ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ރޭ ލިވަޕޫލުން ނަޕޯލީ ބަލިކުރި އިރު، ފަހަތުން އަރައި މާސޭ ބަލިކޮށް، ޓޮޓެންހަމް ހޮޓްސްޕާސް ގަދަ 16 އަށް ދަތުރު ކޮށްފިއެވެ.
ލިވަޕޫލުން ރޭ އެންފީލްޑްގައި ނަޕޯލީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ މިހާތަނަށް ސީޒަނުގައި ނަޕޯލީ ބަލިވި ފުރަތަމަ މެޗެވެ. ރޭގެ މެޗަށް ނަޕޯލީން ނުކުތީ އެންމެފަހުން އެޓީމުން ކުޅުނު 21 މެޗުގައިވެސް ބަލިނުވެ އޮވެގެންނެވެ. ނަޕޯލީން މިވަގުތު އިޓަލިއަން ސެރެއާ އޭވެސް ލީޑު ކުރަމުންދާ އިރު، ރޭގެ ބައްޔާ އެކުވެސް ޗެމްޕިއަންސް ލީގު އޭ ނިންމާލީ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެއީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ނަޕޯލީއާއި ލިވަޕޫލަށްވެސް ހަ މެޗުން 15 ޕޮއިންޓް ލިބިފައިވާ އިރު، ފޯމުގައި ކުޅެމުން އައި ނަޕޯލީން އޮތީ ފައިދާ 14 ގޯލާއެކުގައެވެ. ލިވަޕޫލަސް ހަ މެޗުން ލިބިފައި ވަނީ ފައިދާ 11 ގޯލެވެ. އެ ގްރޫޕުން ތިންވަނަ ޓީމުގެ ގޮތުގައި ޔޫރޮޕާއަށް ދިޔައީ އަޔެކްސްއެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި އެންމެ އެދެވޭ ހަމަލާތަކެއް ނުފެނި ދިޔަ އިރު، ދެ ގޯލުވެސް ފެނުނީ ފަހު 10 މިނެޓް ތެރޭގައެވެ. ލިވަޕޫލްގެ ފުރަތަމަ ގޯލު 85 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ސަލާހެވެ. އޭގެ ފަހުން ރަނގަޅަށް މަސައްކަތްކުރަމުން ދިޔަ ލިވަޕޫލުން ވަނީ މެޗުގެ ފަހު މިނެޓުގައި ގޯލު ޖަހައި ތިން ޕޮއިންޓް ޔަގީން ކޮށްފައެވެ. އެ ގޯލު ޖެހީ ޑާވިން ނުނޭޒެވެ.
ރޭގެ ފަހު މެޗުތަކަށް ނުކުތް އިރު، އެންމެ ވާދަވެރިކޮށް އޮތް ގްރޫޕަކީ ގްރޫޕް ޑީއެވެ. އެ ގްރޫޕުގެ ހަތަރު ޓީމަށްވެސް ގަދަ 16 ގެ ފުރުސަތު އޮތް އިރު، މެޗުތައްވެސް ފެނުނީ ތަފާތު ފޯރިގަދަ ކޮށެވެ. ސްޕާސްއިން ފަހު މިނެޓުގައި ގޯލުގައި ޖަހައި މާސޭ ބަލިކުރީ 2-1 އިންނެވެ. އަނެއް މެޗުގައި ފްރެންކްފާޓުން ވަނީ 2-1 އިން ސްޕޯޓިން ލިސްބަން ބަލިކޮށް، ގަދަ 16 ޔަގީން ކޮށްފައެވެ.
ސްޕާސްއަށް ގްރޫޕްގެ އެއްވަނަ ލިބުނީ ހަ މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ފްރެންކްފާޓް ދެވަނަ ހޯދީ ހަ މެޗުން 10 ޕޮއިންޓާއެކުގައެވެ. ސްޕޯޓިން ޔޫރޮޕާ އަށް ދިޔައީ ހަ މެޗުން ހަތް ޕޮއިންޓާ އެކުގައެވެ.
ސްޕާސްއިން ރޭ ރަށުން ބޭރުގައި ކުޅުނު މެޗަށް ނުކުންނަން ޖެހުނީ ކޯޗު އެންޓޯނިއޯ ކޮންޓޭ ބެންޗުން ބޭރުގައި ބައިދައިގެންނެވެ. އެއީ ރަތް ކާޑަކާއެކު ސަސްޕެންޝަނުގައި ހުރުމުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ޗަންސެލް އެމްބެންމްބޭ މާސޭއަށް ލީޑު ނަގައިދިން ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ކުޅުން ރަނގަޅުކޮށް، 54 މިނެޓް ކްލެމެންޓް ލެންގްލޭ ޖެހި ގޯލުން ސްޕާސް ނަތީޖާ ހަމަހަމަ ކުރިއެވެ.
ސްޕާސްއިން ގްރޫޕްގެ އެއްވަނަ ހޯދި ގޯލު ޖެހީ މެޗު ފަހު މިނެޓުގައެވެ. އެ ގޯލު، ހެރީ ކޭންގެ ބޯޅަކުން ޖަހައިދިނީ ޕިއޭ-އެމީލް ހޮއިބިއާއެވެ.