ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ދޮގު ބަޔާން ނެރޭނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅައި ހައްގުތައް ރައްކާތެރިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރެއްވުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ މާލޭ ސިޓީގެ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ އެ ކޯލިޝަނަށް އިންޒާރުދެއްވައިފިއެވެ.
ނަހުލާ މިހެން ވިދާޅުވީ ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި، އެޕާޓީގެ މެންބަރުކަމުން ވަކިކޮށްފައިވާ ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ އެ ކޯލިޝަންގެ އިންތިހާބުގެ މަސްލަހަތު ނަގާލައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަމުންދާ ބުނެފައިވާތީއެވެ.
އެ ބަޔާނުގައި ޕީޕީއެމުން ބުނެފައިވަނީ، ނަހުލާ ގެންދަވަނީ އެ ކޯލިޝަންގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދު އޮތީ ވަކި ކެންޑިޑޭޓަކަށް ކަމަށް ވިދާޅުވެ ގޭގެއަށް ޒިޔާރަތް ކުރަމުން ކަމަށެވެ. އަދި ނަހުލާއަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދެއްކުމުގެ ހައްގެއް ނޯންނާނެ ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ނަހުލާ "ވަން" އަށް މިއަދު ވިދާޅުވީ، އޭނާ އާއި އޭނާގެ އާއިލާ ބަދުނާމުވާގޮތަށް ޕީޕީއެމުން މީގެ ކުރިންވެސް ބަޔާން ނެރެފައިވާ ކަމަށެވެ. މިހާރުވެސް އޭނާ އާއި އާއިލާ ބަދުނާމުވާ ގޮތަށް ބަޔާން ނެރެމުންދާތީ އެކަމަށް ޕީޕީއެމް ކޯލިޝަނުން މައާފަށް އެދެން ޖެހޭނެ ކަމަށެވެ. މިފަދަ ކަންކަން ތަކުރާރުވާނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ފަސްނުޖެހޭނެ ކަމަށެވެ.
ނަހުލާ ވިދާޅުވީ ބަޔާން ނެރުނީ ވަކި ކެންޑިޑޭޓަކަށް ތާއީދުކުރައްވާތީ ކަމަށެވެ. އެއީ އޭނާގެ އަމިއްލަ މިނިވަންކަން ކަމަށާއި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ޕީޕީއެމް ކޯލިޝަނުން ނުފޫޒު ފޯރުވާ ކަމަށެވެ.
ނަހުލާ ވިދާޅުވީ ވިލިމާލޭ ދާއިރާއަށް ޕީޕީއެމް ކޯލިޝަނުގެ ފަރާތުން ދެ ކެންޑިޑޭޓަކު ވާދަކޮށްފައިވާއިރު އެ ދެ ކެންޑިޑޭޓުންވެސް އޭނާގެ ތާއީދު ބޭނުންވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
"އަޅުގަނޑު ގާތު އެމްޕީ މުހައްމަދު އިސްމާއިލްވެސް އަދި އުސްތާޒް ސަލީމްވެސް ތާއީދަށް އެދުނު. ދެން އަޅުގަނޑު ތާއީދުކުރަން ނިންމީ ވިލިމާލެ ދާއިރާއަށް އެންމެ ފައިދާ ވާނީ ސަލީމް ހޮވުމުން ކަމަށްވާތީ ސަލީމަށް. އެއީ އަޅުގަނޑަށް ގާނޫނީ ގޮތުން ލިބިދީފަ އޮތް ހައްގެއް، އަޅުގަނޑު ބޭނުން މީހަކަށް ތާއީދު ކުރުން މީ އަމިއްލަ މިނިވަންކަމެއް. ދެން އަޅުގަނޑު ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރާތީ އަސްލު ބަޔާން މި ނެރުނީ. އަޅުގަނޑެއް ނޫނެއްނު އެހެންވީމަ ނުފޫޒު މި ފޯރުވަނީ. ނުފޫޒު މި ފޯރުވަނީ ޕީޕީއެމް ކޯލިޝަނުން ނޫންތޯ؟" ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވަނީ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ހަރަކާތު ކޮމެޓީގެ ޗެއާ މުހައްމަދު އިސްމާއިލް ކުރައްވައިފައިވާ މެސެޖުތަކުގެ ސްކްރީން ޝޮޓުތަކެއް ވެސް "ވަން" އާ ހިއްސާކުރައްވައިފައެވެ. އެ މެސެޖުތަކުން ފެންނަ ގޮތުގައި މުހައްމަދު އިސްމާއިލް ތަކުރާރުކޮށް ނަހުލާ އަށް ގުޅުއްވިކަން އެނގެއެވެ. އަދި ނަހުލާ "ކީކޭތޯ" އެއްސެވުމުން ނަހުލާގެ ތާއީދު ބޭނުންވާ ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވެއެވެ.
މި މެސެޖުގެ ޖަވާބަށް ނަހުލާ ވިދާޅުވެފައިވަނީ ޕާޓީން ވަކިކުރިނަމަވެސް ތާއީދު ކުރައްވަނީ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ކަމަށެވެ. އެމަނިކުފާނު ތާއީދު ކުރައްވަނީ ކާކަށްތޯ ވެސް އައްސަވައިފައިވެއެވެ. އޭނާ މަސައްކަތްކުރައްވާނީ ރައީސް ޔާމީން އެންގެވި ގޮތަކަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޕީޕީއެމްގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު