުސްކޮށް ބަހައްޓައިގެން އުޅުއްވާން ޖެހިވަޑައިގަންނަވާތީ އެވާހަކައެވެ.

ޝިމްރީ: ބްރޯ އަހަރެމެންނަށް ގާނޫނު އަސާސީއަށް އިސްލާހެއް ވައްޓައިލެވޭނެ ގޮތެއް ނެތްތަ؟ އޭރުން ހޮވޭ ރައީސް ނޫން މީހަކު ސިސްޓަމްތެރެޔަށް ވައިވެސް ނޭޅޭނެ ގޮތަކަށް ރޭވިދާނެއެއްނު!

މިއަދުވެސް ވާހަކަ މިހާ ހިސާބަށް ނިމުނީއެވެ. ހައްލު ހޯދުން މުހިންމު، ސީރިއަސް މައުޟޫއެކެވެ.