ޚަބަރު

އުދައްޔުގެ މަރު: ކުޑަކުއްޖާ 25 އަހަރަށް ޖަލަށް، މަރުގެ ދިޔައަށް އެއް މިލިއަން

މުހައްމަދު އިޝާން

ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެރަށު ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔު މަރުވި މައްސަލައިގައި ދައުވާ އުފުލާފައިވާ ކުޑަކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުން މިއަދު އަދަބު ކަނޑައަޅައިފިއެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި 17 އަހަރުގެ ކުއްޖާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވުމާ ގުޅިގެން އެ ކުއްޖާ 25 އަހަރާއި ފަސް މަހަށް ބަންދުކުރުމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މިޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު މިރޭ މީޑިއާތަކަށް ވިދާޅުވީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާ ގުޅިގެން އެ ކުއްޖާ 18 އަހަރާއި ނުވަ މަހަށް ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދު ކުރުމަށާއި މަރުގެ ދިޔައިގެ ގޮތުގައި މިއަދުން ފެށިގެން އެއް މިލިއަން ރުފިޔާ އުދައްޔުގެ ވާރިސުންނަށް ދިނުމަށާއި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ހުކުމް ކޮށްފައިވާ ކަމަށެވެ.

މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއާ ގުޅިގެން އެ ކުއްޖާ ހަ އަހަރާއި އަށް މަސް ދުވަހަށް ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރުމަށް ހުކުމްކޮށްފައިވާ ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

އުދައްޔުގެ މަރުގެ މައްސަލައާ ގުޅިގެން ދެން ދައުވާކޮށްފައިވަނީ ގއ. މާމެންދޫ/ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ދައުލަތުން ކުރެއެވެ.

އެ ތިން މީހުންގެ މައްސަލައިގެ މިހާރު ކުރިއަށްދަނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކި ބަސް ނެގުމެވެ.