ޚަބަރު

ކަނޑުމަހުން ޑިއުޓީ މައާފުކޮށްދޭން އަނެއްކާވެސް އީޔޫގައި އެދިއްޖެ

މުހައްމަދު އިޝާން

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް ރާއްޖޭން އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކަށް ޑިއުޓީ ފްރީ އެކްސެސް ނުވަތަ ޑިއުޓީ މައާފުކޮށްދޭން އީޔޫގައި ރާއްޖޭން އަނެއްކާވެސް އެދިއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ފޮރިން މިނިސްޓްރީގައި "ރާއްޖެ-އީޔޫ ތިންވަނަ ރަސްމީ ބައްދަލުވުން" ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ރާއްޖެއިން ވަނީ އީޔޫއަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ ބާވަތްތަކަށް ޑިއުޓީ މައާފުކޮށްދިނުމާ މެދު އީޔޫއިން ވިސްނުމަށް އެދިފައެވެ. އަދި އީޔޫއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދިނުމަށް ވެސް ވަނީ އެދިފައެވެ.

"ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއިން، އީޔޫއަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކުން ޑިއުޓާ މައާފުކޮށްދިނުމަށް އެދޭ އެދުން ތަކުރާރުކޮށްފައި. އީޔޫގެ މެމްބަރު ގައުމުތަކުގެ ރައްޔިތުންނާއި ދިވެހި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ދިވެހިންނަށް އީޔޫގެ ގައުމުތަކުން އޮން އެރައިވަލް ވިސާ ދިނުމަށް ވެސް ވަނީ އެދިފައި،" ސަރުކާރުން ބުންޏެވެ.

ރާއްޖެއިން އީޔޫއަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކުން ޑިއުޓީ ނަގަން ފަށާފައިވަނީ 2011 ވަނަ އަހަރުއެވެ. އީޔޫގެ ގައުމުތަކުން ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް ޑިއުޓީ ނަގަން ފެށީ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށް، ތަރައްގީވަމުުން އަންނަ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށްފަހުއެވެ. ކަނޑުމަހުން ޑިއުޓީ ނަގަން ފެށުމުން މީގެ ކުރިން ވެސް ދިވެހި ސަރުކާރުން ވަނީ އެ ޑިއުޓީ މައާފުކޮށްދިނުމަށް އީޔޫގައި އެދިފައެވެ.

އީޔޫއާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން ވަނީ ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް އީޔޫއާއި ރާއްޖެެ ވައުދުވެފައިވާތީ އެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ބޭނުންވާކަން ހާމަކޮށްފައެވެ. އަދި އިންޑިއާ ކަނޑުމަހުގެ ސްޓޮކުތައް ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން ރާއްޖެއިން ވަނީ ޓެރަރިޒަމާއި ވިޔަފާރި އަދި އިގުތިސޯދީ ގޮތުން މިހާރަށްވުރެ ބޮޑަށް އީޔޫއާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާކަން ހާމަކޮށްފައެވެ.

އެ ބައްދަލުވުމުގައި އީޔޫއިން ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ރިޔާސަތުގެ ދަށުން އދ.ގެ ޖެނެރަލް އެސެމްބްލީ ކުރިއަށްގެންދެވި ގޮތާ މެދު ތައުރީފުކޮށްފައެވެ. އަދި އީޔޫއިން ވަނީ އިންޑް ޕެސިފިކް ސްޓެރެޖެޓީއަށް ރާއްޖެއިން އެއްބާރުލުން ދެވެން ހުރި ގޮތްތަކާ މެދު ވެސް ރާއްޖެއާ މަޝްވަރާކޮށްފައެވެ.

ޑިމޮކްރެޓިކް ވެރިކަން، ގާނޫނޫ ނެގެހެއްޓުމަށް އަދި ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އީޔޫއިން ވަނީ ތައުރީފުކޮށްފައެވެ. އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި އަދުލުގެ ދާއިރާގެ ކަންކަން ތަންފީޒު ކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތް ވެސް އީޔޫއިން ވަނީ ފާހަގަކޮށްފައެވެ. ރާއްޖެއިން އެ ދާއިރާތަކުގައި ކުރާ މަސައްކަތަށް އަބަދުވެސް އެއްބާރުލުންދޭނެ ކަމަށް އީޔޫއިން ބުންޏެވެ.

އެ ބައްދަލުވުމުގައި އީޔޫއިން ވަނީ ޑިމޮކްރެޓިކް ވެރިކަން ވަރުގަދަކުރުމާއި، ގާނޫނީ ވެރިކަން ހަރުދަނާކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި، އިންސާނީ ހައްގުތައް ކުރިއެރުވުމާއި ހިމާޔަތްކުރުމާއި، އަދުލުގެ ދާއިރާއަށް އިސްލާހުތައް ތަންފީޒުކުރުމަށް މޯލްޑިވްސް ސަރުކާރުން ކުރާ މަސައްކަތަށް މަރުހަބާ ކިޔައިފައެވެ. ރާއްޖޭގެ މަސައްކަތަށް މެދުނުކެނޑި ވަރުގަދަ އެއްބާރުލުމެއް ދެމުން އަންނަކަން ފާހަގަކޮށް، އެ އިސްލާހުތައް ތަންފީޒުކުރުމުގެ މުހިންމުކަން ވެސް އީޔޫއިން ފާހަގަކުރިއެވެ.

މީގެ އިތުރުން ތިމާވެށީގެ ކަންކަމުގައި ރާއްޖެއާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރަން ބޭނުންވާކަން ވެސް ބައްދަލުވުމުގައި އީޔޫއިން ވަނީ ފާހަގަކޮށްފައެވެ.