އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަތަކުގެ ތެރެއިން، އަމީން ކޮންސްޓްރަކްޝަން އިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ އެޕާޓްމަންޓުން އެއްވެސް މުއާމަލާތެއް ނުކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

މިއަދު އެ ކޯޓުން އެ އަމުރު ނެރެފައިވަނީ، އެފްއޭއެމް ހިޔާނާތުގެ މައްސަލާގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި "މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ" ދައުވާ ދަށުކޯޓުން ސާބިތު ނުވި މައްސަލަ ނިމެންދެނެވެ. އެ މައްސަލަ މިހާރު އޮތީ ދައުލަތުން ހައިކޯޓަށް ހުށަހަޅައިފައެވެ.

އެފްއޭއެމް ހިޔާނާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް މިދިޔަ ޖެނުއަރީމަހުގެ ހަ ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ

ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ދައުލަތުން ހައިކޯޓުގައި އެދިފައިވާނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށްޓަކައި ކުރިމިނަލް ކޯޓަށް މައްސަލަ ތަހުވީލުކޮށްދިނުމަށެވެ.

މި އިސްތިއުނާފީ މައްސަލައާއެކު، މަނީ ލޯންޑްރިންގެ ކުށާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕާޓްމަންޓް A1205 އަދި A1206 އިން މުއާމަލާތުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ހައިކޯޓުގައި އެދުނުކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރީން ބުނެފައިވެއެވެ. މި ގޮތަށް އެދިފައިވާނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު ގެ 51 ވަނަ މާއްދާގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.

މިއަދު ހައިކޯޓުން ނެރުނު ވަގުތީ އަމުރަކީ ޕްރޮސިކިއުޓާޖެނެރަލްގެ އޮފީހުން އެދިގެން ނެރެފައިވާ އަމުރެކެވެ.