ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި އަފްގާނިސްތާން ބަލިކޮށް، ޕާކިސްތާނުން މުބާރާތުގެ ތަށި ހޯދައިފިއެވެ.

ފައިނަލް މެޗުގައި ޕާކިސްތާނުން އަފްގާނިސްތާން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިފަހަރުގެ މުބާރާތަށް ނުކުތް އިރު، ޕާކިސްތާނުން އެންމެފަހުން ބައިނަލްއަގުވާމީ ފުޓުބޯޅައިގައި މޮޅެއް ހޯދާފައި އޮތީ 2023 ވަނަ އަހަރުއެވެ. މެޗަކުން ބަލިނުވެ ޕާކިސްތާނުން މުބާރާތް ނެގީ ދެފަހަރު އަފްގާނިސްތާން ބަލިކޮށް، ރާއްޖެވެސް ބަލިކޮށްގެންނެވެ. އޭގެ އިތުރުން ބަންގްލަދޭޝްގެ ޒުވާން ޓީމު ކައިރިން އެޓީމު ވަނީ އެއްވަރުވެފައެވެ.

ޕާކިސްތާނަށް މިދިޔަ ފަސް ވަރަކަށް އަހަރު ފުޓުބޯޅައިގައި އުނދަގޫ ހާލަތްތަކާ ކުރިމަތިވެފައިވާ އިރު، މިފަހަރުގެ ތަށްޓަކީ 1991 ވަނަ އަހަރު ސާފް ގޭމްސްގެ ފުޓުބޯޅަ ތަށްޓަށްފަހު ހޯދި ފުރަތަމަ ކާމިޔާބީއެވެ. މިހާރު ޕާކިސްތާނު ޓީމުގައި ޔޫރަޕްގެ އެކިއެކި ޑިވިޝަންތަކުގައި ހިމެނޭ އަދަދު ގިނައެވެ. މެޗުގެ ކުރިންވެސް ކޯޗު ނޮލްބާޓޯ ސޮލާނޯ ފާހަގަކުރީ އެ ކުޅުންތެރިންގެ އެހީ ޓީމަށް ބޮޑު ކަމަށެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު ފައިނަލްގެ 24 ވަނަ މިނިޓްގައި ޕާކިސްތާނުން ލީޑު ނެގިއެވެ. އެއީ ޝާޔަކް ދޯސްތު ޖެހި ގޯލުންނެވެ. އެ ގޯލަކީ އޭރިއާ ތެރެއިން އޯޓިސް ހާން ފޮނުވާލަން މަސައްކަތްކުރި ބޯޅަ ފައިގައި ޖެހިފައި އޭރިއާތެރެއިން މައްޗަށް އެރި ވަގުތުގައި އެކްރަބެޓިކް ކިކަކުން ބޯޅަ ގޯލަށް ވައްދާލައިގެން އޭނާ ޖެހި ގޯލެކެވެ.

ޕާކިސްތާނުން މުބާރާތް ކާމިޔާބުކޮށް އުފާފާޅުކުރުމުގެ ތެރެއިން --- ފޮޓޯ/ ވަން ސްޕޯޓްސް

ހާފު ނިމެން ދަނިކޮށް އަފްގާނިސްތާނުގެ އޮމިދު މުސާވީ ފޮނުވާލި ހަމަލާ ދަނޑިއަށް އަމާޒުވި އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ޕާކިސްތާނުގެ ހާބޯ ޓައުންސް ފޮނުވާލި ހަމަލާވެސް ދަނޑިއަށް އަމާޒުވިއެވެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓް ތެރޭ އަފްގާނިސްތާނުން ގޯލެއް ޖަހަން ވަރަށް ބޮޑަށް ކުރިއަށް ޖެހުނު އިރު، އޭގެ ސަބަބުން ތަނަވަސްވި ކައުންޓާގައި ޕާކިސްތާނުގެ ދެވަނަ ގޯލް ޖެހީ ހާރޫން ރަޝީދެވެ.

ޕާކިސްތާނުން މުބާރާތް ކާމިޔާބުކޮށް އުފާފާޅުކުރުމުގެ ތެރެއިން --- ފޮޓޯ/ ވަން ސްޕޯޓްސް

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޕާކިސްތާނުގެ އޯޓިސް ހާނެވެ. އޭނާއަކީ އިނގިރޭސި އެކި ޑިވިޝަންތަކުގައި ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.