އެފްއޭއެމް

ނުދެވި ހުރި މުސާރަތަކުގެ މައްސަލައަށް ފަސޭހަގޮތެއް ހޯދަން އެފްއޭއެމުން ފީފާއާއެކު މަޝްވަރާ ފަށައިފި

މުޙައްމަދު ޝަމްޢޫން

ރާއްޖޭގައި އެކި ފަހަރުތަކުގެ މަތިން މަސައްކަތްކުރި ކޯޗުންނަށް ނުދެވި ހުރި މުސާރަތަކުގެ ފައިސާ ދެއްކުމަށް ފަސޭހަ ގޮތެއް ހޯދަން އެފްއޭއެމްއިން ފީފާއާ ވާހަކަ ދައްކަމުން އަންނަކަމަށް އެ އިދާރާއިން ބުނެފިއެވެ.

މިދިޔަ ދެއަހަރެއްހައި ދުވަސްތެރޭގައި އެތައް ކޯޗުންނެއް މުސާރައިގެ މައްސަލަތައް އެފްއޭއެމްއާ ދެކޮޅަށް ކާމިޔާބު ކޮށްފައިވެއެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަމުގައި މިދިޔަ އަހަރު ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިތުރުން އޭނާގެ އެސިސްޓެންޓް ރެނޭ ހިޑިންކާއި އަންހެން ޓީމުގެ ކޯޗުކަމުގައި ކުރިން ހުރި ޑެވޮން ބަބާވެސް ވަނީ ފީފާއިން މައްސަލަ ކާމިޔާބު ކޮށްފައެވެ. އެ ކޯޗުންނަށް ބަދަލުގެ ގޮތުގައި އެފްއޭއެމަށް ބޮޑެތި އަދަދުތަކެއް ދޭން ޖެހެއެވެ. ރެނޭއަށް އެކަނިވެސް 187،375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން ފީފާގެ ޓްރައިބިއުނަލުން އެފްއޭއެމަށް ވަނީ އަންގައިފައެވެ.

އޭގެ އިތުރުން އެންމެފަހުން ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައި ހުރި ސިމާއޯ ކޮސްޓާ ވެސް ދަމުން ބުނެފައިވަނީ މުސާރަ ނުދީ އޮތް ކަމަށެވެ. އޭގެ އިތުރުން ގައުމީ ޓީމުގެ ތަރުޖަމާނަކަށް ހުރި އެމިލިއޯ މިގްނޮލީއަށްވެސް ދޭން ޖެހޭ ފައިސާ ނުދީވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ ފައިސާތަކާއެކު އެފްއޭއެމްއަށް ދަރަނީގެ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ އިރު، އެ ފައިސާ އެއްފަހަރާ ދެއްކުންވެސް އެއީ ބޮޑު ތަކުލީފަކަށްވެފައިވާ ކަމަށް އެފްއޭއެމުން ބުނެއެވެ. ފައިސާ ދެއްކުމާ ގުޅޭގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ ފީފާއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ފީފާއާއި ޑިސްޕިއުޓް ރިސޮލިއުޝަން ޗެމްބާއާވެސް މިދަނީ މަޝްވަރާތައް ކުރަމުން. އެކަމުގަ ފޮލޯކުރަން ޖެހޭ ޕްރޮސީޖާތައް ހުރުމާއެކު މާ ބޮޑު ތަފްސީލެއް ހާމަކުރެވޭކަށް މިވަގުތު އަދި ނެތް. އެއީ ސްޓޭންޑާޑް ޕްރޮސީޖާތަކެއް ފުރިހަމަ ކުރަން ޖެހޭ ކަންކަމަށްވާތީ،" ޖަވާ ވިދާޅުވިއެވެ.

ކޯޗުންގެ މުސާރައިގެ އިތުރުންވެސް އެފްއޭއެމަށް ވަނީ ފައިސާގެ ދަތިތަކާ ދިމާވެފައެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ތިން އަހަރުގެ ކަރަންޓު ބިލުތަކަށްވާ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލާފައިވާ އިރު، އޭޑީކޭ ކޮމްޕެނީއަށް 150000 އަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ދާދިފަހުން ސިވިލް ކޯޓުންވެސް ވަނީ އެފްއޭއެމްގެ މައްޗަށް ހުކުމް ކޮށްފައެވެ.

އޭގެ އިތުރުން ގައުމީ ސީނިއާ ޓީމު ކުޅުންތެރިންނަށް ސާފު ޗެމްޕިއަންޝިޕަށް ފަހު ދޭން ބުނި ބޯނަސް ފައިސާ އެއްއަހަރު ވީއިރުވެސް ދީފައެއް ނުވެއެވެ. ސާފް ޗެމްޕިއަންޝިޕަށް ފަހު ޓީމަށް ހަދިޔާކުރި ފައިސާ ދީފައިވަނީ އަމިއްލަ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު މޫސާ (އުއްޗު) އެވެ. އުއްޗު އެ ފައިސާ ދީފައިވަނީ އޭނާގެ ރިސޯޓު، ކުރެއްދޫ އައިލެންޑް ރިސޯޓާ ދެކޮޅަށް ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗަކަށްފަހުއެވެ. އޭނާ ދީފައި ވަނީ ޖުމުލަ 1.2 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އުއްޗު އަމިއްލައަށް ހަދިޔާކުރީ 500،000 ރުފިޔާއެވެ.

އުއްޗުގެ އިތުރުން ދެން ފައިސާ ހަދިޔާކުރީ އެކިއެކި ސްޕޮންސަރުންނެވެ. އޭގެ ތެރޭގައި ސްޕޮންސަރުންގެ ގޮތުގައި ފައިސާ ހަވާލުކުރީ ދިރާގާއި އެސްޓީއޯގެ އިތުރުން ވިލާ ހޮޓެލްސްއެވެ. ގައުމީ ޓީމަށް އެ ހުރިހާ ފަރާތްތަކުން ދިން ފައިސާ ބަހަން އެފްއޭއެމުން ނިންމާފައިވީ ނަމަވެސް، މިއަދާ ހަމައަށް ކުޅުންތެރިންނަށް އެ ފައިސާ ދީފައެއް ނުވެއެވެ.